މ. އަތޮޅުގައި ތަރައްގީ ކުރި ފުރަތަމަ އެއާޕޯޓް، މ. މުލި އެއާޕޯޓު މިއަދު ރަސްމީކޮށް ހުޅުވައިފި އެވެ.
އެ އެއާޕޯޓް ހުޅުވައިދެއްވީ އެ ރަށަށް ވަޑައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ. އެއާޕޯޓް ހުޅުވައި ދެއްވުމަށްފަހު، ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެ އެއާޕޯޓުން މުލީގެ ތަރައްގީއަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށެވެ.
މުލީ އެއާޕޯޓް ވެގެންދާނީ ގިނަ ދާއިރާ ތަކަކުން ކުރިއެރުން ހޯދުމުގެ ދޮރާއްޓެއްކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ އިގްތިސާދީ ގޮތުން ރަށަށް ކުރިއެރުން ގެނައުމުގައި އެއާޕޯޓު މުހިއްމު ރޯލެއް އަދާކުރާނެ ކަމަށެވެ.
"އޭގެ ތެރޭގައި ހަމަ ޔަގީނުންވެސް ފަތުރުވެރިކަމުގެ ދާއިރާ އަކީ މުހިއްމު ދައުރެއް އަދާކުރާނެ ދާއިރާ އަކަށްވާނެ." ރައީސް ވިދާޅުވިއެވެ.
މުލީ އެއާޕޯޓް މަޝްރޫއަކީ 2021 ވަނަ އަހަރުގެ ފެބްރުއަރީ 28 ގައި 221.7 މިލިއަން ރުފިޔާއަށް އެމްޓީސީސީ އާ ހަވާލުކުރި މަޝްރޫއެކެވެ. އެކަމަކު އޭގެ ފަހުން ކުރި ހަރަދުތަކާއެކު ޖުމްލަ 540 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.