އުމުރުން 75 އަހަރު ވަންދެން ދައުލަތުގެ ވަޒީފާގައި ދެމި ހުރުމުގެ ފުރުސަތު އޮންނަ ގޮތަށް ފަހިކޮށް ދިނުމަށް ހިމަނައިގެން "ރީ އެމްޕްލޯއިމަންޓްގެ ބިލު" ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ގުރައިދޫ ދާއިރާގެ މެންބަރު ހަނާން މުހައްމަދު ރަޝީދެވެ.
މިއީ ދައުލަތުގެ ވަޒީފާ އަދާކުރާ ފަރާތްތަކަށް އުމުރުން 75 އަހަރާ ހަމައަށް މަސައްކަތް ކުރުމުގެ މަގުފަހި ކޮށްދީ، ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ އަދާކުރުމުގެ ފުރުސަތު ދިނުމުގައި ބަލާނެ ހަމަތަކާއި އުސޫލުތައް ކަނޑައެޅުމުގެ ބިލެކެވެ.
އެހެން ކަމުން ރީ އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ އަދާކުރުމުގައި އަމަލު ކުރެވޭނެ އުސޫލު ތައްވެސް މި ބިލުގައި ވަނީ ބަޔާން ކޮށްފައެވެ. ބިލުގައި ބުނެފައި ވަނީ ރީ އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ދެވޭނީ ދައުލަތުގެ ވަޒީފާގައި މަސައްކަތް ކުރަމުންދާ 65 އަހަރާއި 75 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން ވަޒީފާގައި ދެމިތިބުމަށް އެދޭ މީހުންނަށް ކަމަށެވެ.
މި ގާނޫނަށް އަމަލު ކުރަން ފަށާ ތާރީހުން ފެށިގެން ހަތް އަހަރު ކުރިން ފެންޝަން ހައްގުވުމުގެ އުމުރު ހަމަވެ، ވަޒީފާއިން ވަކިވެފައިވާ، ދައުލަތުގެ ވަޒީފާއެއް އަދާކޮށްފައިވާ ފަރާތްތަކުގެ ތެރެއިންވަޒީފާ ހަމަޖައްސައިދެވިދާނެ ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.
ނަމަވެސް އެ އުސޫލުން ވަޒީފާ ހަމަޖައްސަން ޖެހޭނީ އަހަރުން އަހަރަށް އައު ކުރަންޖެހޭ އެއްބަސްވުމެއްގެ ދަށުން ކަމަށާއި، އެ އުސޫލުގެ ދަށުން މުވައްޒަފު ކުރިން ހުރި މަގާމު ނުވަތަ އެހެން މަގާމަކަށްވެސް ހަމަޖެއްސިދާނެ ކަމަށްވެސް ބުނެފައިވެއެވެ.
ބިލުގައިވާ ގޮތުން ރި އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާދޭ ފަރާތްތަކަށް މުސާރަ އާއި އިނާޔަތްތައް ކަނޑަ އަޅާނީ ނޭޝަނަލް ޕޭ ކޮމިޝަނުން ކަނޑައަޅާ މިންގަނޑުގެ ތެރޭގައެވެ.
މި ގާނޫނުގައި ބުނާ އުސޫލުން ވަޒީފާ ދޭ ފަރާތްތަކަށް 65 އަހަރުވުމުން ދޭ އަސާސީ ޕެންޝަނެއް ނުލިބުނު ނަމަވެސް ޕެންޝަނާބެހޭ ގާނޫނުން ލިބިދޭންޖެހޭ އެހެނިހެން ޕެންޝަންގެ ފައިސާ ލިބޭނެ ކަމަށްވެސް ބިލްގައި ބުނެފައިވެއެވެ.
ބިލުގައި ވާގޮތުން އުމުރުން 65 އަހަރު ވުމަށްފަހުވެސް ވަޒީފާގައި ތިބެން ބޭނުންވާ މުވައްޒަފުން 65 އަހަރު ފުރުމުގެ ހަމަ މަސް ދުވަސް ކުރިން ރީ އެމްޕްލޯއިމަންޓަށް ހުށަހަޅަން ޖެހޭނެއެވެ. ކުރިން ވަޒީފާއިން ވަކިވެފައިވާ ފަރާތެއްނަމަ މި ބިލް ފާސްވެ ގާނޫނަށް އަމަލު ކުރަން ފަށާތާ 5 މަސް ދުވަހުގެ ތެރޭގައި ރީ އެމްޕްލޯއިމަންޓަށް ހުށަހަޅަން ޖެހޭނެ ކަމަށްވެސް ބިްލުގައި އިވެއެވެ.
ނަމަވެސް ސިފައިންނާއި ފުލުހުންނާއި ފަނޑިޔާރުން އަދި ގާނޫނުއަސާސީ އާއި ގާނޫނެއްގެ ދަށުން އައްޔަން ކުރެވޭ މަގާމުތަކުގައި ތިއްބަވާ ފަރާތްތަކަށް މި ގާނޫނު ނުހިނގާނެއެެވެ.