ރައީސް އޮފީހުގެ މީޑިއާ ފެންޑާ އުވާލުމަށް ސަރުކާރުން މިއަދު ނިންމައިފި އެވެ.
ރައީސް އޮފީހުގެ ކުރިމަތީގައި އޮންނަ ޕާކުގެ ތެރޭގައި ނޫސްވެރިންނަށް އިށީނދެލައިގެން ތިބެވޭ ގޮތަށް ފެންޑާއެެއް ހެދީ 29 މެއިގަ އެވެ.
އެ ތަން ބޭނުން ކުރުމުގައި އަމަލު ކުރަންވީ އުސޫލު އެ ތާރީހުގައި ރައީސް އޮފީހުގެ ރަސްމީ ވެބްސައިޓްގައި އާންމުކޮށްފަ އެވެ.
މި އުސޫލުގެ ދަށުން، މީޑިއާ ފެންޑާ ބޭނުން ކުރަން ރާއްޖޭގެ މީޑިއާތަކުން ކަނޑައެޅި ނޫސްވެރީންނަށް އެތަން ބޭނުކުރުމުގެ ރަސްމީ ހުއްދަ ވެސް ދޫކުރި އެވެ.
ރައީސް އޮފީހުން މިއަދު ބުނީ މީޑިއާ ފެންޑާ ބޭނުންކުރުމުގެ ހުއްދަ ހޯދާފައި ނުވާ ބަޔަކު މީޑިއާ ފެންޑާއަށް ނޫސްވެރީންގެ ނަމުގައި ވަދެ، އެ ތަން ބޭނުންކުރުމުގެ އުސޫލުތަކާ ޚިލާފު ޢަމަލުތައް ތަކުރާރުކޮށް ހިންގަމުން ގެންދިޔަ ކަމަށެވެ.
އެހެންވެ އެ ތަނުގައި ތިބެ ޚަބަރާއި މައުލޫމާތު ހޯދުމުގެ މަސައްކަތް އެއްގޮތަކަށް ވެސް ނުކުރެވޭ ކަމުގެ ޝަކުވާ، އެތަން ބޭނުންކުރުމުގެ ހުއްދަ ނަގާފައިވާ ބައެއް ނޫސްވެރީން ކުރަމުންދާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އަދި ގްރީންޒޯންގައި ހުންނަ މި ތަނުގައި އާންމު މަސްލަހަތު ގެއްލޭ، އަދި އާންމު އިޖްތިމާއީ މިންގަނޑުތަކާ ޚިލާފު އަމަލުތައް ތަކުރާރުކޮށް ކުރަމުން ދިއުމުގެ ސަބަބުން އެ ތަނުގައި ހުންނަ ސަރުކާރުގެ އޮފީސްތަކަށް ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ދަތިތަކާ ކުރިމަތިވަމުންދާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ހުއްދަ ނުނަގާ ބަޔަކު މީޑިއާ ފެންޑާއަށް ވަދެ، އެތަނުގައި ޚަބަރާއި މަޢުލޫމާތު ހޯދުމުގެ މަސައްކަތް ކުރަން ހުރަސް އަޅައި، ގްރީން ޒޯންގެ ނިޒާމު ގެއްލޭގޮތަށް އަމަލު ކުރަމުން ދިއުމަކީ، މީޑިއާ ފެންޑާ ބޭނުންކުރުމަށް ކަނޑައަޅައި އާންމުކޮށްފައިވާ އުސޫލުގެ ބައެއް މާއްދާތަކާ ހިލާފު ގާނޫނީ ކުށެއް ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ވީމާ، މީޑިއާ ފެންޑާ އުފެއްދި ބޭނުން އެތަން ހުޅުވީއްސުރެ މި ފާއިތުވީ ތިން މަހެއްހައި ދުވަހުވެސް ހިފަމުން ނުގެންދާތީ، ނޫސްވެރިންނަށް އެހެން އިންތިޒާމެއް ހަމަޖައްސައިދިނުމަށްޓަކައި، މިއަދުން ފެށިގެން މީޑިއާ ފެންޑާ އުވާލާފައިވާ ކަމަށް ބުންޏެވެ.
މީޑިއާ ފެންޑާއަކީ، މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލާ ދެކޮޅަށް އަޑުއުފުލުމަށް ނޫސްވެރިން ބޭނުން ކުރި ތަނެކެވެ. ނޫސްވެރިން އެ ތަނަށް ގޮސް ތިބެ ދުވަހުގެ މަސައްކަތް ކުރަމުން، ބިލު ބޭރުކުރުމަށް ގޮވާލާ ލައުޑް ސްޕީކަރުން އަޑު އުފުލަމުން ގޮސްފައިވެ އެވެ.