ރައްޔިތުންގެ އަޑު ނާހައި، ސަރުކާރުން ބީރު ކަންފަތެއް ދީގެން އަބަދު ނޯވެވޭނެ ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އަންނަ މަހުގެ 3 ވަނަ ދުވަހު އެމްޑީޕީ އިން މާލޭގައި ބާއްވާ އިހުތިޖާޖަށް ތައްޔާރުވުމުގެ ގޮތުން މިއަދު ހަވީރު މާލޭގެ އެކި ސަރަހައްދުތަކަށް ވަޑައިގެން އާންމުންނާ ބައްދަލު ކުރެއްވުމަށްފަހު ޝާހިދު ވިދާޅުވީ، އެކި އުމުރުފުރާގެ އާންމު ރައްޔިތުންނާ މިއަދު ބައްދަލުވި ކަމަށާއި، އެންމެންވެސް ބުނަމުން ދިޔައީ ހައްގަކަށް ފަހު ހައްގެއް ސަރުކާރުން ލޫޓުވަމުން އަންނަ ކަމަށެވެ.
"ރަށުތެރެއިން ދިމާވި އެކި އުމުރުފުރާގެ، އެކި ރަށްރަށަށް ނިސްބަތްވާ ބޭފުޅުންވެސް އެކި މިސާލު ނަންގަވަމުން ދެއްކެވީ އެއް ވާހަކައެއް. ސަރުކާރުން ހައްޤަކަށްފަހު ހައްޤެއް، މުވައްސަސާއަކަށް ފަހު މުވައްސަސާއެއް ލޫޓުވަމުންދާ ވާހަކަ، އެކަމުގެ ނުރައްކާތެރިކަމުގެ ވާހަކަ، އެކަމުން ސަލާމަތްވާންޖެހޭ ވާހަކަ. ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ، ރައްޔިތުންގެ އަޑު ސަރުކާރަށް އިއްވުމަށްޓަކައި އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހު ވީހާވެސްގިނަ ރައްޔިތުން ނުކުންނަން އެދިވަޑައިގަންނަވާ ކަމަށެވެ.
"ބީރު ކަންފަތެއް ދީގެން ސަރުކާރަށް ތާއަބަދު ނޯވެވޭނެ. ރައްޔިތުންގެ އަޑު އިއްވަން އޮކްޓޯބަރ 3 ގައި ނިކުންނަވާ." ޝާހިދު ވިދާޅުވިއެވެ.
"ލޫޓުވައިފި" ނަމުގައި އެމްޑީީޕީ އިން އަންނަ އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހު ބާއްވާ އިހުތިޖާޖަކީ އެ ޕާޓީގެ ގައުމީ މަޖިލީހުން ފާސްކޮށްގެން ބާއްވާ އިހުތިޖާޖެކެވެ. އެމްޑީޕީ އިން މީގެކުރިންވެސް ވަނީ ސަރުކާރާ ދެކޮޅަށް ބަޔެއް އެއްވުންތައް ބާއްވާފައެވެ.