* މީޑިއާގެ މިނިވަންކަން ހިމާޔަތްކޮށް ދެމެހެއްޓުމުގައި ކުރަން ޖެހުނު ކޮންމެ ކަމެއް ކުރުމުގައި ދެމިއޮންނާނަން
ރައްޔިތުންގެ މަޖިލީހުން މިހާރު ފާސްކޮށްފައިވާ މީޑިއާ ކޮންޓްރޯލްކުރާ ބިލު ފާސް ނުކުރަން އަދާލަތު ޕާޓީން ގޮވާލައިފިއެވެ.
އަދާލަތު ޕާޓީން ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ ބިލު ފުރަތަމަ ފަހަރު ހުށަހެޅުމަށްފަހު ފަހުން އިސްލާހު ތަކަކާއެކު ފާސްކުރި ނަމަވެސް، އަދިވެސް އެ ބިލު އޮތީ މިނިވަން ނޫސްވެރިކަމަށް ހުރަސްއެޅޭ ގޮތަށެވެ. އެގޮތުން މީޑިއާތައް ކޮންޓްރޯލް ކުރުމުގައި ރައްޔިތުންގެ މަޖިލީހާއި ރައީސުލްޖުމްހޫރިއްޔާއަށްވެސް ބޮޑެތި ބާރުތަކެއް ދީފައި އެބަހުރި ކަމަށް އަދާލަތު ޕާޓީން ވަނީ ބުނެފައެވެ.
އެ ޕާޓީން ބުނީ ބިލު މިހާރު އޮތްގޮތުން އަލަށް އުފެދޭ މީޑިއާ ކޮމިޝަން ނެގިގެންދާނީ ސަރުކާރުގެ ކޮންޓްރޯލް އޮންނަ ގޮތަށެވެ. އެހެންކަމުން ސަރުކާރުގެ މުށުތެރޭގައި އޮންނަ ކޮމިޝަނަކަށް އެފަދަ ބޮޑެތި ބާރުތަކެއް ދިނުމަކީ ދިމިގްރާތީ މުޖްތަމައުއެއްގައި ގެންގުޅެމުންދާ ޗެކް އެންޑް ބެލެންސްގެ އުސޫލުތަކާވެސް ޚިލާފު ކަމެއް ކަމަށް ފާހަގަ ކޮށްފައިވެއެވެ.
ގިނަ އަދަދެއްގެ ނޫސްވެރިންނާއި މީޑިއާތަކާއި ޖަމްއިއްޔާތަކާއި އާންމުންވެސް މި ބިލާ ދެކޮޅަށް އަޑު އުފުލަމުން ދަނިކޮށް ދައުރުން ބޭރުގައި ޖަލްސާއެއް ބާއްވައި، ދިރާސާ ކުރަންވީ ވަރަށް ދިރާސާނުކޮށް، އަދި ޚިޔާލު ހޯދަންވީ ވަރަށް ޚިޔާލުވެސް ނުހޯދައި، އަވަސް އަރުވާލައިގެން ބިލު ފާސްކޮށްލުމަކީ ދިމިޤްރާތީ އުސޫލުތަކާ ޚިލާފު ކަމެއް ކަމަށްވެސް ބުނެފައިވެއެވެ.
އަދާލަތު ޕާޓީން ބުނީ މީޑިއާގެ މިނިވަންކަން ހިމާޔަތްކޮށް ދެމެހެއްޓުމުގައި ކުރަން ޖެހުނު ކޮންމެ ކަމެއް އެ ާޕާޓީން ކުރުމުގައި ދެމިއޮންނާނެއެވެ.