ހުޅުމާލޭގެ މިކްސްޑް ޔޫސް ރެޒިޑެންޝަލް ކޮމްޕްލެކްސް، ކޭ-ޕާކް ފްލެޓްތައް މަކަރާއި ހީލަތުން ވިއްކުމަށް ފައިސާ ނެގި މީހުންގެ ތެެރެއިން، އެޕާޓްމަންޓުމަންޓު ގަތް މީހަކަށް، އޭނާ ގަތް އެޕާޓްމަންޓާއެކު 1.9 މިލިޔަން ރުފިޔާ ދައްކަން، އެ ޕްރޮޖެކްޓް ހިންގި ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަަލައަކީ، ދަފްތަރު ނަމްބަރު 14795 ފާތިމަތު ޝަޒްލީނާ އާއި ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ދެމެދު "ކޭޕާކް ރެސިޑެންސްގެ 11 ވަނަ ފަންގިފިލާއިން އެޕާޓްމަންޓް ގަތުމަށް 13 ޖުލައި 2020 ވަނަ އަހަރު ވެފައިވާ އެއްބަސްވުމުގެ ދަށުން ޝަޒްލީނާ ގަތް އެޕާޓްކަމްޓް ހަވާލު ކޮށްފައި ނުވާތީ ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެކެވެ.
މި ދައުވާގައި ޝަޒުލީނާ އެދިފައިވަނީ އެ އެޕާޓްމަންޓް ޝަޒްލީނާއާ ހަވާލު ކުރުމަށް ހަންބޯއަށް އަމުރު ކޮށްދިނުމަށާއި، އެ އެޕާޓްމަންޓް ހަވާލު ނުކޮށްގެން ލިބިފައިވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި، 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އެޕާޓްމަންޓް ހަވާލުކުރާ ދުވަހާ ހަމައަށް ކޮންމެ މަހަކު 35،000 ރުފިޔާގެ މަގުން ފައިސާ ނަގައިދިނުމަށާއި، މައްސަލަ ޝަރީއަތަށް ހުށަހަޅަން ޖެހުމުން ގާނޫނީ ހަރަދުގެ ގޮތުގައި 50،000 ރުފިޔާ ހަންބޯ އިން ނަގައިދިނުމަށެވެ.
ކޯޓުން މި މައްސަލަ ނިންމި ގޮތުގެ ގަޒިއްޔާގައި ބުނެފައިވަނީ، މި މައްސައިގެ ދައުވާ ފޯމާއި، ދައުވާ ފޯމުގައިވާ ބަޔާންކުރާ ލިއުންތަކާއި، ގާނޫނުގައި ބުނާ ފޯމުތައް، ހަންބޯގެ މިހާރުގެ އެޑްރެހުގެ ގޮތުގައި ދައުވާ ފޯމުގައި ބަޔާން ކޮށްފައިވާ އެޑްރެހާއި، ކުންފުނީގެ ރަޖިސްޓާޑް އެޑްރެސް ކަމަށްވާ މއ. އެރަލްސީ އިން އެފަރާތަށް ރައްދު ކުރެވިފައިނުވާ ކަމަށެވެ. އެ ދެ އެޑްރެހުގައި ކުންފުނި ނުހުންނަ ކަމަށާއި، އެތަނުގެ ފޯނު ނަމްބަރު ތަކުން ޖަވާބު ނުދޭކަމަށްވެސް ބުނެފައިވެއެެވެ.
އެހެން ކަމުން ހަންބޯގެ މިހާރުގެ އެޑްރެސް ސާފުކޮށްދޭން، މި ދައުވާކުރާ ފަރާތައް އެންގުމުން، ހަމަ ކުރިން ފޮނުވި އެޑްރެސްތައް ފޮނުވުމަށްފަހު، އެފަރާތުން އެދުނުގޮތަށް އެ އެޑްރެސްތަކުގައި ރަތް އަމުރު ތަތްކޮށް، އިއުލާނު ކޮށްގެންވެސް ހަންބޯގެ ހަބަރެއްނުވި ކަމަށްވެސް ބުނެފައިވެއެވެ.
