ރާއްޖޭގައި އަނެއްކާވެސް މި ފެނިގެން ދަނީ ސިޔާސީ ފިކުރުގެ ސަބަބުން ވަޒީފާ ގެއްލުމުގެ ސަގާފަތް އިއާދަވާ މަންޒަރު ކަމަށް ކުރީގެ ރައީސް އިބްރާހީމް މުޙަންމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.
ދާދިފަހުން އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދާއެކު އައްޑޫ ސިޓީއަށް ދިޔަ އެމްޑީޕީގެ ޓީމުން ބޭއްވި ސިޔާސީ ހަރަކާތެއްގައި ބައިވެރިވި، އައްޑޫ ސިޓީގެ ވެމްކޯ ދެ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމާއި ގުޅިގެން އިބޫ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޤާނޫނު އަސާސީގެ 30 ވަނަ މާއްދާގެ (ހ) ގެ ދަށުން ސިޔާސީ ޕާޓީތަކުގައި ބައިވެރިވެ، ޙަރަކާތްތެރި ވުމަކީ ކޮންމެ ދިވެހި ރައްޔިތަކަށްވެސް ލިބިފައިވާ ހައްގެއް ކަމަށެވެ.
ވެމްކޯގެ ވަޒީފާއިން ވަކިކޮށްފައި ވަނީ ސ.ހިތަދޫ ބޮޑުގަލުގޭ މޫސާ މުޙައްމަދު އަދި ވީނަސްވިލާ މުޙައްމަދު އަފްޒަލްއެވެ. އެމްޑީޕީގެ ހަރަކާތެއްގައި ބައިވެރިވީތީ، މި ދެ މުވައްޒަފުން ވަޒީފާއިން ވަކިކުރި ކުރުން އިބޫ ވަނީ ކުށްވެރި ކުރައްވާފައެވެ.
"އަނެއްކާވެސް ފެށިގެން މިދަނީ ތިމާ ނިސްބަތްވާ ސިޔާސީ ފިކުރުގެ ސަބަބުން ވަޒީފާގެ ޔަޤީންކަން ގެއްލިގެން ދިއުމުގެ ސަގާފަތެއްގެ ފެށުން" އިބޫ ވިދާޅުވިއެވެ.
އިބޫ ވަނީ ސިޔާސީ ފިކުރުގެ ސަބަބުން ވަޒީފާއިން މުވައްޒަފުން ވަކިކުރުން ހުއްޓާލުމަށް ސަރުކާރަށް ގޮވާލައްވާފައެވެ.
ވެމްކޯގެ ދެ މުވައްޒަފަކު އެމްޑީޕީގެ ހަރަކާތެއްގައި ބައިވެރިވުމުން ވަޒީފާއިން ވަކިކުރިއިރު، މީގެކުރިން އެމްޑީޕީ މާލޭ ޖަގަހައިގައި އޮތް ޖަލްސާއެއްގައި ޤުރުއާން ކިޔެވި އެޗްޑީސީގެ މުވައްޒަފަކުވެސް ވަނީ ވަޒީފާއިން ވަކިކޮށްފައެވެ.