ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކުރި މީހަކު ބަލި ކަމަށް ބަލައި ޝަރުތުތަކާ އެކު ދޫކޮށްލި އަމުރު ހައި ކޯޓުން ބާތިލް ކޮށްފިއެވެ.
މި މައްސަލައަކީ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާއި ގުޅިގެން މިދިޔަ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު ދެކުނުގެ ރަށަކަށް ނިސްބަތްވާ މީހަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރި މައްސަލައެކެވެ.
އެކި ފަހަރުމަތިން އޭނާގެ ބަންދުގެ މުއްދަތު އިތުރު ކުރަމުން ގޮސް އެންމެ ފަހުން، މުއްދަތު އިތުރު ކުރަން މިދިޔަ މާޗު މަހުގެ 14 ގައި ނެރުނު އަމުރުގައި އޭނާ ބަންދުގައި ބަހައްޓަންޖެހޭ ހާލަތު ކަމަށް ބަޔާންކޮށްފައި ވަނ،ީ ގާނޫނުއަސާސީގެ އާއ،ި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލު ތަކަކަށް އަމަލު ކުރުމުގެ ގާނޫނަށް ރިއާޔަތްކޮށ،ް އޭނާ ބަންދުން ދޫކޮށްލައިފިނަމ،ަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށްޓަކައ،ި އަދި އޭނާ ބަންދުން ދޫކޮށްލައިފިނަމަ ހެކިބަސް ދޭން ހުރި ހެކިންނަށް ނުފޫޒު ފޯރުވުމުގެ އިހްތިމާލް އޮތުމުން ކަމަށެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލު ތަކަކަށް އަމަލު ކުރުމުގެ ގާނޫނުގެ ދަށުނ،ް ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލުމުގެ ދައުވާ އަހްމަދު މޫސާގެ މައްޗަށ،ް ދަށުކޯޓަށް ހުށަހަޅާފައިވަނީ މިދިޔަ މާޗު މަހުގެ ނުވަނަ ދުވަހުއެވެ.
އެންމެ ފަހުން ބަދުގެ މުއްދަތު އިތުރު ކުރުމުން އުމުރުން 60 އަހަރުން މަތީގެ އެމީހާގެ ފަރާތުން މެޑިކަލް ލިޔުން ތަކެއް ކޯޓަށް ހުށަހަޅައި އޭނާ އަކީ ނުކުޅެދުންތެރިކަން ހުންނަ މީހެއް ކަމަށާއި ކޮންމެ ތާކަށް ދިޔަޔަސް ދަނީ މީހަކާ އެކީގައި ކަމަށާއި އެހެންވެ އޭނާ އަކީ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަންޖެހޭ މީހެއް ނޫން ކަމަށް ބުންޏެވެ.
އޭނާއަކީ ހާއްސަ އެހީއަށް ބޭނުންވާ މީހެއް ކަމަށާއި ދެ ކިޑްނީގައި މައްސަލަ ޖެހިފައިވާ މީހެއް ކަމަށާއި ތައިރޮއިޑް ބައްޔާއި ރާއްޖެ ބައްޔާއި ނަފްސާނީ ބައްޔާއި ހިތުގެ ބައްޔަށް ވެސް ފަރުވާ ހޯދަމުން އަންނަ ކަމަށާއި، އޭނާ ހައްޔަރުކުރީ ކެންސަރަށް ޓެސްޓު ކުރުމަށް ޑޮކްޓަރު ލަފާ ދީފައިވަނިކޮށް ކަމަށް ވެސް ބުންޏެވެ.
ނަމަވެސް އެ ލިޔުންތަކަށް ބަލައި އެމީހާ ބަންދުން ދޫކޮށްލަންޖެހޭ ސަބަބެއް ނެތް ކަމަށް ދައުލަތުން ބުނެފައިވަނިކޮށް، ޑޮކްޓަރަށް ދެއްކުން ފަދަ ކަންކަމުގައި ފުލުހުންގެ ހުއްދައާ އެކު ބޭރަށް ދެވޭ ގޮތަށް އަދި އަނިޔާ ލިބުނު ކުއްޖާ އާއި އެ ކުއްޖާގެ އާއިލާ އާއި ރައްޓެހިންނާ މުއާމަލާތު ނުކުރުމަށާއި އަންގާ ދުވަސްތަކަށް ކޯޓަށް ހާޒިރުވުން ފަދަ ކަންކަމަށް ޝަރުތުކޮށް މެޖިސްޓްރޭޓް ކޯޓުން ނިންމީ އޭނާ ބަންދުން ދޫކޮށްލުމަށެވެ.
މެޖިސްޓްރޭޓް ކޯޓުގެ އެ ނިންމުން ދައުލަތުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.
އެ މައްސަލަ ބެލުމަށްފަހު މެޖިސްޓްރޭޓް ކޯޓުގެ އަމުރު ބާތިލްކޮށް ހައި ކޯޓުން ކުރި ހުކުމުގައިވަނީ ބަލި ހާލަތާ ބެހޭ ގޮތުން ހުށަހަޅާފައިވާ ލިޔުންތަކުގައި އޭނާގެ ބަންދުގައި ބަހައްޓައިގެން ނުވާނެ ކަމަށް ބުނަނީ ކޮން ލިޔުމަކަށް ބަލައިގެންތޯ ސުވާލު ކުރުމުން އެއަށް ޖަވާބެއް ދެވިފައިނުވާ ކަމަށެވެ. އަދި އޭނާ އަކީ މިހާރުވެސް ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތް މީހެއް ކަމަށް ބަލައި، އޭނާ ބަންދުން ދޫކޮށްލަން މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރު ބާތިލް ކުރުމަށް ހައި ކޯޓުން ހުކުމް ކުރިއެވެ.
އަދި އޭނާގެ ބަންދާމެދު އަލުން ގޮތެއް ނިންމަން، އިއްޔެ އިން ފެށިގެން ފަސް ދުވަސް ތެރޭ ހުށަހަޅައިފި ނަމަ ބަންދާމެދު އަލުން ގޮތެއް ކަނޑައެޅުމަށްވެސް ހުކުމްގައިވެއެވެ.