އެމްޓީސީސީއާ ދެކޮޅަށް މައުމޫން ހުށަހެޅުއްވި އިސްތިއުނާފް ބާތިލް ކުރަން އެދިވަޑައިގެންފި

އެމްޓީސީސީއާ ދެކޮޅަށް މައުމޫން ހުށަހެޅުއްވި އިސްތިއުނާފް ބާތިލް ކުރަން އެދިވަޑައިގެންފި

ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އިން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަށް ދައްކަން ޖެހޭ ދަރަންޏަށް، އެ ޕާޓީގެ ކުރީގެ ޒައީމް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޒިންމާކުރުވުމަށް ހައި ކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެން، ރައީސް މައުމޫނުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފު މައްސަލަ ބާތިލް ކުރަން އެމަނިކުފާނުގެ އެދިވަޑައިގެންފިއެވެ.

އެމްޓީސީސީން ޑީއާރުޕީއާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ، އެމްޓީސީސީން 1.1 މިލިއަން ރުފިޔާގެ ހިދުމަތް ޑީއާރުޕީއަށް ފޯރުކޮށްދީފައިވާ ކަމަށާއި ނަމަވެސް އެ ޕާޓީން ފައިސާ ދައްކާފައިނުވާ ކަމަށެވެ.

ޑީއާރުޕީން އެމްޓީސީސީއަށް ދައްކަންޖެހޭ މި ދަރަންޏަށް މައުމޫން ޒިންމާ ކުރުމަށް އެމްޓީސީސީގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި އެ ދަރަންޏަށް މައުމޫން ޒިންމާ ނުކުރެވޭނެ ކަމަށް 2023 ވަނަ އަހަރުގެ ޖޫން މަހު ސިވިލް ކޯޓުން ވަނީ ނިންމައިފައެވެ. އެ ނިންމުމާ ގުޅިގެން އެ ހުކުމް އިސްތިއުނާފު ކުރުމަށް އެމްޓީސީސީން ހައިކޯޓަށް ހުށަހެޅީ 8 ޖޫން 2024 ގައެވެ.

އެ މައްސަލައިގައި ހައިކޯޓުގައި މައުމޫނުގެ ފަރާތުން އިޖުރާއީ އިއުތިރާޒެއް ހުށަހެޅުއްވިއެވެ. އޭގައި ހިމެނެނީ މިއިން ގަޒިއްޔާއެއް ސިވިލް ކޯޓުގައި ކުރިއަށްގެންދިޔައިރ،ު މިއިން އެއްވެސް ގަޒިއްޔާއެއްގައި މައުމޫނަކީ ހަސްމެއްވެސް ނޫން ކަމަށާއ،ި އަދި އެއްވެސް ގަޒިއްޔާއަކަށް ޖަވާބުދާރީވެ ވަޑައިގަތުމަށް އަންގާފައި ނުވާކަމަށާއ،ި އެހެންކަމުން އެއްވެސް ސިފައެއްގައި ހަސްމެއްގެ ގޮތުގައި ނުހިމެނޭ ދަށު ކޯޓުގެ މައްސަލަތަކެއް އިސްތިއުނާފީ މަރުހަލާއަށް އައުމުނ،ް އިސްތިއުނާފީ މައްސަލަ އެމަނިކުފާނަށް ރައްދު ކުރުމަކީކުރެވިދާނެ ކަމެއް ކަމުގައި ނުދެކޭ ކަމަށެވެ.

ނަމަވެސް މައުމޫނުގެ ފަރަތުން ހުށަހެޅުއްވި އިޖުރާއީ އިއުތިރާޒަށް ރިއާޔަތްކޮށް އެމްޓީސީން ހުށަހެޅި އިސްތިއުނާފީ ނުކުތާތަކުގެ ތެެރއިން އެނުކުތާއަް މައުމޫނުގެ ފަރާތުން ޖަވާބުދާރީ ވާންޖެހޭ ކަމަށް ނިންމައި  20 ދުވަހުގެ މުއްދަތެއް ދިނުމަށް ހައިކޯޓުން ނިންމިއެވެ.

