އަބުރާ ބެހުނު ކަމަށް ބުނެ، ދިޔަރެސް ނޫހާއި އެނޫހުގެ އެޑިޓަރު، ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު، ސަންސެޓްވިލާ / ސ. ހިތަދޫ، އަތުން 10 މިލިޔަނަށްވުރެ ގިނަ ރުފިޔާ ހޯދަން، ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު، އަހުމަދު ސަލީމް، ރަބީއު މަންޒިލް ހއ. ހޯރަފުށި، ކުރި ދައުވާގައި ދިޔަރެސް އާއި ހިނާއަށް 15،000 ރުފިޔާ ދައްކަން ސަލީމުގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައަކީ 25 ޖޫން 2022 ގައި، "ނޫސްވެރިޔާ ނަސީރު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއްް އާއްމުވެއްޖެ" މި ސުރުޚގެ ދަށުން ދިޔަރެސް ނޫހުގައި، ޝާއިއުކޮށްފައިވާ ލިއުމުގައި، "ނަސީރާއެކު އެ ވީޑިއޯއިން ދެން ފެންނަ މީހާގެ މޫނެއް ނުފެނެއެެވެ. ނަމަވެސް އަޑު ފެތުރިފައިވާ ގޮތުގައި އެ ވީޑިއޯއިން ދެން ފެންނަ މީހަކީ އަހްމަދު ސަލީމް" ކަމަށް ލިޔެފައިވާ ލިއުމަކާއި ގުޅިގެން ސަލީމް ހުށަހެޅި މައްސަލައެކެވެ.
މި މައްސަލައިގައި ސަލީމް ބުނެފައި ވަނީ، ސަލީމްގެ އަބުރާ ބެހި، ސަލީމްގެ އަބުރަށް ގެއްލުން ލިބޭ ގޮތަށް "ދިޔަރެސް" ނޫހުގައި އެ ލިއުން ޝާއިރު ކޮށްފައިވާ ކަމަށެވެ. އަދި އެ ލިއުމުގެ ސަބަބުން ސަލީމްގެ ގަދަރާއި އިއްޒަތަށް އުނިކަން ލިބިފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
އެހެން ކަމުން ދިޔަރެސް މީޑިއާ އާއި ހީނާ ވަލީދު، ސަލީމްގެ އަބުރާ ބެހުމުގެ އަމަލެއް ހިންގާފައިވާ ކަމަށް ކަނޑައަޅައިދީ އަބުރާ ބެހުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ނަގައިދިނުމަށް ދިޔަރެސް މީޑިއާ އަދި ހީނާ ވަލީދުގެ މައްޗަށް މި މައްސަލައިގައި ސަލީމް ވަނީ ދައުވާ ކޮށްފައެވެ.
މި ދައުވާގައި ސަލީމް އެދިފައި ވަނީ، އެ ޚަބަރުގައި ސަލީމަށް ނިސްބަޔްކޮށް ލިޔެފައިވާ ބަޔަކީ، އެއްވެސް އަސާސެއް ނެތް ދޮގު ޚަބަރެއް ކަމަށް ކަނޑައަޅައި ދިނުމަށާއި، އެ ޚަބަރުގައި ސލީމަށް ނިސްބަޔްކޮށް ލިޔެފައިވާ ބަޔަކީ، ސަލީމްގެ އަބުރަށް ގެއްލުން ލިބޭގޮތަށް ކޮށްފައިވާ ކަމެއް ކަމަށް ކަނޑައަޅައި ދިނުމަށެވެ. އަދި ދޮގު ޚަބަރުގެ ސަަބަބުން، ލިބިފައިވާ މާއްދީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 5،000 ރުފިޔާ ނަގައިދިނުމަށާއި، ލިބިފައިވާ މައުނަވީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 10 މިލިޔަން ރުފިޔާ ނަގައި ދިނުމަށްވެސް އެދިފައިވެއެވެ.
އޭގެ އިތުރުން ޚަބަރުގެ ސަބަބުން މައްސަލަ ޝަރީއަތަށް ހުށަހަޅަން ޖެހުމުގެ ސަބަބުން، ގާނޫނީ ވަކީލުގެ ފީގެ ގޮތުގައި 50،000 ރުފިޔާ ނަގައިދިނުން އަދި މި ދައުވާގައި ބަޔާން ކޮށްފައިވާ އެެންމެހާ ކަންކަމަށް ދިޔަރެސް މީޑިއާ އާއި ހީނާ ވަލީދު ވަކިވަކިން އަދި އެކުއެކީ ޒިންމާވާންޖެހޭ ކަަމަށް ކަނޑައަޅައި ދިނުުމަށްވެސް އެދިފައިވެއެވެ.
މި މައްސަލައިގައި ދިފާއުން ހުށަހެޅި ހުށަހެޅުންތަކަށް ބަލައި، ސިވިލް ކޯޓުން އިއްޔެ ކޮށްފައިވާ ހުކުމްގައި ވަނީ، ދިޔަރެސް ނޫހުގައި ޝާއިއު ކޮށްފައިވާ ހަބަރާ ގުޅިގެން، މޯލްޑިވްސް މީޑިއާ ކައުންސިލަށް ސަލީމްގެ ފަރާތުން ހުށަހަޅާފައިވާ ކަމަށެވެ. ގާނޫނަކުން ލިބިދޭ ހައްގަކުން ދައުވާ އުފުލިދާނެ މައްސަލައެއް މީޑިއާ ކައުންސިލަށް ހުށަހަޅަނީ، އެ ހައްގު ދޫކޮށްލުމަށް ފަހުކަން، މީޑިއާ ކައުންސިލްގެ ގާނޫނުން އެނގޭ ކަމަށްވެސް ބުނެފައިވެއެވެ.
އެހެން ކަމުން ދިޔަރެސް ނޫހުގައި ލިޔެފައިވާ ޚަބަރާބެހޭ ގޮތުން ސަލީމްގެ ފަރާތުން މީޑިއާ ކައުންސިލަށް މައްސަލަ ހުށަހަޅާފައި ވަނީ އެ ޚަބަރާއި ގުޅިގެން ދައުވާ ކުރުމުގެ ހައްގު ދޫކޮލުމަށްފަހުގައި ކަމަށްވާއިރު، އެ ޚަބަރާއި ގުޅިގެން ސަލީމްގެ އަބުރު ގެއްލިފައިވާ ކަމާއި، އދި އެކަމުގެ ބަދަލު ހޯދުމަށްއެދޭ މައްސަލައެއް ކޯޓަށް ހުށަހަޅައިގެން ކުރިއަށް ގެންދެވިދާނެ ކަމަށް ނުދެކޭ ކަމަށެވެ. މައްސަލައިގެ ޝަރިއަތުގެ ހަރަދަކީ ދައުވާ ކާމިޔާބު ކުރާ ފަރާތަަކަށް، އެ ދައުވާ ކާމިޔާބު ނުވި ފަރާތުން ނަގައިދޭ ހަރަދެއް ކަމަށްވެސް ބުނެފައިވެއެވެ.
އެހެން ކަމުން މި ދައުވާއިން، ސަލީމް ހޯދުމަށް އެދުނު ފަރުވާތަކަކީ ނަގައިދެވިދާނެ ފަރުވާ ތަކެއް ނޫން ކަަމަށް ކަނޑައަޅައި، މި ދައުވާއާ ގުޅިގެން ޝަރީއަތުގެ ޚަރަދުގެ ގޮތުގައި ސަލީމްގެ ފަރާތުން ދިޔަރެސް އާއި ހީނާއަށް ދައްކަންޖެހޭ ކަަމަށް ކަނޑައަޅައި، އެ ފައިސާ އެފަރާތްތަކަށް ލިބިދިނުމުގެ ގޮތުން އަންނަ އޮކްޓޫބަރު މަހުގެ ދެވަނަ ދުވަހުގެ ކުރިން ސިވިލް ކޯޓަށް ދައްކައި ހަލާސް ކުރުމަށްވަނީ ސަލީމުގެ މައްޗަށް ހުކުމް ކޮށްފައެވެ.






