މީޑިއާތަކަށް ދޭން ނިންމީ ދައުލަތުގެ އާމްދަނީން 0.1 ޕަސަންޓު

މީޑިއާތަކަށް ދޭން ނިންމީ ދައުލަތުގެ އާމްދަނީން 0.1 ޕަސަންޓު

މި އަހަރުން ފެށިގެން ކޮންމެ އަހަރަކަށް ފާސްކުރާ ދައުލަތުގެ ބަޖެޓުގައި، އަންދާޒާކުރެވޭ އާމްދަނީގެ 0.1 ޕަސެންޓް ފައިސާ މީޑިއާތަކަށް ދޭނެ އުސޫލެއް ސަރުކާރުން މިއަދު ގެޒެޓުކޮށްފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ، މީޑިއާތަކަށް ފައިސާ ދޫކުރަނީ، ހިލޭ އެހީއާއި އާމްދަނީ އިތުރުކުރަން އެ އަހަރަކަށް ހުށަހަޅާ އާ ކަންކަމުން ލިބޭނެކަމަށް ލަފާކުރާ ފައިސާއާއި ވަކި ކަމަކަށް ހިމަނާފައިވާ ފައިސާ ނުހިމަނައި، ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ބަޖެޓުގެ އަންދާޒާކުރެވޭ ރެވެނިއުގެ 0.1 އިންސައްތައަށް ވާ މިންވަރަށް ފައިސާ ކަމަށެވެ.

މިއާއެކު ދައުލަތުގެ ބަޖެޓުން އަމިއްލަ މީޑިއާތަކަށް ދޫކުރާ ފައިސާ ހޯދުމަށް އެދި ކުރިމަތިލުމުގެ ފުރުސަތު ދެފުށްފެންނަ، ޒިންމާދާރު އުސޫލެއްގެ ތެރެއިން ފުރަތަމަ ފަހަރަށް ހުޅުވިގެން ދާނެ ކަމަށް ރަައީސް އޮފީހުން ބުންޏެވެ.

މިއަދު ގެޒެޓުކުރެވުނު މި އުސޫލުގައި ރަޖިސްޓްރީ ކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް މާލީ އެހީ ދިނުމުގެ އެންމެހާ އުސަުލުތަކާއި މިންގަނޑުތައް ބަޔާން ކޮށްފައިވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް މުއިއްޒު، ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު އިންތިގާލީ މަރުހަލާގައި، ރާއްޖޭގެ ހުރިހާ މީޑިއާ ތަކާއެކު ”މީޑިއާ ގުންޒަރު“ގެ ނަމުގައި ބޭއްވެވި މަޝްވަރާ ބައްދަލުވުމުގައި އެ މަނިކުފާނު ވަނީ މީޑިއާގެ ކަންކަން ގެންދާނެގޮތުގެ ހިޔާލު ހޯއްދަވައި، މީޑިއާތަކަށް ދިމާވެފައިވާ ދަތިތަކަށް ހައްލުހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން މީޑިއާތަކަށް ދެއްވާފައި ކަމަށް ރަައީސް އޮފީހުން ބުންޏެވެ.

އެގޮތުން އެ ރޭ އެމަނިކުފާނު ވަނީ މީޑިއާތައް ބާރުވެރިކުރުވުމަށް ސަރުކާރުން ގެންގުޅުއްވާ ޕްލޭންގެ ތެރެއިން މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމަށް ދައުލަތުގެ ބަޖެޓުން އިންސައްތައެއް ކަނޑައަޅުއްވައި، އެ މިންވަރު މީޑިއާތަކަށް ހަމަޖެއްސެވުމުގައި ދެފުށްފެންނަ، ޒިންމާދާރު އުސޫލެއް އެކުލަވާލައްވާނެކަން އިއުލާންކުރައްވާފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *