ދާދި ފަހުން ރާއްޖޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލުކުރެއްވި، ޕްރިންސް ފަހްދު އަލް ސައުދަކީ ސައުދީ އަރަބިއްޔާގެ ޝާހީ ދަރިފަސްކޮޅުގެ އަމީރާއެއްގެ ދަރިކަލެއް ކަމަށް ފޮރިން މިނިސްތަރު ޑރ. އަބުދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޚަލީލު މިހެން ވިދާޅުވީ، ޕްރިންސް ފަހްދު އަލް ސައުދަކީ، ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެއް ނޫންކަން ހާމަ ކުރެއްވުމަށްޓައި އެމްޑީޕީގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް މިއަދުގެ މަޖިލިސް ޖަލްސާގައި ކުރެއްވި ސުވާލު ތަކަށް ޖަވާބު ދެއްވަމުންނެވެ.
މީކާއީލް ވަނީ ފަހުދަކީ ޝާހީ އާއިލާގެ ބޭފުޅެއްތޯ އާއި އޭނާ ރާއްޖެ ވަޑައިގެން ރައީސް މުއިއްޒުއާއެކު ބައިވެރިވަޑައިގެންނެވި ފައިނޭންޝަލް ސެންޓަރުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި، ސައުދީ އެމްބަސީން ބައިވެރިވެފައި ނުވަނީ ކީއްވެތޯ އާއި ފަހުދަކީ ޝާހީ އާއިލާއަށް ނިސްބަތްވާ ފަރާތެއްގެ ގޮތުގައި ބަޔާންކޮށްފައި ވަނީ ހަގީގަތާއި ޚިލާފަށް ނަމަ، ސައުދީ އާއި ރާއްޖެ އާ ދެމެދު އޮތް ޚާރިޖީ ގުޅުމަށް ނޭދެވޭ އަސަރެއް ކޮށްފާނެތޯ، މިނިސްޓަރާ ސުވާލު ކުރައްވައިފައެވެ.
ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ފަހަދަކީ ޝާހީ ދަރިފަސްކޮޅުގެ އަމީރާއެއްގެ ދަރިކަލެއް ކަމަށާއި އޭނާ ރާއްޖެއަށް ވަޑައިގެންނެވީ ވިޔަފާރީގެ ދަތުރު ފުޅެއްގައި އަމިއްލަ ބައެއް މަސައްކަތްތައް ކުރެއްވުމަށް ކަމަށެވެ.
"އޭނާ ވަޑައިގެންފައި ވަނީ މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓާ ހުޅުވުމުގެ ރައްމިއްޔާތަށާއި އަދި އެކަމުގައި ޝާމިލްވާ އެހެން ބޭބޭފުޅުންނާއެކު ކުރެވުނު މަސައްކަތްތަކުގައި ބައިވެރިވުމުގެ ބޭނުމުގައި،" ޚަލީލް ވިދާޅުވިއެވެ.
އެ ރަސްމިއްޔާތުގައި ސައުދީ އެންބަސީގެ ބޭފުޅުން ބައިވެރިވެ ވަޑައިނުގެންނެވި ސަބަބު އޮޅުންފިލުއްވައި ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ނުރަސްމީކޮށް އަދި ރަސްމީކޮށް ވިޔަސް ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެ ވަޑައިގަންނަވާ ބައްދަލުވުމެއްގައި ބޭފުޅަކު ވަޑައިގަންނަވާއިރު، އެ ރަސްމިއްޔާތުގައި ބައިވެރި ކުރާނީ ކޮންބައެއްކަން ނިންނެވުމުގެ އިޚްތިޔާރު އޮންނާނީ ރައީސަށް ކަމަށެވެ.
"ރައީސްގެ އިޚްތިޔާރުގައި އޮންނަ ކަމެއް އެއީ ބައިވެރި ކުރާނީ ކޮންބައެއްތޯ، ނުކުރާނީ ކޮންބައެއްތޯ. ނަަމަވެސް އާއްމު ގޮތެއްގައި ރަސްމީ ކަމެއްގައި ވަޑައިގަންވާއިރު ކޮންމެ ބޭފުޅަކަށްވެސް އެ ބޭފުޅަކު ނިސްބަތްވާ ގައުމެެއްގެ ޚާރިޖިއްޔާ ތަމްސީލު ކުރައްވާ ފަރާތްތަކަށް ދައުވަތު ދެމުން ގެންގޮސްފައިވާކަން ފާހަގަ ކުރަން، ފަހްދު ރާއްޖެ ވަޑައިގެންނެވީ އަމިއްލަ ދަތުރު ފުޅެއްގައި ކަމަށްވާތީ، އެކަަމަކީ ސައުދީ އެންބަސީއަށް ވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އިޚްތިޔާރުން އެމަނިކުފާނު ކަނޑައަޅުއްވާ ބޭފުޅުން ތަކެއް ބައިވެރިވެ ވަޑައިގެން އެބައްދަލުވުން ކުރިއަށް ގެންދިޔައީ،" ޚަލީލް ވިދާޅުވިއެވެ.
ޚަލީލު ވިދާޅުވީ އެކަމުގެ ސަބަބުން ސައުދީ އާއި ރާއްޖެއާ ދެގައުމުގެ ގުޅުމަށް އެއްވެސް އަސަރެއް ކޮށްފައިނުވާ ކަމަށެވެ.