ކުޑަކުދިން ގްރޫޕް ހަދައިގެން ކުށުގެ ވެށީގައި އުޅޭ މިންވަރު އިތުރުވެއްޖެ: ފުލުހުން

ކުޑަކުދިން ގްރޫޕް ހަދައިގެން ކުށުގެ ވެށީގައި އުޅޭ މިންވަރު އިތުރުވެއްޖެ: ފުލުހުން

ކުޑަކުދިންގެ ގްރޫޕުތަކުން ސަރަހައްދުތަކަށް އެއްވާ މިންވަރު އެތެރެވާތީ ފުލުހުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ތަފާސް ހިސާބު ތަކުން ދައްކާ ގޮތުން، ކުށް ހިންގާ ކަމަށް ފާހަގަކުރެވޭ ބައެއް ސަރަހައްދުތަކުގައި އުމުރުން 18 އަހަރު ނުފުރޭ ފިރިހެން ކުދިންގެ ގްރޫޕްތައް އެއްވެ ތިބޭ މިންވަރު އިތުރުވަމުންދާކަން ފާހަގަވެފައިވާ ކަމަށެވެ.

ފުލުހުން ބުނީ ކުށުގެ މާހައުލުތަކަށް ކުޑަކުދިން ހުށަހެޅުމަކީ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށާއި އޭގެ ސަބަބުން ކުޑަކުދިން ގުރޫމިންގެ ޝިކާރައަކަށްވެ، ރައްކާތެރިނޫން ހާލަތްތަކާ ކުރިމަތިލާން ޖެހުމުގެ ފުރުސަތު އިތުރުވެ، ގާނޫނާ ހިލާފަށް އެއްގަމު އުޅަނދު ދުއްވުމަށް ހިތްވަރު ލިބި، މައިންބަފައިންނާ ނުރުހުންވެ ފިލައިގެން ގެއިން ނުކުމެ، މަސްތުވާތަކެތީގެ ވަބާއަށް ހުށަހެޅި، އަދި އެހެނިހެން ގާނޫނާ ހިލާފު އަމަލުތަކުގައި ބައިވެރިވުމުގެ ފުރުސަތު އިތުރުވެގެންދާ ކަމަށެވެ.

މިފަދަ ކަންކަމަށް މައިންބަފައިންނާއި ބެލެނިވެރިން އިތުރަށް ސަމާލުވެ، ކުދިން ހަރަކާތްތެރިވާ ތަންތަން ބެލުމަށާއި، އަދި ރައްކާތެރިކަމާއި ޒިންމާދާރު އުޅުމާ ބެހޭގޮތުން އެ ކުދިންނާއެކު ވާހަކަދައްކައި މަޝްވަރާތައް ކުރެއްވުމަށް އިލްތިމާސްކުރަމެވެ.ފުލުހުން ބުނީ އެ ސަރަހައްދުތަކަށް އަމާޒުކޮށް ސްޕޮޓް ޗެކް ކުރުމާއި، ދުވަހުން ދުވަހަށް ކުރާ ޕެޓްރޯލިންގެ ތެރެއިން ގާތުން މޮނިޓާކޮށް ބަލަހައްޓަމުން ގެންދާނެ ކަމަށެވެ. އަދި ކުޑަ ކުދިންގެ ރައްކާތެރިކަމާއި ދުޅަހެޔޮކަން ކަށަވަރުކުރުމަށްޓަކައި މައިންބަފައިންނާއި، ތައުލީމީ ވުޒާރާއާއި، އަދި ދައުލަތާއި މުޖުތަމައުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ކުޑަ ކުދިން ހެޔޮ ގޮތުގައި ތަރުބިއްޔަތު ކޮށް، އެ ކުދިންނަކީ ޒިންމާދާރު، ހެޔޮލަފާ، ހުލްގުހެޔޮ ބައެއްގެ ގޮތުގައި މުޖުތަމައަށް ނެރެދެއްވުމަށްޓަކައި، އެންމެހައި މައިންބަފައިންނާއި ބެލެނިވެރިންގެ އިތުރުން، ކަމާގުޅުންހުރި ދައުލަތުގެ އެންމެހައި މުއައްސަސާތަކުން ވެސް ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތްކުރުމަށް ފުލުހުން ގޮވާލި އެވެ.

އެފަދަ ކަމަކާ ގުޅިގެން އެއްވެސް އެހީތެރިކަމެއް ބޭނުންވާނަމަ، ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ނަންބަރު 9790163، ނުވަތަ ވިކްޓިމް ސަޕޯޓް ޔުނިޓް ގެ ނަންބަރު 9770640 އަށް ގުޅުމަށް ފުލުހުން އެދެ އެވެ. ކުއްލި ހާލަތެއްގައި 911 އަށް ގުޅުމަށް އެދިފައިވެ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *