މީޑިއާ ކޮމިޝަން ހިންގާނެ ވަގުތީ ކޮމިޓީ އެކުލަވާލައިފި

މީޑިއާ ކޮމިޝަން ހިންގާނެ ވަގުތީ ކޮމިޓީ އެކުލަވާލައިފި

ނޫސްވެރިން އިހުތިޖާޖުކޮށް ނުރުހުން ފާޅު ކުރަމުން ދަނިކޮށް، މިދިޔަ ހަފްތާގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ރައީސް ތަސްދީގު ކުރެއްވި، "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން" ގާނުގެ ދަށުން އުފެއްދެވި މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން، ގެ ވަގުތީ ކޮމިޓީ އެކުލަވާލައިފިއެވެ.

މިއީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ދާއިމީ މެމްބަރުން އައްޔަން ކުރެވެންދެން އެ ކޮމިޝަން ހިންގާނެ ފަސް މެމްބަރުންގެ ވަގުތީ ކޮމިޓީ އެކެވެ. ގާނޫނުގައި ބުނާގޮތަށް މި ކޮމިޓީ އުފައްދާފައިވަނީ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ންނެވެ.

"މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން" ގާނޫނުގެ ދަށުން އިންތިގާލީ މަރުހަލާ ހިންގާނެ ފަސް މެމްބަރުންގެ ގޮތުގައި އައްޔަންކުރި މެންބަރުން:

1- އަލީ ޒަކީ، ޑިރެކްޓަ ޖެނެރަލް/ ސްޕޯޓްސް މިނިސްޓްރީ

2- އަހުމަދު މައުސޫމް، ޑިރެކްޓަ ޖެނެރަލް/ ސިޓީސް މިނިސްޓްރީ

3- އާމިނަތު ނަސީރު، ޑިރެކްޓަ ޖެނެރަލް/ އިސްލާމިކް މިނިސްޓްރީ

4- އާމިނަތު ޝާހިދާ، ޑިރެކްޓަ ޖެނެރަލް/ އިކޮނޮމިކް މިނިސްޓްރީ

5- އިމާދު މުހައްމަދު، ޗީފް ކޯޕަރޭޓް އެގްޒެކެޓިވް (ގައުމީ އަރުޝީފު، ޔޫތު މިނިސްޓްރީ)

މީޑިއާ ކޮމިޝަންގެ ގާނޫނުގައިވާ ގޮތުން އެ ކޮމިޝަންގެ ދާއިމީ މެމްބަރުން އައްޔަން ކުރެވެންދެން އެ ތަން ހިންގާނީ ސީއެސްސީން އައްުޔަންކުރާ ފަސް މެމްބަރުންގެ ވަގުތީ ކޮމިޓީއަކުންނެވެ. އެ ފަސް މެމްބަރުން ވާންޖެހެނީ ސީއެސްސީގައި ހިމެނޭ ދާއިރާތަކުގެ އޮފީސްތަކުގައި މަސައްކަތް ކުރައްވާ ޑިރެކްޓަ ޖެނެރަލުން ފެށިގެން މަތީ މަގާމުތަކުގެ ބޭފުޅުންނަށެވެ.

ގާނޫނުގައިވާ ގޮތުން ކޮމިޝަންގެ ވަގުތީ ކޮމިޓީގެ ރައީސާއި ނައިބު ރައީސް ކަނޑައަޅާނީ އެ ފަސް މެމްބަރުންގެ ތެރޭގައި ނަގާ ސިއްރު ވޯޓަކުންނެވެ.

ވަގުތީ ކޮމިޓީއަށް ކުރެވޭނެ ކަމަށް ގާނޫނުގައި ކަނޑައަޅާފައިވާ މަސައްކަތްތައް:

1- ކޮމިޝަންގެ އިދާރީ މަސައްކަތްތައް ކޮމިޝަނަށް ހުށަހަޅާ މައްސަލަތައް ބަލައިގަތުން

2- މީީޑިއާތައް ރަޖިސްޓަރީ ކޮށްދިނުމަށް ހުށަހާ ހުށަހެޅުން ތަަކަށް ގޮތްތައް ނިންމުން

ވަގުތީ ކޮމިޓީ އަށް ނުކުރެވޭނެ ކަމަށް ކަނޑައަޅާފައިވާ ކަންކަން:

1- ކޮމިޝަނަށް ހުށަހަޅާ މައްސަލަތަކާއި ކުރީގެ ބްރޯޑްކާސްޓިން ކޮމިޝަނުންނާއި މޯލްޑިވްސް މީޑިއާ ކައުންސިލުން ކުރިން ބަލަން ފަށައި، ނުނިމިވާ މައްސަަލަތައް ބަލައި ގޮތް ނިންމުމާއި ފިޔަވަޅު އެޅުން

2- މީޑިއާ ތަކުގެ ރަޖިސްޓްރީ ބާތިލް ކުރުން

ގާނޫނުގައި ވާގޮތުން ވަގުތީ މެމްބަރުން އައްޔަން ކުރާތާ 30 ދުވަހުގެ ތެރޭގައި ދާއިމީ ކޮމިޝަން އެކުލަވައިލަން ޖެހޭނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *