ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރު ވަކިކުރީ ގާނޫނާ ޚިލާފަށް ކަމަށް ބުނެ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ޔޫރަޕިއަން އެކްސްޓާނަލް އެކްޝަން ސާވިސް (އީއީއޭއެސް)އާ އެކަމުގެ ކަންބޮޑުވުންތައް ޙިއްސާ ކޮށްފިއެވެ.
އީއީއޭއެސްގެ ޑެޕިއުޓީ މޭނޭޖިން ޑިރެކްޓަރު ޕައޯލާ ޕަމްޕަލޮނީއާއި މިކަން ޙިއްސާ ކުރަން ވަޑައިގެންނެވި އެމްޑީޕީގެ ޓީމުގައި އިސްކޮށް ހުންނެވީ ކުރީގެ ފޮރިން މިނިސްޓަރު އަދި އދ.ގެ އާންމު މަޖިލީހުގެ ރައީސްކަންވެސް ކުރެއްވި، އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދެވެ. ޓީމުގައި ދެން ހިމެނިވަޑައިގެންފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަޙްމަދު ނަސީމާއި މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ ކުރީގެ މެމްބަރު ޙުސައިން ޝަހީމް (އަނދުން ޙުސައިން) އެވެ.
އެމްޑީޕީގެ ފަރާތުން ޕައޯލާ ޕަމްޕަލޮނީއާއި ބައްދަލުކޮށް، ޝަރުއީ ދާއިރާގެ މިނިވަންކަން ސަރުކާރުން ނަގާލާފައިވާ ކަމަށާއި، ރާއްޖޭގެ ޑިމޮކްރަސީއަށް ހުރި ނުރައްކާތައްވެސް ޙިއްސާ ކޮށްފައިވާ ކަމަށް އެ ޕާޓީން ބުނެފައިވެއެވެ. ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރީ ގާނޫނާ ޚިލާފަށްކަން ފާހަގަކޮށް، ޖުޑިޝަރީގެ އިތުރުން، އެންޓިކޮރަޕްޝަން ކޮމިޝަނާއި އިލެކްޝަންސް ކޮމިޝަނަށްވެސް ސަރުކާރުގެ ނުފޫޒު ފޯރުވަމުންދާކަން ޙިއްސާ ކޮށްފައިވެއެވެ.
އެމްޑީޕީން ފާހަގަ ކޮށްފައިވާ ގޮތުގައި ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކޮށްފައި ވަނީ އެކަށީގެންވާ އިޖުރާއަތު ތަކެއް ފުރިހަމަ ނުކޮށެވެ. މީގެއިތުރުން ޕީއެންސީއަށް 300 އަށްވުރެ ގިނަ މެންބަރުން ރަޖިސްޓްރީ ކޮށްފައިވާ މައްސަލަ ތަހުގީގު ކޮށްފައިނުވާކަންވެސް އެމްޑީޕީން ޙިއްސާ ކޮށްފައިވެއެވެ.
މީގެއިތުރުން ދާދިފަހުން އުސް އިމާރާތަކުން ވެއްޓުނު ޔުމްނުގެ މައްސަލަވެސް އެމްޑީޕީން ވަނީ ހިއްސާކޮށް އެކަމުގައިވެސް އިންސާފު ނުލިބޭކަން ފާހަގަ ކޮށްފައެވެ. އަދި ޒުވާނުން މާލޭގެ މަގުތަކަށް ނުކުމެ ސުލްޙަވެރިކަމާއެކު މުޒާހަރާ ކުރުމުގެ ފުރުޞަތު ސަރުކާރުން ނުދޭކަންވެސް އެ ޕާޓީން ވަނީ ފާހަގަ ކޮށްފައެވެ.