ބަނޑާރަ ނައިބު އޮފީހުގެ ބިލު ފާސްނުކޮށް، އިތުރަށް ދިރާސާ ކުރުމަށް އަލުން ކޮމިޓީއަށް ފޮނުވަން ރައްޔިތުންގެ މަޖިލީހުން ފާސް ކޮށްފިއެވެ.
ބަނޑާރަ ނައިބު އޮފީހުގެ ބިލަކީ ސިވިލް ސާވިސްގައި ނުހިމެނޭ ގޮތަށް އެ އޮފީހުގެ ހިދުމަތަކީ ވަކި ހިދުމަތެއްގެ ގޮތުގައި ގާއިމު ކުރުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލެކެވެ. ޖުޑީޝަރީ ކޮމިޓީން އެބިލް ދިރާސާކުރި ގޮތުގެ ރިޕޯޓް ރައްޔިތުންގެ މަޖިލީހުގެ އިއްޔެ ޖަލްސާއަށް ހުށައަޅައި ފާސް ކުރުމަށް ވޯޓަށް އެހުމުން، މެންބަރުންގެ އަޣުލަބިއްޔަތުން ނިންމެވީ ބިލު އިތުރަށް ފުރިހަމަ ކުރުމަށް އަނބުރާ ކޮމިޓީއަށް ފޮނުވުމަށެވެ.
ބަންޑާރަ ނައިބުގެ އޮފީހުގެ ބިލު، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ދެ ވަނަ ދުވަހު، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ރިފާއުއެވެ.
ބަންޑާރަ ނައިބުގެ އޮފީހުގެ ބިލަކީ ބަންޑާރަ ނައިބުގެ މަގާމަށް އައްޔަންކުރާ ބޭފުޅެއްގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކާއި ޒިންމާތަކާއި މަސްއޫލިއްޔަތު ކަނޑައެޅުމާއެކު، ބަންޑާރަ ނައިބުގެ އޮފީހުގެ ނަމުގައި ސިވިލް ސާވިސްގައި ނުހިމެނޭހެން ސަރުކާރުގެ ވަކި އޮފީހެއް ގާއިމު ކުރުމަށް ހުށަހެޅި ބިލެކެވެ.
އަދި އެ އޮފީހުގެ މަސައްކަތްތައް ރޭވިފައިވާ ގޮތާއި ހިންގުމާގުޅޭ އުސޫލުތަކާއި މުވައްޒަފުންގެ ކަނޑައެޅުމަށް ގާނޫނީ އޮނިގަނޑެއް އެކުލަވައި ލެއްވުމަކީވެސް މި ބިލުގެ ބޭނުމެއް ކަމަށް ބިލުގައި ވަނީ ބަޔާން ކުރައްވާފައެވެ.
ގާނޫނުއަސާސީގައި ބަންޑާރަ ނައިބުގެ އޮފީސް މިނިވަން ތަނެއްގެ ގޮތުގައި ބަޔާން ކޮށްފައި އޮތް ނަމަވެސް އެ އޮފީސް މިހާތަނަށް ހިންގަމުން އައިސްފައި ވަނީ ސިވިލް ސާވިސްގެ ދަށުންނެވެ. ނަމަވެސް މިނިވަން ތަންތަނުގެ ގޮތުގައި ގާނޫނުގައި ބަޔާންކުރާ ޕްރޮސިކިއުޓާރ ޖެނެރަލްގެ އޮފީހާއި އެހެން މިނިވަން މުއައްސަސާތައް ހިންގަނީ ވަކި ގާނޫނު ތަކެއްގެ ދަށުންނެވެ.
މި ބިލުގައިވާ ގޮތުން ބަންޑާރަ ނައިބުގެ އޮފީހުގެ މުވައްޒަފުން ދެބަޔަކަށް ބަހާލެވޭނެއެވެ. އެއީ ލީގަލް ސާވިސް އާއި އެޑްމިނިސްޓްރޭޓިވް ސާވިސްއެވެ. ބިލުގައިވާ ގޮތުން މުވައްޒަފުންނަށް ދޭ މުސާރަ އާއި އިނާޔަތްތައް ކަނޑައަޅާނީ ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ގާނޫނުގެ ދަށުން ނޭޝަނަލް ޕޭ ކޮމިޝަނުން ކަނޑައަޅާ ސިޔާސަތުތަކާއި ހަމަތަކާ އެއްގޮތަށް މާލީ ވަޒީރު ކަމަށްވެސް ބިލުގައިވެއެވެ.
މީގެއިތުރުން ބަންޑާރަ ނައިބުގެ އޮފީހުގެ މުވައްޒަފުން އެކަށީގެންވާ ސިއްހީ އިންޝުއަރެންސް ނިޒާމެއްގައި ބައިވެރި ކުރުމާއި ރިޓަޔަމަންޓް ގަވައިދާ އެއްގޮތަށް ޝަރަފުވެރިކަމާއެކު ވަޒީފާއިން ވަކިވުމުގެ އިނާޔަތްވެސް ކަނޑައަޅަން ވަނީ ބިލުގައި ހިމަނުއްވާފައެވެ.