ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ނަންފުޅުގައި ސިންގަޕޫރުގެ ނޭޝަނަލް އޯކިޑް ގާޑަންގައި އޯކިޑަކަށް ނަން ދީފި އެވެ.
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދައުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި އެ ގައުމަށް ރައީސް ވަޑައިގެންފައި ވަނީ އިއްޔެ އެވެ.
ރައީސް އޮފީހުން ބުނީ ދަތުރުފުޅުގެ ތެރެއިން ސިންގަޕޫރުގެ ނޭޝަނަލް އޯކިޑް ގާޑަންއަށް ރައީސް މުއިއްޒު އާއި ފަސްޓް ލޭޑީ ސާޖިދާ މިއަދު ހެނދުނު ޒިޔާރަތް ކުރެއްވި ކަމަށެވެ. އެ ޒިޔާރަތުގައި އެ ދެކަނބަލުންގެ ނަންފުޅުގައި އޯކިޑް ހައިބްރިޑްއަކަށް ނަން ދިނުމުގެ ރަސްމިއްޔާތެއް ވަނީ ބާއްވާފައި ކަމަށެވެ.
އެ ގައުމުގެ ނޭޝަނަލް އޯކިޑް ގާޑަންއަށް ވަޑައިގަންނަވާ ގައުމުތަކުގެ ރައީސުންނާއި ފަސްޓް ލޭޑީންނާއި އިއްޒަތްތެރިންގެ ނަންފުޅުގައި އެ ގާޑަންގެ އޯކިޑްތަކަށް ނަން ދިނުމަކީ އެ ބޭފުޅުންގެ ޝަރަފުގައި ސިންގަޕޫރުން ކުރަމުން އަންނަ ކަމެކެވެ.
ރަސްމިއްޔާތުގައި ރައީސް މުއިއްޒު އާއި ފަސްޓް ލޭޑީ ސާޖިދާގެ ނަންފުޅުގައި އޯކިޑަށް ނަން ދިން ކަމުގެ ލިޔުން އެ ދެކަނބަލުންނާ ވަނީ ހަވާލުކޮށްދެއްވާފަ އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި ގާޑަންގެ ވީއަޕީ އޯކިޑްސް ކަލެކްޝަންސްގައި އެ އޯކިޑް ބަހައްޓާނެ ކަމުގަ އެވެ.
އޯކިޑް ގާޑަންއަށް ކުރެއްވި އެ ޒިޔާރަތުގައި ގާޑަން ބައްލަވާލައްވައި، މެހެމާނުން ސޮއިކުރައްވާ ފޮތުގައި ރައީސްގެ ދެކަނބަލުން ވަނީ ސޮއި ކުރައްވާފަ އެވެ.
ރައީސްގެ މި ދަތުރުފުޅުގައި ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމް އަދި ބޮޑުވަޒީރު ލޯރެންސް ވޮންގްގެ އިތުރުން އެ ގައުމުގެ ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކުރައްވައި، ދެ ގައުމަށް މަންފާކުރާނެ ތަރައްގީގެ ގުޅުންތަކާއި އެކުވެރިކަން ބަދަހިކުރެވިދާނެ ދާއިރާތަކާ މެދު މަޝްވަރާ ކުރައްވާނެ އެވެ.
އަންނަ ބުދަ ދުވަހުގެ ނިޔަލަށް ކުރައްވާ ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ފަހުމުނާމާތަކުގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
ދަތުރުފުޅުގައި ސިންގަޕޫރުގެ ބޮޑެތި ވިޔަފާރިތަކުން މަންދޫބުން ބައިވެރިވާ ބިޒްނަސް ފޯރަމެއްގައި ރައީސް ބައިވެރިވެވަޑައިގަންނަވާނެ އެވެ. އަދި ސިންގަޕޫރުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވާނެ އެވެ.
މި އަހަރަކީ ރާއްޖެ އާއި ސިންގަޕޫރާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 50 އަހަރު ފުރޭ އަހަރެވެ. ދެ ގައުމުގެ ދެމެދު ސިޔާސީ ގުޅުން ގާއިމުކޮށްފައި ވަނީ 1975 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހު އެވެ.