ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލަ ބަލަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު އުފެއްދެވި ކޮމިޝަނުގައި އަންހެނަކު ނެތުމުން ގިނަބަޔެއްގެ ފާޑު ކިޔުން އަމާޒު ވުމާއެކު، އެ ކޮމިޝަނުގައި އަންހެން ދެބޭފުޅަކުވެސް ހިމަނައިފިއެވެ.
ކޮމިޝަނަށް އަލަށް އައްޔަން ކުރެއްވީ، ހުޅުމާލޭ ހޮސްޕިޓަލުގެ ނާސިންގ ޑިރެކްޓަރު ކަމުގެ މަގާމުގައި ހުންނެވި، ތ. ވޭމަންޑޫ، މޫނިމާގޭ، ޖަބީން މުހައްމަދު އާއި ހިއުމަން ރައިޓްސް ކޮމިޝަނުގެ ކުރީގެ ރައީސް ކަމުގައި ހުންނެވި، ހ. ހަބަރުގެ، އާމިނަތު އީނާސް އެވެ. މި ދެބޭފުޅުންގެ އިތުރުން ކޮމިޝަނަށް ފިރިހެން ބޭފުޅަކުވެސް އަލުން އައްޔަން ކުރެއްވިއެވެ. އެއީ ދަފްތަރު ނަންބަރު ރސ 641، ޑރ. މޫސާ މުރާދެވެ.
އެހެންކަމުން އަލަށް އައްޔަން ކުރެއްވި ތިންބޭފުޅުންގެ އިތުރުން ދެން ރިޔާސީ ކޮމިޝަނުގައި ހިމެނިވަޑައިގަންނަވާނީ ކުރިންވެސް އައްޔަން ކުރެއްވި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރާއި ކުރީގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު މުހައްމަދެވެ. ކުރިން އެ ކޮމިޝަނަށް ހަމަޖެއްސެވި ކަށީގެ ޚާއްސަ ޑޮކްޓަރު މުޙަންމަދު ހަބީބު ވަނީ ކޮމިޝަނުން އިސްތިއުފާ ދެއްވާފައެވެ.
މައްސަލަ ބަލަން ރައީސް އެންމެ ފުރަތަމަ އުފެއްދެވި ރިޔާސީ ކޮމިޝަނުގައިި ތިއްބެވީ ތިން ފިރިހެން ބޭފުޅުން އެކަންޏެވެ. އެއީ ކުރީގެ ބަންޑާރަ ނައިބު ޑރ. މުޙަންމަދު މުނައްވާރާއި، ކަށީގެ ޚާއްސަ ޑޮކްޓަރެއް ކަމަށްވާ މުހައްމަދު ހަބީބުގެ އިތުރުން، ކުރީގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު މުހައްމަދެވެ.
ކޮމިޝަނުން ބަލާ މައްސަލައިގައި މައިގަނޑު އަމާޒު ވަނީ ޒުވާން އަންހެން ކުއްޖަކަށް ވާތީ، އެފަދަ ކޮމިޝަނެއްގައި އަންހެނަކު ނެތް ތަނުގައި ޒުވާނަކުވެސް ނެތް ކަމަށް ބުނެ ބަޔެއް ފަރާތްތަކުން ފާޑު ކިޔާފައިވެއެވެ.
ބަޔެއް މީހުން ސޯޝަލް މީޑިޔާގައި ބުނެފައި ވަނީ އަންހެން ކުއްޖެއްގެ މައްސަލަ ބަލަން އުފެއްދި ކޮމިޝަނުގައި އަންހެނަކު ކޮންމެހެން އިނުމަކީ ބޭނުންތެރި ކަމެއް ކަމަށެވެ. އަދި ހަމައެކަނި ފިރިހެނުން ތިބެގެން އެފަދަ މައްސަލައެއް އެންމެ ރަނގަޅަށް ބެލުމަކީ އުދަނގޫ ކަމެއް ކަމަށެވެ.
ރައީސް އުފެއްދެވި ކޮމިޝަނުގެ ރައީސަކަށް ހަމަޖައްސާފައި ވަނީ ޑރ. މުނައްވަރެވެ.