ހުސްވެފައިވާ އުއްތަމަ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަނުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ، ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްގަނީ މުހައްމަދު އެމަގާމަށް އައްޔަންކުރަން ފެންނަކަމަށް އެ ނަން އިތުރަށް ދިރާސާކުރުމަށް ފޮނުވި ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީ ފާސްކޮށްފިއެވެ.
ގަނީ އުއްތަމަފަނޑިޔާރުކަމުގެ މަގާމަށް އައްޔަންކުރަން މަޖިލީހަށް ފޮނުވި މައްސަލަ ދިރާސާކުރަން މަޖިލިހުގެ ކޮމިޓީއަށް ފޮނުވީ މިއަދުއެވެ.
އެއީ އުއްތަމަ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލާން ޖޭއެސްސީން ހުޅުވައިލި ފުރުސަތު އެ މަގާމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ތިން ބޭފުޅުންގެ ނަމާވެސް އެކުގައެވެ. އޭގެ ތެރޭގައި ހިމެނެނީ ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނާއި ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްގަނީ މުހައްމަދާއި ފެމިލީ ކޯޓުގެ ގާޒީ އަދި ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) އެވެ.
އެ ތިން ބޭފުޅުންނާ ޖޭއެސްސީން އިއްޔެ ވަނީ އިންޓަވިއުކޮށްފައެވެ. އޭގެ ތެރެއިން އެންމެ މަތިން މާކްސް ލިބިވަޑައިގެންފައިވަނީ އަބްދުލްގަނީ އަށެވެ.
އެހެންކަމުން މަޖިލީހަށް ފޮނުވި ލިސްޓްގައިވެސް ގަނީ އައްޔަންކޮށްދެެއްވުމަށް ރައީސް މުއިއްޒުވެސް ވަނީ އެދިވަޑައިގެންފައެވެ.
ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައު އުއްތަމަފަޑިޔާރުކަމުގެ މަގާމަށް ގަނީ އައްޔަންކުރަން ފެންނަކަަމަށް ކޮމިޓީން ފާސްކުރަން ހުށަހެޅުއްވަމުން ފަރެސް މާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދު ވިދާޅުވީ، ކޮމިޓީއަށް އޮންނަކަމަކީ އެ މަގާމަށް އައްޔަންކުރަން ފޮނުވި ފަރާތުގެ ނަމާދޭތެރޭގައި ގޮތެއް ނިންމުންކަމަށެެވެ.
އެ ނަންތަކާއެކު ކޮމިޓީއަށް ފޮނުވި މައުލޫމާތުތަކާއި ލިއުންތަަކަށް ބަލާއިރު، އެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެެރެއިން، ތައުލީމީގޮތުންނާއި ތަޖުރިބާގެގޮތުން އުއްތަމަ ފަނޑިޔާރުގެ މަގާމަށް އައްޔަންކުރަން އެންމެ ބޮޑަށް ޝަރުތު ފުރިހަމަވާ އަދި ގާބިލް ބޭފުޅަކީ ގަނީ ކަމަށާއި، ރައީސްވެސް އެދިވަޑައިގަންވަނީ އެގޮތަށްކަމުން އުއްތަމަ ފަޑިޔާރުކަމުގެ މަގާމަށް ގަނީ އައްޔަންކުރަން ފެންނަކަމަށް ކޮމިޓީން ފާސްކުރަން ހުށަހަޅުއްވާކަމަށް ވިދާޅުވިއެވެ.
އަޝްރަފްގެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ތިމަރަފުށީ ދާއިރާގެ މެންބަރު އަހްމަދު ރިޒާއެވެ.
ގަނީގެނަން ފާސްކުރީ ކޮމިޓީގައި ތިއްބެވި މެންބަރުންގެ އިއްތިފާގުންނެވެ.
އޭގެ ތެރޭގައި މުޅިންވެސް ހިމެނެނީ ވެރިކަންކުރާ ޕީއެންސީގެ މެންބަރުންނެވެ.
އެއީ ހުޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދާއި، ކުރެންދޫ ދާއިރާގެ މެންބަރު ހުމައްމަދު ޝާމިން ހަބީބު އާއި ތިމަރަފުށީ ދާއިރާގެ މެންބަރު އަހްމަދު ރިޒާ އާއި ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދާއި ފަރެސް މާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދާއި ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމެވެ.
އުއްތަމަ ފަނޑިޔާރުކަމުގެ މަގާމު ހުސްވީ، މީގެކުރިން އެ މަގާމުގައި ހުންނެވި އަހުމަދު މުއުތަސިމް އަދުނާން އެ މަގާމުން މިދިޔަ މަހުގެ 21 ގައި ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ.