ރާއްޖޭގެ އެންމެ ދުވަސްވީ ޕާޓީ ކަމަށްވާ އެމްޑީީޕީގެ އިސްވެރިންނާއި، އިންޑިޔާގެ ބޮޑުވަޒީރު ނަދެންދުރަ މޯދީ މިއަދު ބައްދަލު ކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި އެމްޑީޕީގެ ޗެއާރާސަން ފައްޔާޒް އިސްމާއީލާއި، އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދާއި ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީވެސް ބައިވެރިވެވަޑައިގަތެވެ.
މި ބައްދަލު ކުރެއްވުން އޮތީ މޯދީ ހުންނަވާ ކުރުނބާ މޯލްޑިވްސް ރިސޯޓުގައެވެ. ބައްދަލުވުމަށްފަހު މޯދީ ވިދާޅުވީ، ޕާޓީތަކުގެ އިސްވެރިންނާއެކު ބިނާކުރަނިވި މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ. އަދި ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ލީޑަރުންގެ ބައިވެރިވުމާއެކު ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަ ވަމުންދާނެ ކަމަށެވެ. އަދި ދެ ގައުމުގެ ގުޅުމަށް އެ ޕާޓީތަކުގެ ތާއީދު އޮތްކަން ހާމަކޮށްދޭ ކަމަށެވެ.
މޯދީ މިއަދު ވަނީ ނައިބު ރައީސް ޙުސައިން މުޙަންމަދު ލަތީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ކުރީގެ ރައީސް މުޙައްމަދު ނަޝީދާވެސް ބައްދަލު ކުރައްވައިފައެވެ. ބޮޑުވަޒީރު މޯދީ ރާއްޖެ ވަޑައިގަތީ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ޝަރަފްވެރި މެހެމާނެއްގެ ގޮތުގައެވެ.