އޮރިޔާންކާޑު ހުރި ކަމަށް ބުނެ މީހަކު ބްލެކްމެއިލްކޮށްގެން އޭނާގެ އަތުން ތިން ލައްކައަށް ވުރެ ގިނަ ރުފިޔާ އަތުލި މައްސަލައަކާއި، މަސްތުވާތަކެތީގެ މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ އެ ދެ މައްސަލައިގައި ދެމީހުން ހައްޔަރުކުރީ އިއްޔެ ކަމަށެވެ.
އެ ދެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ސ. ފޭދޫ، ލިލީގަސްދޮށުގެ، މުހައްމަދު ފަވާޒު ލުތުފީ، 32، އާއި މއ. ޔެލޯޑައިމަންޑް، އާމިނަތު ފައިނާޒް، 33، ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ފަވާޒު ހައްޔަރުކުރީ ބްލެކްމެއިލްކޮށް، ބިރުދައްކައި، ފައިސާ ހޯދި މައްސަލަ އާއި މަސްތުވާތަކެތި ވިއްކައި، ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައިކަމަށެވެ. ފައިނާޒް ހައްޔަރުކުރީ މަސްތުވާތަކެތި ވިއްކައި، ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ކަމަށެވެ.
ފުލުހުން ބުނީ އޮރިޔާންކާޑު ހުރި ކަމަށް ބުނެ ދިވެހި ފިރިހެނަަކަށް، ފަވާޒު ބިރުދައްކައި، ބްލެކްމެއިލްކޮށް، އެ މީހާގެ އަތުން އެކި ދުވަސްމަތިން ތިން ލައްކަ އަށް ވުރެ ގިނަ ރުފިޔާ ހޯދި ކަމަށް ބުނާ މައްސަލަ ފުލުހުންނަށް ރިޕޯޓްކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު 19 ގައި ކަމަށެވެ.
މި މައްސަލަތަކުގެ ތަހުގީގުގެ ތެރެއިން ވާފަވާޒު ހުޅުމާލޭގައި ދިރިއުޅޭ އެޕާޓްމަންޓު ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރި އިރު، ސިމް ކާޑުތަކަކާއި މޯބައިލް ފޯނުތަކަކާއި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓަކާއި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ތަކެތި ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ.
މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް، ފައިނާޒް ލައިގެން ހުރި އަންނައުނު ތެރެއިން ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް ހަތް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.