ރައީސް މައުމޫނުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރީ ހައިކޯޓުގެ މި ނިންމުމެވެ. ނަމަވެސް އޭގެ ފަހުން އެމްޓީސީން ހައިކޯޓުގައި އިސްތިއުނާފް ކުރި މައްސަލަ އަނބުރާ ގެންދިޔައެވެ.

ހައިކޯޓުން އާންމު ކުރި "ދައުވާ ފޯމު ބާތިލުކުރި ރިޕޯޓު" ގައިވާ ގޮތުން އެމްޓީސީސީން ވަނީ އިތުރު އަޑުއެހުމެއް ބޭއްވުމަކާ ނުލައި އެ މައްސަލަ އަނބުރާ ގެންނަން ބޭނުންވާ ކަމަށް ބުނެ މި އަހަރުގެ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހު ހައިކޯޓަށް ސިޓީއެއް ފޮނުވައިފައެވެ.

އެހެންވެ ހައިކޯޓުގެ ގަވާއިދުގެ ދަށުން އެ މައްސަލައިގެ ދައުވާ ފޯމު ބާތިލު ކުރުމަށް އެ މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހުން ވަނީ އިއްތިފާގު ވެފައެވެ.

ރައީސް މައުމޫނުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި އިސްތިއުނާފް މައްސަލައިގެ މިއަދުގެ އަޑުއެހުމަކީވެސް އެ މައްސަލަ ބާތިލް ކޮށްދެއްވުމަށް އެދިވަޑައިގެން ރައީސް މައުމޫނުގެ ފަރާތްޕުޅުން ހުށަހަޅުއްވާފައި ވާތީ ބޭއްވި އަޑުއެހުމެކެވެ.

މިއަދުގެ އަޑުއެހުމުގައި މައުމޫނުގެ ފަރާތްޕުޅުން ހުށަހެޅުއްވި ހުށަހެޅުއްވުމާއި ބެހޭގޮތުން ވާހަކަ ދެއްކެވުމަށް ފުރުސަތު ދެއްވުމުން ރައީސް މައުމޫނުގެ ގާނޫނީ ވަކީލު މުހައްމަދު ފައިސަލް، ވިދާޅުވީ، އެ މައްސަލަ ބާތިލް ކޮށްދެއްވުމަށް މިއަހަރުގެ ޖުލައި މަހުގެ ހަ ވަނަ ދުވަހު މައުމޫނުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓުގައި އެދުނީ މި މައްސަލައަކީ ހައިކޯޓުގައި ކުރިއަށްދާ މައްސަލައަކަށް ވާތީ، ހައިކޯޓަށް ހުށަހެޅި މައްސަލަ، އިސްތިއުނާފްކުރި އެމްޓީސީސީން އެދިގެން އެ މައްސަލައިގެ ފޯމް ބާތިލް ކޮށްފައިވާތީ ކަމަށެވެ.

އެހެންކަމުން މި މައްސަަލަ ސުޕްރީމްކޯޓުގައި އިތުރަށް ކުރިއަށް ގެންދަންޖެހޭ ސަބަބެއް އޮތްކަމަށް ނުފެންނާތީ މައްސަލަ ބާތިލްކުރަން ހުށަހެޅުއްވީ ކަމަށްވެސް ވިދާޅުވިއެވެ.

އެމްޓީސީގެ ގާނޫނީ ވަކީލު ހަމްޒާ ލަތީފް ވެސް މިއަދު ސުޕްރީމް ކޯޓުގައި ވިދާޅުވީ، މައުމޫންގެ ފަރާތްޕުޅުން ހުށަހެޅުއްވި އިސްތިއުނާފީ މައްސަލަ ބާތިލް ކުރަން ރައީސް މައުމޫނުގެ ފަރާތުން ހުށަހެޅުއްވި ހުށަހެޅުއްވުމަށް ތާއީދު ކުރައްވާކަމަށެވެ.

އެކަމާގުޅިގެން މި މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ވިދާޅުވީ، މި މައްސަލައިގައި ކޯޓުން ނިންމާގޮތެއް އަންގަވާނެކަމަށެވެ. އެހިސާބުން އަޑުއަހުންވަނީ ނިންމަވާލައްވައިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *