* ފަހަރަކު މީހަކު ދެކޮޅަށް ނުކުންނާނެ، ވެރިކަން ނިމޭނީ ޕީއެންސީގެ މަޖިލިސް މެންބަރުންވެސް ރައީސް މުއިއްޒުގެ ވެރިކަމާއި ދެކޮޅަށް ނުކުމެގެން
ރައްޔިތުންގެ މަޖިލީހުން މިހާރު ފާސްކޮށްފައިވާ މީޑިއާ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވައިފިނަމަ، އެކަން ވެގެންދާނީ ރައީސް މުއިއްޒުގެ ވެރިކަން ނިމުމުގެ ދޮރު ހުޅުވުން ކަމުގައި އަދާލަތު ޕާޓީގެ ރައީސް، ކުރީގެ ހޯމް މިނިސްޓަރ ޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
މީޑިއާ ބިލު ތަސްދީގު ނުކުރުމަށް ގޮވާލައި އަދާލަތު ޕާޓީންވެސް ނޫސްބަޔާނެއް ނެރެފައި ވަނިކޮށް، އިމްރާން ވިދާޅުވީ، ފާއިތުވި ގަރުނެއްހާ ދުވަހު، ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ކަންހިގާފައިވާ ގޮތައް ބަލާއިރު، ރައީސް ޑރ. މުއިއްޒު މީޑިއާ ކޮންޓްރޯލް ބިލް ތަސްދީގު ކުރަށްވައިފިނަމަ، "މާނައަކީ ވެރިކަން ނިންމުމުގެ ދޮރު އަމިއްލަފުޅަށް ހުޅުއްވާ ދެއްވީ" ކަމަށެވެ.
"ދެން އެ ދޮރު ބަންދު ކުރުމުގެ ކުޅަދާނަކަން ރައީސް މުއިޒުއަށް ލިބިގެން ނުވެއެވެ." އިމްރާން ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ، މީޑިއާ ބިލު ފާސްކޮށްފިނަމަ، ފަހަރަކު މީހަކު ރައީސް މުއިއްޒާ ދެކޮޅަށް ނުކުންނަމުން ދާނެކަމަށެވެ. އަދި ރައީސް މުއިއްޒުގެ ވެރިކަން ނިމޭނީ މިހާރު ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި މީޑިއާ ބިލު ފާސްކޮށް ދެއްވި މެމްބަރުންވެސް ރައީސް މުއިއްޒާ ދެކޮޅަށް ނުކުމެވަޑައިގެން ކަމަށް އިމްރާން ވިދާޅުވިއެވެ.
"ރައީސް މުއިއްޒު އާ ދެކޮޅަށް ފަހަރަކު މީހަކު ނިކުންނަމުން ގޮސް ވެރިކަން ނިމޭނީ ޕީއެންސީގެ މަޖިލިސް މެންބަރުންވެސް ރައީސް މުއިއްޒުގެ ވެރިކަމާއި ދެކޮޅަށް ނިކުންނަވައިގެންނެވެ." އިމްރާން ވިދާޅުވިއެވެ.
މީޑިއާ ބިލު ފާސްކުރުމުން އަދާލަތު ޕާޓީންވެސް ވަނީ އެ ބިލު ތަސްދީގު ނުކުރަން ގޮވާލާފައެވެ. އެ ޕާޓީން ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ ބިލު ފުރަތަމަ ފަހަރު ހުށަހެޅުމަށްފަހު ފަހުން އިސްލާހު ތަކަކާއެކު ފާސްކުރި ނަމަވެސް، އަދިވެސް އެ ބިލު އޮތީ މިނިވަން ނޫސްވެރިކަމަށް ހުރަސްއެޅޭ ގޮތަށެވެ. އެގޮތުން މީޑިއާތައް ކޮންޓްރޯލް ކުރުމުގައި ރައްޔިތުންގެ މަޖިލީހާއި ރައީސުލްޖުމްހޫރިއްޔާއަށްވެސް ބޮޑެތި ބާރުތަކެއް ދީފައި އެބަހުރި ކަމަށް އަދާލަތު ޕާޓީން ވަނީ ބުނެފައެވެ.
އެ ޕާޓީން ބުނީ ބިލު މިހާރު އޮތްގޮތުން އަލަށް އުފެދޭ މީޑިއާ ކޮމިޝަން ނެގިގެންދާނީ ސަރުކާރުގެ ކޮންޓްރޯލް އޮންނަ ގޮތަށެވެ. އެހެންކަމުން ސަރުކާރުގެ މުށުތެރޭގައި އޮންނަ ކޮމިޝަނަކަށް އެފަދަ ބޮޑެތި ބާރުތަކެއް ދިނުމަކީ ދިމިގްރާތީ މުޖްތަމައުއެއްގައި ގެންގުޅެމުންދާ ޗެކް އެންޑް ބެލެންސްގެ އުސޫލުތަކާވެސް ޚިލާފު ކަމެއް ކަމަށް ފާހަގަ ކޮށްފައިވެއެވެ.
ގިނަ އަދަދެއްގެ ނޫސްވެރިންނާއި މީޑިއާތަކާއި ޖަމްއިއްޔާތަކާއި އާންމުންވެސް މި ބިލާ ދެކޮޅަށް އަޑު އުފުލަމުން ދަނިކޮށް ދައުރުން ބޭރުގައި ޖަލްސާއެއް ބާއްވައި، ދިރާސާ ކުރަންވީ ވަރަށް ދިރާސާނުކޮށް، އަދި ޚިޔާލު ހޯދަންވީ ވަރަށް ޚިޔާލުވެސް ނުހޯދައި، އަވަސް އަރުވާލައިގެން ބިލު ފާސްކޮށްލުމަކީ ދިމިޤްރާތީ އުސޫލުތަކާ ޚިލާފު ކަމެއް ކަމަށްވެސް ބުނެފައިވެއެވެ.
އަދާލަތު ޕާޓީން ބުނީ މީޑިއާގެ މިނިވަންކަން ހިމާޔަތްކޮށް ދެމެހެއްޓުމުގައި ކުރަން ޖެހުނު ކޮންެ ކަމެއް އެ ާޓީން ކުރުމުގައި ދެމިއޮންނާނެއެވެ.