ދިވެހި އިގްތިސޯދަށް ބޮޑު ދިރުމެއް ގެންނާނެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލް މިރޭ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުޅުވައިދެއްވައިފި އެވެ.
ޓާމިނަލް ހުޅުވުމުގެ ގޮތުން ވަނީ ޑްރޯން ޝޯ އަކާއި ކުލަގަދަ ހަވާގެ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފަ އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި މީގެ ނުވަ އަހަރު ކުރިން ބިނާކުރަން ފެށި އާ ޓާމިނަލްގެ މަސައްކަތް ނިންމައި 60 ވަނަ މިނިވަން ދުވަހުގެ އުފަލާ އެކު މިރެއިން ފެށިގެން ރަސްމީކޮށް ދެން ބޭނުން ކުރަމުންދާނެ އެވެ.
އެ ޓާމިނަލްގެ މަސައްކަތް ފެށީ 2016 ވަނަ އަހަރު އެވެ. އެ ޓާމިނަަލަށް ވަނީ 457 މިލިއަން ޑޮލަރު (ހަތް ބިލިއަން ރުފިޔާ) ހޭދަކޮށްފަ އެވެ.
އާ ޓާމިނަލްގެ ބޭރުން ފެންނަނީ ރާއްޖޭގެ ތާރީހާއި ސަގާފަތާއި ދީނީ ތަރިކަ ރަމްޒު ކޮށްދޭ ހިރިގަލުގެ ފަންނުވެރި ކެނޑުންތަކުންތަކެވެ.
އާ ޓާމިނަލްގައި ފޯރުކޮށްދޭ ޚިދުމަތްތައް
- ފުރާ މީހުން އަމިއްލައަށް ޗެކިންވުމަށް 47 ކައުންޓަރު ގާއިމްކުރެވިފައިވޭ
- ސެލްފް ޗެކިން ހަ ކިއޯސްކް
- އިމިގްރޭޝަން ކްލިއާކުރުމަށް 20 ކައުންޓަރެއް ހުންނާނެ
- ކެއިން ބުއިމަށާއި ޑިއުޓީ ފްރީއަށް ޚާއްސަ ސަރަހައްދެއް
- ޓާމިނަލުގެ ތެރޭގައި ހިނގާބިނގާވެ އުޅުން ފަސޭހަކުރުމަށްޓަކައި ވޯކަލޭޓާތަކާއި އެސްކެލޭޓަރުތައް ހަރުކޮށްފައި ހުންނާނެ، އެގޮތުން ހަތަރު ވޯކަލޭޓަރަކާއި 14 އެސްކެލޭޓަރު ހުންނާނެ
- ސީދާ ޓާމިނަލުން މަތިންދާ ބޯޓަށް އެރޭ ގޮތަށް 15 އެއިރޯބްރިޖް
- ރާއްޖެއަށް އަންނަ މީހުންނަށް އިމިގްރޭޝަންގެ 28 ކައުންޓަރު ހުންނާނެ
- ޖާގައިގެ ގޮތުން ތަނަވަސް ސަރަހައްދެއްގައި ބެގޭޖް ކްލިއާކުރުމަށް ހަތަރު ބެލްޓެއް ގާއިމްކުރެވިފައިވޭ