އެހެން ކަމުން އެ މައްސަލަ ހަންބޯގެ ޣައިރު ހާޒިރުގައި ނިންމައިދިނުމަށް ޝަޒްލީނާ އެދުނެވެ.
މި މައްސަލައިގައި ޝަރީއަތަށް ހުށަހެޅި ލިއުންތަކުން ދައްކާ ގޮތުގައި، އެޕާޓްމަންޓް ގަތުމަށް ޝަޒްލީނާ ވަނީ 3.5 މިލިޔަން ރުފިޔާ އެފަރާތައް ދައްކައި ހަލާސް ކޮށްފައެވެ. އަދި ލަސްވެގެން ޑިސެމްބަރު 2020 ގައި އެޕާޓްމަންޓް ހަވާލު ކުރާނެ ކަމަށް ބުނެފައިވާކަންވެސް އެނގެއެެވެ.
އެހެން ކަމުން މި މައްސަލައިގައި އިއްޔެ ސިވިލް ކޯޓުން ހުކުމްކުރީ، ކޭޕާކުން އެޕާޓްމަންޓް ގަނެ ވިއްކުމަށް ޝަޒްލީނާ އާއި ހަމްބޯއާދެމެދު ވެފައިވާ އެއްބަސްވުމާ ހަންބޯއިން ހިލާފްވެފައިވާ ކަމަށެވެ. އަދި އަންނަ އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް އެ އެޕާޓްމަންޓް ޝަޒުލީނާއާ ހަވާލު ކުރުމަށް ހަންބޯގެ މައްޗަށް ވަނީ އަމުުރު ކޮށްފައެވެ.
މީގެ އިތުރުން އެ އެޕާޓްމަންޓް ހަވާލު ކޮށްފައިނުވާތީ، 2021 ޖެނުއަރީ މަހުން ފެށިގެން މިދިޔަ އޯގަސްޓް މަހުގެ ނިޔަލަށް، ގެއްލުމުގެ ބަދަލުގެ ގޮތުގައި 1.9 މިލިޔަން ރުފިޔާ ހަންބޯއިން ޝަޒްލީނާއަށް ދައްކަންޖެހޭ ކަަމަށް ކަނޑައަޅައި، މި ފައިސާ އޭނާއަށް ލިބިދިނުމުގެ ގޮތުން އަންނަ އޮކްޓޫބަރު މަހުގެ ހައެއްގެ ނިޔަލަށް، ސިވިލް ކޯޓަށް ދެއްކުމަށްވެސް ހަންބޯއަށް ވަނީ އަމުރު ކޮށްފައެވެ. އަދި އެ އެޕާޓަމަންޓް ޝަޒްލީނާއަށް ހަވާލު ކުރުމާ ހަމައަށް މިމަހުން ފެށިގެން ކޮންމެ މަހަކު 35،000 ރުފިޔާގެ މަގުން ގެއްލުމުގެ ބަދަލުގެ ފައިސާ ހަންބޯއިން ޝަޒްލީނާއަށް ދައްކަންޖެހޭނެ ކަަމަށްވެސް ވަނީ ހުކުމް ކޮށްފައެވެ. އަދި ޝަރީއަތުގެ ހަރަދުގެ ގޮތުގައި 6،000 ރުފިޔާ ޝަޒްލީނާއަށް ދައްކަންވެސް ހަންބޯގެ މައްޗަށް ވަނީ ހުކުމް ކޮށްފައެވެ.
ހަންބޯ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ) ކޭ-ޕާކް ފްލެޓްތައް މަކަރާއި ހީލަތުން އެތައް ބަޔަކަށް ވިއްކާފައިވާ މައްސަލައިގައި އޭނާގެ މައްޗަށް ވަނީ 100 އަށްވުރެ ގިނަ ދައުވާކޮށްފައެވެ.






