ދައުލަތަށް ދައްކަންޖެހޭ ޓެކްސް ފައިސާ ނުދައްކާ ފަރާތައް ޖަލަށްލުމަށް، ޓެކްސް ނެގުމުގެ އިދާރީ ގާނޫނަށް ގެންނަން ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާއިރު، ޓެކްސް ނުދައްކައިގެން އޭނާ ވެސް ޖަލަށްލާންވީކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލިހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭސް ސަލީމް) ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެބިލަށް ކުރިއަށްގެންދިޔަ ބަހުސްގައި ވާހަކަދައްކަވަމުން، މާލިއްޔަތު ކޮމިޓީގެ ނާއިބު މުރައްރިރުކަންވެސް ކުރައްވާ ސަލީމް ވިދާޅުވީ، ޓެކްސް ނުދައްކާ ފަރާތަކުގެ އަދަބު ބޮޑުކޮށް ޖަލަށްލެވޭގޮތަށް ގާނޫނު އިސްލާހު ކުރަން މަޖިލީހަށް ހުށަހަޅާފައިވާ ބިލަކީ މުހިއްމު ބިލެއް ކަަމަށެވެ.
ސަބަކީ ޓެކްސްގެ ތެެރެއިން ދައުލަތަށް ލިބެންޖެހޭ އާމްދަނީ، ނުވަތަ ޓެކްސްފައިސާ ނުލިބުމުގެ ސަބަބުން ދައުލަތް ހިންގަންބޭނުންވާ ފައިސާ ނުލިބޭތީ ކަމަށެވެ.
ސަލީމް ވިދާޅުވީ، ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ 15 ވަރަކަށް ބިލިޔަން ރުފިޔާ މިހާރުވެސް ނުލިބި އެބައޮތް ކަމަށެވެ.
ސަލީމް ވިދާޅުވީ ޓެކްސް ދައްކާމީހުން ބަރާބަރަށް އެކަން ކުރަމުންދިޔަަސް ޓެކްސް ނުދައްކައި ޓެކްސްއަށް މަކަރުހަދާ މީހުން ހަމަ އެގޮތުގައިތިބި ކަމަށެވެ.
ޓެކްސްގެ ގާނޫނެއް ރާއްޖެއަށް ތައާރަފްކުރީ ވަރަށްމާތް މަގުސަދެއްގައި ކަން ފާހަގަ ކުރައްވައި ސަލީމް ވިދާާޅުވީ، ޓެކްސް އަށް މަކަރުހަދާ މީހުން އިތުރުވުމުގެ ސަބަބުން އެކަމުގެ މަގުސަދު ހާސިލްވަމުން ނުދާކަމަށެވެ.
ސަލީމް ވިދާޅުވީ، ދުނިޔޭގެ އެހެންކައުމުތަކާއަޅާބަޅާއިރު ދިވެހި ވިޔަފާރިތަކުން ނަގާ ޓެކްސް ބޮޑެއްނޫންކަމަށެވެ.
ދައުލަތުގެ ދަރަނި ދައްކަނީ ޓެކްސް ފައިސާއިން ކަން ފާހަގަ ކުރައްވައި ސަލީމް ވިދާޅުވީ، އަންނަ އަހަރު ދަރަނީގެ ގޮތުގައި ރާއްޖެއިން އެއްބިލިޔަންޑޮލަރު ދައްކަންޖެހޭކަމަށެވެ.
ސަލީމް ވިދާޅުވީ، ޓެކްސް ދައްކާ ފަރާތްތަކަށް ދޭން ބިލުގައި ކަނޑައަޅާފައިވާ އަދަބުތަކީ ދޭންޖެހޭ އަދަބުތަކެއް ކަމަށެވެ.
"ފައިސާއަކީ މަތިން ފައިބާ ފައިސާއެއްނޫން، އާއްމުންގެ އަތުން ނަގާ ޓެކްސްތަކުން ހަމަ އެ ހުރިހާ ދަރަންޏަކާ އެއްޗެހި ދައްކަންޖެހެނީ، މީ އަޅުގަނޑުމެން ވިސްނާލަންޖެހޭކަމެއް، ކުރިއަށްއޮތީ އުނދަގޫ އަހަރުތަކެއް، އެހެންވީމާ ބަރާބަރަށް ޓެކްސް ނުދައްކާ މީހުންނަށް މީގަ ހުރި އަދަބުތަަކަކީވެެސް ހަމަ ދޭންޖެހޭ އަދަބުތަކެއް، އަޅުގަނޑަކީ ހަމަ ވިޔަފާރިވެރިއެއް، އަޅުގަނޑު ޓެކްސް ނުދެއްކިޔައް ހަމަ އަޅުގަނޑު ގެންގޮސް ޖަލަށްލާންވީ، އެއީ އަޅުގަޑަކަށް މައްސަލައެެއްނޫން، ޓެކްސްއަށް މަކަރު ހެދިޔައް އަޅުގަޑާ ދޭތެރޭއަޅަންޖެހޭ ފިޔަަވު އަޅަންވީ، އެއަކީ އަޅުގަނޑަކަށް މައްސަލައެއްނޫން، ބަރާބަރަށް މިކަންކުރާ ބަޔަކަށް މިއަކީ މައްސަލައަަކަށްނުވާނެ، ،"