އެމްޑީޕީގެ ސަރުކާރުން އިއުލާނު ކުރި ފްލެޓް ލިސްޓާ ޚިލާފެއް ނުވަން: މުއްތަލިބު

އެމްޑީޕީގެ ސަރުކާރުން އިއުލާނު ކުރި ފްލެޓް ލިސްޓާ ޚިލާފެއް ނުވަން: މުއްތަލިބު

ސަރުކާރުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީ ކުރަމުންދާ 4000 ހައުސިން ޔުނިޓުން ފްލެޓް ލިބޭނެ ކަމަށް ކުރީގައި އޮތް އެމްޑީޕީ ސަރުކާރުން "15 ނޮވެމްބަރު 2023″ ގައި އިއުލާނު ކުރި ފައިނަލް ލިސްޓާ ޚިލާފަށް މި ސަރުކާރުން އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމަށް ހައުސިން މިނިސްތަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެއެވެ.

ސަރުކާރުން އެ ފްލެޓު ތަކުގެ ބައެއް ވިއްކަން އުޅޭކަމަށް ބުނެ ފަތުރަމުންދާ ވާހަކަ ތަކަށް ރައްދު ދެއްވައި ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި މެސެޖެއްގައި މިނިސްޓަރު ވިދާޅުވީ، ފްލެޓްތައް ދެމުން އަންނަނީ "15 ނޮވެމްބަރު 2023″ ގައި އިއުލާނު ކުރި ފްލެޓް ލިސްޓަށް ކަމަށެވެ. އަދި  އެ ލިސްޓުން އުނި ވާނީ ޝަރުތު ހަމަނުވާކަން ޔަގީންވާ މީހުން އެކަނި ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، އޭރު ގެޒެޓު ކޮށްފައިވާ ލިސްޓާއި އިއުލާނާއި ހިލާފަށް ފަހުން ލިސްޓަށް އެއްވެސް ފަރާތެއް އިތުރު ކުރެވިފައި ނުވާނެ ކަމަށެވެ. އަދި އެ ލިސްޓަށް ބަޔަކު އިތުރު ކުރުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނޯންނާނެ ކަމަށްވެސް ވިދާޅުވިއެވެ.

ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓު އާންމުކޮށް، ޝަކުވާއަށް ހުޅުވާލައި، ދާއިމީ ލިސްޓު ނެރުނީ މީގެކުރިން އޮތް އެމްޑީޕީ ސަރުކާރުންނެވެ. އޭރު ފްލެޓް ލިބޭނެ ކަމަށް ކަނޑައަޅާ 2023 ނޮވެމްބަރު 15ގައި ނެރެފައިވާ ލިސްޓަކީ، ގުޅިގެން ގިނަ ޝަކުވާ ތަކަކާއި ގުޅިގެން އޭސީސީން އެ މަސައްކަތް މަޑު ޖައްސާލުމަށް އަންގާފައި ވަނިކޮށް ނެރެފައިވާ ލިސްޓެކެވެ. އޭސީސީން އޭރު ހާމަކުރި ގޮތުގައި ލިސްޓުގެ ގާތްގަނޑަކަށް 70 ޕަސެންޓް މީހުންނަކީ ފްލެޓަށް ޝަރުތު ހަމަނުވާ މީހުންނެވެ.

މިސަރުކާރުން ވަނީ އޭސީސީގެ ލަފަޔާއެކު ހައްސަ ކޮމިޓީއެއް އެކުލަވާލައި، އެ މައްސަލަ ބަލާފައެވެ. އެގޮތުން، ފްލެޓް ލިބޭނެ ކަމަށް ކަނޑައެޅި 2180 މީހުން ޝަރުތު ހަމަނުވާކަމަށް އެ ކޮމިޓީންވެސް ނިންމިއެވެ. ސަރުކާރުން ކުރިއަށްގެންދިޔަ ލިސްޓް އިވެލުއޭޝަން މަސައްކަތުގައި 4939 ފޯމު ބަލާފައިވެއެވެ.

ލިސްޓުގައި މައްސަލައެއް ނެތި، ޝަރުތު ހަމަވާ ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ފަހިދިރިއުޅުން ކޯޕަރޭޝަން، އެފްޑީސީ މެދުވެރިކޮށް އަންނަނީ ކުރަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *