ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ކުރިމަތިން އަލަށް ހެދި މަގުން ދުއްވާފައިދިޔަ ކާރެއް ޓާމިނަލް މަގުން ތިރިއަށް އަޅި އަޅާލައިފިއެވެ.
ނޫ ކުލައިގެ މި ކާރު ދުއްވާފައި ދިޔައީ ޓާމިނަލް ކުރިމަތީގައި އުސްކޮށް އޮންނަ މަގުންނެވެ. ކާރު އަޅި އަޅާލީ ޖެހިގެން އޮންނަ ތިރި މަގާދިމާއަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ކާރު ދުއްވަން އިނީ ލައިސަންސް އޮތް މީހެކެވެ. އަދި ކާރުގައި އެ ވަގުތު ޑްރައިވަރާއެކު ހަތަރު މީހުން ތިބި ކަމަށްވެއެވެ. ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ.
ކާރު ތިރީގައި އޮތް މަގަށް އަޅި އަޅާލަން ދިމާވި ސަބަބެއް އަދި ސާފެއްނުވެއެވެ. ފުލުހުން ބުނީ އެ މައްސަލަ ބަލަމުންދާ ކަމަށެވެ.