އދ. ގެ އާންމު މަޖިލީހުގެ ރައީސްކަން ކުރިން ކުރައްވާފައިވާ އަދި ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ހަންގޭރިއަން ޑިޕްލޮމެޓިކް އެކަޑަމީގައި ވަރަށް ހާއްސަ ތަޤުރީރެއް ދެއްވައިފިއެވެ.
ޝާހިދު ފޭސްބުކުގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހަންގޭރީގެ މުސްތަގުބަލުގެ ޑިޕްލޮމެޓުންނާއި، ލީޑަރުންނާއި، އަދި ބޮޑުވަޒީރަކާ މުޚާތަބު ކުރަން ފުރުސަތު ލިބުމަކީ ލިބުނު ފަޚުރެއް ކަމަށެވެ.
ތަޤުރީރުގައި ޝާހިދު ވަނީ ރާއްޖެއަށް ޑިޕްލޮމެޓިކް ދާއިރާއިން ލިބުނު ކާމިޔާބީތަކާއި އަންނަން އޮތް ޖީލަށް މުހިންމު ނަސޭހަތް ތަކެއް ދެއްވާފައެވެ.
"މިފުރުސަތަކީ ދުނިޔޭގެ މުސްތަޤްބަލު ބައްޓަން ކުރުމުގައި މުހިންމު ދައުރެއް އަދާކުރާނެ ފަރާތްތަކާ ސީދާ ބައްދަލުކޮށް ޚިޔާލު ބަދަލު ކުރުމުގެ ފުރުސަތެއް" ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ހިއްސާ ކުރެއްވި ގޮތުގައި، ކުރިން ކުޑަކަމުން މުހިންމު ކަމެއް ނެތް ގައުމެއްގެ ގޮތުގައި ދެކެވުނު ދިވެހިރާއްޖެ، އދ. ގެ އާންމު މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމުގެ މަގާމަށް އިސްވެގެން ދިޔަގޮތަކީ ޑިޕްލޮމެސީގެ މިސާލެއް ކަމަށެވެ.
ޝާހިދު ފާހަގަ ކުރެއްވި ގޮތުގައި، ކޮވިޑް-19 އިން ފެށިގެން ޔޫރަޕްގައި ހިނގި ހަނގުރާމައާއި ހަމައަށް، އުސޫލުތަކުގެ މައްޗަށް ބިނާކޮށް ކުރެވޭ ޑިޕްލޮމަސީއަށް ދުނިޔޭގެ ނަތީޖާތައް ބަދަލު ކުރެވިދާނެކަން ވަނީ ފެނިވަޑައިގެންފަައެވެ.
މިއީ ބައިނަލްއަގުވާމީ ގުޅުން ތަކުގައި ކުޑަ ގައުމު ތަކަށްވެސް މުހިންމު ދައުރެއް އަދާކުރެވޭނެ ކަމުގެ ހެއްކެއް ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.
އަންނަން އޮތް ޖީލަށް ހާއްސަކޮށް، ޝާހިދު ވަނީ މުހިންމު ނަސޭހަތް ތަކެއް ދެއްވާފައެވެ.
އެގޮތުން ޝާހިދު ވިދާޅުވީ، "ތިޔަ ބޭފުޅުންނަށް ވާރުތަ ވާނީ ހަލާކުވެފައިވާ މުއައްސަސާތަކެކެވެ. އެހެންނަމަވެސް އެ މުއައްސަސާތައް އަލުން ބިނާ ކުރުމަށް ބޭނުންވާ ވަސީލަތްތައްވެސް ތިޔަ ބޭފުޅުންނަށް ލިބިވަޑައިގަންނަވާނެއެވެ. ތެދުވެރިކަމާއެކު ހިނގާށެވެ. މަގުސޮދާއެކު ވާހަކަ ދައްކާށެވެ. މުސްތަގުބަލަށް ތިޔަ ބޭފުޅުންގެ އަޑު ބޭނުންވާނެ” ކަމަށެވެ.
ރާއްޖެއަށް ޑިޕްލޮމެޓިކް ދާއިރާއިން ލިބިފައިވާ ކާމިޔާބީ ތަކުގެ ފަޚިރުވެރިކަމުގެ އިތުރުން، އަންނަން އޮތް ޖީލަށް ބައިނަލްއަގުވާމީ ގުޅުންތަކުގައި އިތުބާރާއެކު މަސައްކަތް ކުރުމަށް ޝާހިދު ވަނީ ތަގުރީރުގައި އެދިވަޑައިގެންފަ އެވެ.
ޝާހިދަކީ އދ.ގެ އާންމު މަޖިލީހުގެ ރައީސްކަން ކުރައްވާފައިވާ، ދުނިޔޭގެ ފެންވަރުގައި ފާހަގަ ކޮށްލެވޭ ޑިޕްލޮމެޓެކެވެ. އެމަނިކުފާނު ވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރުކަންވެސް ދެފަހަރު ކުރައްވާފައެވެ.