އއ. މާޅޮހުން ޒަޚަމްތަކަކާއެކު ފެނުނު އަބްދުއްރަހްމާނު އާދަމްގެ މަރުގެ މައްސަލާގައި ތިން މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ޢަބްދުއްރަހްމާން ނިޔާވީ ލިބިފައިވާ ޒަޚަމް ތަކަށް ފަރުވާދެމުން ދަނިކޮށް މިދިޔަ މަހުގެ 13 ވަނަ ދުވަހުއެވެ. މިމައްސަލާގައި ފުލުހުން މިއަދު ވިދާޅުވީ ޢަބްދުއްރަހުމާން އާދަމް މަރާލުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި 3 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
މިމައްސަލާގައި ހައްޔަރު ކޮށްފައިވާ މީހުންގެ ތަފްސީލެއް އަދި ފުލުހުން ހާމަކޮށްފައި ނުވެއެވެ. މިކަމުގެ އިތުރު ތަފްސީލް ފަހުން ހާމަކުރާނެ ކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ފުލުހުން ވަނީ އަބްދުއްރަހްމާން އާދަމްގެ އޮޓޮޕްސީ ހެދުމަށްފަހު ވަގުތީ ރިޕޯޓުން ފާހަގަވި ކަންކަން ޙިއްސާ ކޮށްފައެވެ. އެގޮތުން ފުލުހުން ވިދާޅުވީ އޮޓޮޕްސީ ރިޕޯޓުން ދައްކާގޮތުން އަބްދުއްރަހްމާން އާދަމް ނިޔާވެފައި ވަނީ ބޮލައް ލިބުނު އަނިޔާގެ ސަބަބުން ކަމަށެވެ. މިކަމާއި ގުޅިގެން ފުލުހުންގެ ޓީމެއް އެ ރަށުގައި ހަރަކާތްތެރިވެ، ރަށަށް އަރާ ފައިބާ މީހުން މޮނީޓަރ ކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންދިޔައެވެ.
ޢަބްދުއްރަޙްމާން ނިޔާވިއިރު، އޭނާގެ ޢުމުރަކީ 65 އަހަރެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޒަޚަމްތަކަކާއެކު ފެނިފައިވާ އަބްދުއްރަހްމާން ދިރިއުޅެމުން ދިޔައީ ގޭގައި އޭނާގެ އަނބިމީހާއެކުގައެވެ.
ނިޔާވި އަބްދުއްރަހްމާނަކީ ދިރިއުޅުމުގެ މަސައްކަތަކަށް މަސްވެރިކަން ކުރަމުން ދިޔަ މީހެއްކަން ވަނީ އެނގިފައެވެ. އަދި އޭނާގެ 2 ކުދިން ތިބޭކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.