ދައުރުން ބޭރުން މަޖިލިސް ޖަލްސާތަކެއް ބާއްވަނީ

ދައުރުން ބޭރުން މަޖިލިސް ޖަލްސާތަކެއް ބާއްވަނީ

ދައުރުން ބޭރުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކެއް މިހަފުތާގައި ބާއްވަން ނިންމައިފިއެވެ.

މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރު ނިންމާލުމަށްފަހު ޗުއްޓީއަށް ގޮސްފައިވަނީ މިދިޔަ ހަފުތާގެ އަންގާރަ ދުވަހުއެވެ. މަޖިލިސް ގަވާއިދު ބުނާގޮތުން މަޖިލީހުގެ މި ދައުރު ނިމޭނީ އޯގަސްޓު 15 ގައެވެ. ނަމަވެސް މުހިންމު މަސައްކަތްތަކެއް ހުރި ކަމަށް ބުނެ މަޖިލީހުގެ ދައުރު 21 އަށް ދަންމާލުމަށްފަހު ކުއްލިގޮތަކަށް މަޖިލިސް ޗުއްޓީއަށް ދިޔައީ 19 ވީ އަންގާރަ ދުވަހުއެވެ.

މަޖިލިސް ޗުއްޓީއަށް ދާކަން އިއުލާނު ކުރައްވަމުން އެ ދުވަހުގެ ޖަލްސާގައި ރިޔާސަތުގައި އިންނެވި މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އެގޮތަށް ނިންމެވީ އެ ދުވަހު ފުރަތަމަ ކިޔުން އިއްވައި، އިބުތިދާއީ ބަހުސް ފެއްޓި މީޑިއާ ރެގިއުލޭޝަން ބިލު ދިރާސާ ކުރުމަށް މެންބަރުންނަށް ފުރުސަތު ދިނުމަށް ކަމަށެވެ. އެ ބިލު މަޖިލީހަށް ހުށަހަޅާފައިވަނީ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރުއެވެ. އެ ބިލުގެ ދިފާއުގައި ޕީއެންސީ މެންބަރުން ވާހަކަ ދެއްކެވި އިރު އެމްޑީޕީ މެންބަރުން ވަނީ އެ ބިލު އަނބުރާ ގެންދިއުމަށް ގޮވާލައި ބިލާ ދެކޮޅަށް ވާހަކަ ދައްކަވައިފައެވެ.

މަޖިލީހުގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވީ މިހަފުތާގެ 27 އަދި 28 ގައި މަޖިލީހުގެ ދެ ޖަލްސާ ބާއްވަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"މި މިހު 27 އަދި 28 ގައި ބާއްވަން މަސައްކަތް މިކުރަނީ، ޖަލްސާގެ އެޖެންޑާ އަދި ޔަގީނެއް ނުވޭ،" ފަލާހު ވިދާޅުވިއެވެ.

ހީވާގޮތުން އެ ޖަލްސާގައި ކުރިއަށްދާނީ ހިއުމަންރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އަށް މެންބަރަކު އައްޔަނު ކުރުމަށް ރުހުން ދިނުމުގެ މަސައްކަތެވެ. މި ދައުރުގެ އެންމެ ފަހު ދުވަހު ވަނީ އެ ކޮމިޝަނަށް މެންބަރަކު އައްޔަނު ކުރުމަށް ތިން ނަމެއް ފޮނުވައިފައެވެ.

އޭގެ އިތުރުން އިބުތިދާއީ ބަހުސް ފަށާފައިވާ މީޑިއާ ބިލުގެ މަސައްކަތް ވެސް އެ ޖަލްސާގައި ކުރުމުގެ ފުރުސަތު ބޮޑެވެ. އެ ބިލާ ދެކޮޅަށް ނޫސްވެރިން އަންނަނީ ކެމްޕެއިން ކުރަމުންނެވެ. ނޫސްވެރިންކަމުގެ މިނިވަންކަން ހަނިވާ ގޮތަށް ފަރުމާކޮށްފައިވާ މި ބިލު ބޭރުކުރުމަށް ގޮވާލައި، ނޫސްވެރިންގެ ޖަމިއްޔާ (އެމްޖޭއޭ) އާއި މޯލްޑިވްސް މީޑީއާ ކައުންސިލް އަދި ބޭރުގެ ޖަމިއްޔާ ތަކުންވެސް ބަޔާން ނެރެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *