ރައީސް ޑރ. މުހައްމަދު މުއިއްޒު ފުރަމާނަ ދަތުރުފުޅެއްގައި އަންނަ ޑިސެމްބަރު މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަން ނިންމަވައިފިއެވެ.
ބަންގްލަދޭޝް ސަރުކާރުގެ އިސް އޮފިޝަލަކާ ހަވާލާދީ އެ ގައުމުގެ ދަ ބިޒްނަސް ސްޓޭންޑާޑް ނޫހުން އިއްޔެ ބުނީ، ރައީސް މުއިއްޒު ޑިސެމްބަރު 13 އިން 16 އަށް ބަންގްލަދޭޝްއަށް ވަޑައިގަންނަވާނެ ކަމަށާއި، އެ ދަތުރުފުޅާ ގުޅޭ ކަންކަން ދެ ގައުމުން މަޝްވަރާކޮށް ނިންމަމުން އަންނަ ކަމަށެވެ.
ބަންގްލަދޭޝްގެ ނޫސްތަކުން ބުނާގޮތުގައި، އެ ގައުމުން އަންނަނީ ރާއްޖެއާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމަށް އިސްކަންދެމުންނެވެ. ދެ ގައުމުގެ ގުޅުން އިތުރުކުރުމާއެކު، އެ ގައުމުގެ މަސައްކަތުމީހުންނަށް ފުރުސަތު އިތުރުކުރުމަށްވެސް މަސައްކަތްކުރާ ކަމަށް ބަންގްލަދޭޝްގެ މީޑިއާއިން ބުނެފިއެވެ. ދަތުރުފަތުރު އިތުރުކުރުމާއި، ބައިނަލްއަގުވާމީ ދާއިރާއިން މަސްލަހަތު ހުރި ކަންކަމުގައި އެއްބާރުލުން އިތުރުކުރުމަކީވެސް ބަންގްލަދޭޝްގެ އަމާޒެއް ކަމަށް ބުނެވެއެވެ.
ބަންގްލަދޭޝްގެ ބޮޑުވަޒީރު ތާރިޤް ރަހްމާން ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް ރައީސް މުއިއްޒު މިދިޔަ ފެބްރުއަރީ މަހު އެ ގައުމަށް ވަޑައިގެންނެވިއެވެ. ރައީސް މުއިއްޒު މި މަހުގެ ކުރީކޮޅު ޕާކިސްތާނަށްވެސް ފުރަމާނަ ދަތުރުފުޅެއް ކުރެއްވިއިރު، އެއީ ރާއްޖޭގެ ރައީސަކު މިދިޔަ 11 އަހަރުގެ ތެރޭގައި ޕާކިސްތާނަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.






