ކަސްޓަމްސްގެ ވެއާހައުސް އަކުން ސިނގިރޭޓް ގެއްލުނު މައްސަލައިގައި ހައްޔަރު ކުރި ބަންގުލަދޭޝްގެ ތިން މީހުން ދޫކޮށްލައިފި އެވެ.
ފުލުހުން މިމަހުގެ 6 ވަނަ ދުވަހު ބުނެފައި ވަނީ ގިނަ އަަދަދެއްގެ ސިނގިރޭޓް ކާޓަން ތަކެއް ހުރި ކަޅު ތިން ކޮތަޅު މަގުމައްޗަށް ދޫކޮށްލައި ބޮޑުރަސްގެފާނު މަގުން ފުލުހުންނަށް ފިލި ޕިކަޕެއްގެ މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށާފައިވާ ކަމަށެވެ. އެ ކޮތަޅު ތަކުގައި 221 އަށް ވުރެ ގިނަ ސިނގިރޭޓް ކާޓަން ހުރި ކަމަށް ފުލުހުން ބުނެފައިވެ އެވެ.
އެ މައްސަލައާއި ގުޅިގެން ހައްޔަރުކުރި ތިން މީހުންގެ ބަންދާއި މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން ވަނީ ބަންދުގެ މުއްދަތު ޖަހައިފަ އެވެ. އެފަހުން މިދިޔަ ހުކުރު ދުވަހު އެ މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ކޯޓުން އަމުރުކުރީ އެ މީހުން ބަންދުން ދޫކޮށްލުމަށެވެ. ނަމަވެސް ކޯޓުން ވަނީ އެ ތިން މީހުންގެ ޕާސްޕޯޓް ހިފަހައްޓައިފަ އެވެ.
އެ މީހުންގެ ބަންދު އަމުރުގައިވާ ގޮތުން އެ މީހުން ބަންދުން ދޫކޮށްލީ ކަސްޓަމްސްގެ ވެއާހައުސް އެއްގެ ހުރި ސިނގިރޭޓް ތަކެއް އެ މީހުން ގެންގުޅުނު ނަމަވެސް އެ ސިނގިރޭޓުތައް ގެއްލިގެން އެއްވެސް ބަޔަކު ރިޕޯޓު ކޮށްފައި ނުވާތީ ކަމަށެވެ.