ފޯޅަވަހި މައްސަލައިގައި ކުރިއަށް ނުދެވެނީ ކުރީގެ ސަރުކާރުން ސިޓީ ބޭރުކުރުން: ޚަލީލް

ފޯޅަވަހި މައްސަލައިގައި ކުރިއަށް ނުދެވެނީ ކުރީގެ ސަރުކާރުން ސިޓީ ބޭރުކުރުން: ޚަލީލް

ޗާގޯސް ނުވަތަ ފޯޅަވަހީގެ ރަށްތަކަށް މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާކަން ރާއްޖެއިން ބަލައިގަނެ، އެމްޑީޕީގެ ސަރުކާރުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މޮރިޝަސްގެ ބޮޑުވަޒީރަށް ސިއްރު ސިޓީއެއް ނުފޮނުއްވި ނަމަ، ގެއްލިފައިވާ ކަމަށް ބުނާ ކަނޑާއި، ފޯޅަވަހި ރާއްޖެއަށް ހޯދުމުގެ މައްސަލައިގައި ކުރިއަށް ދެވޭނެ ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލު ވިދާޅުވެއްޖެއެވެ.

ހަލީލު މިގެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފޯޅަހި ރާއްޖެއަށް ހޯދުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކާ ބެހޭގޮތުން ވިލުފުށީ ދާއިރާގެ މެންބަރު ހަސަން ވަހީދު، ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ، ރައީސް ސޯލިހުގެ "ސިއްރު ސިޓީ"ގެ ސަބަބުން ރާއްޖޭގެ ދެކުނުގެ މަސްވެރިން މަސްވެރިކަން ކުރާން ބޭނުންކުރާ ބޮޑު ކަނޑެއް ގެއްލިފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން ދެކުނުގެ މަސްވެރި ކަމަށް ބުރޫއަރާފައިވާ ކަމުގެ ޝަކުވާ ލިބިފައިވާ ކަަމަށްވެސް ވިދާޅުވިއެވެ.

ފޯޅަވަހީގެ ރަށްތަކަށް މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާކަން ދިވެހި ސަރުކާރުން ބަލައިގަނެ، އެމްޑީޕީގެ ސަރުކާރުން، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރު ޕްރަވިންދް ކުމާރު ޖުގްނައުތާއަށް ސިޓީއެއް ފޮނުއްވީ 22 އޮގަސްޓް 2022ގައެވެ.

އެ ސިޓީ އާންމު ކުރަން އެމްޑީޕީ ސަރުކާރުން ދެކޮޅު ހަދަމުން ދަނިކޮށް، ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި (ސެޕްޓެމްބަރު 2023ގައި) އެ ސިޓީ ވަނީ ލީކުކޮށްލައިފައެވެ. ނަމަވެސް އެ ސިޓީ ރަސްމީ ސިފައެއްގައި އާންމު ކުރީ މި ސަރުކާރުންނެވެ. އެއީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގެއްލުނު ކަމަށް ބުނާ ބައި ހޯދުމާއި ބެހޭގޮތުން ކުރަމުން އަންނަ މަސައްކަތްތައް ހާމަކޮށް 19 ޑިސެމްބަރު 2023ގައި ނެރުނު ބަޔާނާ އެކީގަ އެވެ. މި ސަރުކާރުން އާންމު ކުރި  ސިޓީ އާއި ލީކުވި ސިޓީއާއި ތަފާތެއް ނެތެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *