ގަލޮޅު އުތުރުގެ ރައީސަކަށް މާރިޔާ: މާރިޔާ ދެއްކެވީ ހިތްވަރާއި އަޒުމް، މެމްބަރުން ދެއްކީ އަދިވެސް އޮތް އިތުބާރު

ގަލޮޅު އުތުރުގެ ރައީސަކަށް މާރިޔާ: މާރިޔާ ދެއްކެވީ ހިތްވަރާއި އަޒުމް، މެމްބަރުން ދެއްކީ އަދިވެސް އޮތް އިތުބާރު

އެމްޑީޕީގެ ގައުމީ މަޖިލީހަށް މެމްބަރުން ހޮވަން އިއްޔެ ބޭއްވި އިންތިޚާބުގައި ގަލޮޅު އުތުރު ދާއިރާގެ ރައީސްގެ މަގާމު، ކުރީގެ ޑިފެންސް މިނިސްޓަރ އަދި އެމްޑީޕީ އުފެދިގެން އައިއިރު އެ ޕާޓީގެ "މަންމަ" އަދި "ގަޑިބު" ގެ ގޮތުގައި މަޝްހޫރު ވެގެންދިޔަ މާރިޔާ އަޙްމަދު ދީދީ ހޯއްދަވައިފިއެވެ.

މާރިޔާއާ މި ދާއިރާއިން ރައީސް ކަމަށް ވާދަކުރެއްވީ ޒުވާން އައިކު އަޙްމަދު އީސާއެވެ. އައިކުގެ މައްޗަށް މާރިޔާ ވަނީ 61 ވޯޓުގެ ތަފާތަކުން ކުރި ހޯއްދަވާފައެވެ. މާރިޔާ 89 ވޯޓު ހޯއްދެވިއިރު، އައިކަށް ލިބުނީ 28 ވޯޓެވެ.

ގަލޮޅު އުތުރުގެ ރައީސްކަން ހޯއްދެވި މާރިޔާ އަޙްމަދު ދީދީއަކީ ސިޔާސީ މައިދާނަށް އަންހެނުން ވެއްދެވުމުގައި އިސްރޯލެއް އަދާކުރެއްވި ބޭކަނބަލެކެވެ. އިސްލާޙަށް މަސައްކަތް ކުރެއްވުމުގައި ކުރިމަތިވެވަޑައިގެންނެވި ގިނަ ގޮންޖެހުންތަކާ ހިތްވަރާއެކު ކުރިމަތި ލެއްވި ނަމޫނާ އަންހެން ސިޔާސީ ލީޑަރެކެވެ. އިންތިޚާބު ތަކަށް ފަރިތަ ސިޔާސީ ކަނބަލެކެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި އިންތިޚާބުގައިވެސް ގިނަ ގޮންޖެހުން ތަކެއް ވޯޓު ހޯއްދެވުމުގައި މާރިޔާއަށް ކުރިމަތިވެވަޑައިގެންނެވިއެވެ. ނަމަވެސް ވޯޓު ފޮއްޓާ ހަމައަށް ދެވެންދެން މާރިޔާ ވަނީ ހިތްވަރު ކުރައްވާފައެވެ. ވަރުގަދަ އަޒުމެއްގައެވެ. އެއާއެކު ވޯޓު ގުނައި ނިމުނުއިރު ފެނުނީ އެމްޑީޕީގެ މެމްބަރުންގެ ތެރޭގައި އަދިވެސް މާރިޔާއަށް އޮތް އިތުބާރެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *