ކުށް ކުރުމަށް ބޭނުންކުރި މުދަލާއި ފައިސާ އާއި ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގުމަށާއި، ކުށް ކުރާ ފަރާތް ތަކަށް ބޮޑެތި އަދަބު ތަކެއް ހިމަނައިގެން ގޭންގު ތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފި އެވެ.
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުސްތަފާ ހުސެއިން ހުށަހެޅުއްވި މި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މި މަހުގެ 15 ވަނަ ދުވަހު އެވެ.
9 ބާބުގެ މައްޗަށް 100 މާއްދާ ހިމެނޭ މި ގާނޫނުގައި "އިންތިޒާމު ވެގެން ކުރާ ބޮޑެތި ކުށް" ތަކުގެ ގޮތުގައި ހަ ކަމެއް ވަނީ ކަނޑައަޅައިފައެވެ. އޭގެ ތެރޭގައި ހިމެނެނީ:
މަސްތުވާތަކެތި ޓްރެފިކް ކުރުން، މީހުން ޓްރެފިކް ކުރުން، ރާއްޖެއަށް ގެނައުން މަނާ ތަކެތިން ވިޔަފާރި ކުރުން، އަގުހުރި އެއްޗެހި ނަކަލުކޮށް އަސްލުގެ ގޮތުގައި ދެއްކުން، ނުރައްކާތެރި ކުށް، އަނިޔާވެރި ކުށްތަކުގެ ތެރެއިން ކުށުގެ އަދަބުގެ ގޮތުގައި 10 އަހަރު ދުވަހުގެ މުއްދަތަށްވުރެ ދިގު މުއްދަތަކަށް ޖަލުގައި ބަންދު ކުރުމުގެ އަދަބު ކަނޑައެޅުމުގެ ކުށެވެ.
މި ގާނޫނުގައި ނުރައްކާތެރި ކުށުގެ ގޮތުގައި ފަސް ކަމެއް ވަނީ ކަނޑައަޅައިފައެވެ.
މީހަކު މަރާލުން، މީހަކާމެދު ނުރައްކާތެރި މާރާމާރީ ހިންގުން، މީހަކަށް ބޮޑު ޖިސްމާނީ އަނިޔާއެއް ދިނުން، މީހަކު ކިޑްނެޕް ކުރުން، މީހަކަށް ބިރުދެއްކުމެވެ.
މި ގާނޫނުގައި "އިންތިޒާމު ވެފައިވާ ގްރޫޕެއް" ކަމަށް ބުނެފައި ވަނީ ހަމައެކަނި ވަކި ކުށެއް ކުރުމަށް އެ ހިނދަށް އެކުވާ ބަޔަކު ކަމުގައިނުވާ އެއް ފަހަރަށްވުރެ ގިނަ ފަހަރު އިންތިޒާމު ވެގެން ޖިނާއީ ކުށްކުރުމަށް ގުޅިގެން މަސައްކަތްކުރާ ގްރޫޕަކަށެވެ.
މި ގާނޫނު ބުނާ ގޮތުން އެ ގްރޫޕަކީ އިންތިޒާމު ކުރެވިފައިވާ ކުށްކުރާ ގްރޫޕެއްްކަން ކަނޑައަޅާނީ، ގާނޫނުގައި ހިމެނޭ ކަންކަމަށް ބަލައި އެ ކަންކަން ފުރިހަމަކޮށް، ޕްރޮސިކިއުޓާރ ޖެނެރަލް އެކަމަށް އެދި ހައިކޯޓަށް ހުށަހެޅުމުން، މި ގާނޫނުގައި ހިމެނޭ ކަންކަން ބެލުމަށްފަހު އެ ކޯޓުންނެވެ.
މި ގާނޫނުގައި ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމަކީ ކުށެއް ކަމަށް ކަނޑައަޅައި، އެ ފަދަ މުދަލާއި ފައިސާ ދައުލަތަށް ނެގޭނެ ގޮތް ވަނީ ކަނޑައަޅައިފައެވެ.
މި ގާނޫނު ބުނާ ގޮތުން މީހަކާ ގުޅިގެން މި ގާނޫނުގައި ހިމެނޭ ކަންކަން ގަބޫލުކުރުމަށް އެކަށީގެންވާ ސަބަބުތަކެއް ހުރިކަމުގައި ޕްރޮސިކިއުޓާރ ޖެނެރަލަށް ގަބޫލު ކުރެވޭނަމަ، އެ މީހަކު ހޯދާފައިވާ މުއްސަނދި ކަމަކީ ނުހައްގުން ހޯދާފައިވާ މުއްސަނދި ކަމެއްކަން ކަނޑައަޅައި ދިނުމަށްޓަކައި ހައިކޯޓަށް ހުށަހެޅުމުގެ އިޚްތިޔާރު ޕްރޮސިކިއުޓާ ޖެނެރަލަށް ލިބިގެންވެއެެވެ.
އެ މީހަކު ހޯދާފައިވާ މުއްސަނދި ކަމަކީ ނުހައްގުން ހޯދާފައިވާ މުއްސަނދި ކަމެއްކަން، ކޯޓުން ކަނޑައެޅުމުން އެ މުދަލާއި ފައިސާ ދައުލަތާށް ނެގޭނެ ގޮތްވެސް މި ގާނޫނުގައި ވަނީ ކަނޑައަޅައިފައެވެ.
މި ގާނޫނުގައި ކުށް ކަމަށް ކަނޑައަޅާފައިވާ ކަންކަމަށް ތުހުމަތު ކުރެވޭ ހާލަތުގައި ކޯޓު އަމަލުތަކާ ނުލައި މީހުން ހައްޔަރު ކުރުމާއި އެ މީހަކު ހުރި ތަނެއް ބަލައި ފާސްކުރުމާއި އުޅަނދު ފަހަރު ހުއްޓުވައި ބަލައި ފާސްކުރުމުގެ ބާރު ފުލުހުންނަށް ވަނީ ދީފައެވެ. މި ގާނޫގައިވާ ގޮތުން އެއްވެސް މީހަކު ކުޑަކުއްޖަކަށް އެއްވެސް ބާވަތެއްގެ ވަޅިއެއް ވިއްކުމަކީ މަނާ ކަމެކެވެ.
އޭގެ އިތުރުން ބައެއް ބާވަތް ތަކުގެ ވަޅިއަކީ ހަތިޔާރު ކަމަށް ކަނޑަޅައި އެފަދަ އެއްޗެހި ރާއްޖެ އެތެރެ ކުރުން މަނާ ކަމަށް ވަނީ ކަނޑައަޅައިފައެވެ.
މި ގާނޫނުގައި ހިމެނޭ ކުށްތަކަށް 10 އަހަރު ދުވަހުން މަތިން ޖަލު ހުކުމްގެ އަދަބާއި ފަސް މިލިއަނާ ހަމައަށް ޖޫރިމަނާގެ އިތުރުން މަރުގެ އަދަބުވެސް ވަނީ ކަނޑައަޅައިފައެވެ