އިޒްރޭލް ރައްޔިތުންނަށް ނުވަތަ އިޒްރޭލް ރައްޔިތުންގެ މިލްކުވެރިކަން ނުވަތަ ހިއްސާއެއް ސީދާކޮށް ނުވަތަ ނުސީދާކޮށް ވެސް އޮންނަ ގާނޫނީ ޝަހުސަކަށް ނުވަތަ އެފަދަ ފަރާތެއްގެ ފައިދާއަށް ވެސް، ރާއްޖޭގެ އިންޓްގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯނުގެ ޕްރޮޕަޓީއެއްގެ ލީސްހޯލްޑް ރައިޓްސް ނުވިއްކޭނެ ކަމަށް ކަނޑައަޅައި، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި، ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލަށް ހިޔާޅު ހޯދުމަށްޓަކައި، ކަމާބެހޭ ފަރާތްތައް ކޮމިޓީއަށް ހާޒިރުކުރަން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
މިދިޔަ ހޯމަ ދުވަހު ބޭއްވި، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހެންވޭރު އުތުރު ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު އައިފާން ހުށަހެޅުއްވި މި ބިލު، މިދިޔަ ބުދަ ދުވަހު ބޭއްވި މަޖިލިސް ޖަލްސާގައި މަޖިލީހަށް ބަލައިގަނެ އިތުރަށް ދިރާސާ ކުރުމަށް ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަށް ފޮނުވިއެވެ.
އެ ބިލާ ގުޅުންހުރި މުއައްސަސާތައް ކޮމިޓީއަށް ހާޒިރު ކުުރުމުގެ ބަދަލުގައި، ބިލު ދިރާސާކުރުމަށްޓަކައިމިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި، ނިންމީ އެ މުއައްސަސާތަކުގެ ކޮމެންޓާއި ހިޔާލު ލިއުމުން ހޯދުމަށެވެ.
ބިލަށް ހިޔާލު ހޯދަންޖެހޭ މުއައްސަސާތަކުގެ ގޮތުގައި އެދުވަހު ފާސްކުރީ، އިކޮނޮމިކް މިނިސްޓްރީ އާއި ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީ އެޓާނީ ޖެނެރަލް އޮފީހާއި ވިޒިޓް މޯލްޑިްވްސް ކޯޕަރޭޝަނެެވެ.
އެގޮތަށް ފާސްކުރީ، ހުހޯރަފުށި ދާއިރާގެ މެންބަރު އަލީ މޫސާ ހުށަހަޅުއްވައި، ވިލިނގިލި ދާއިރާގެ މެންބަރު އާދަމް އަބްދުލްއަޒީޒް ތާއީދު ކުރައްވައިގެންނެވެ.
ނަމަވެސް އެ ކޮމިޓީގައި އިދިކޮޅު ޕާޓީ އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ހަމައެކަނި އިންނެވި، ތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން ސަމީރު ވެސް ހުށަހެޅުއްވުންތަކެއް ހުށަހެޅުއްވިއެވެ.
މެންބަރު ހުސައިން ސަމީރު ހުށަހެޅުއްވީ، އެ މުއައްސަސާތަކުގެ އިތުރުން ސިޔާސީ ޕާޓީތަކާއި ދީނީ ޖަމިއްޔާތަކުގެ ހިޔާލު ހޯއްދެވުމަށެވެ. އަދި އެއީ އެ ފަރާތްތައް ކޮމިޓީއަށް ހާޒިރުކޮށްގެންނެވެ. ނަމަވެސް ސަމީރުގެ ހުށަހެޅުއްވުމަކަށް އެއްވެސް މެންބަރަކު ތާއީދެއް ނުކުރެއްވިއެވެ.
އެހެން ކަމުން އެ ހުށަހެޅުމަށް ވޯޓަކަށްވެސް ނޭހުނެވެ.
ނަމަވެސް މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ވިލިގިލީ ދާއިރާގެ މެންބަރު، އާޒިމް އަބްދުލް އަޒީޒް ވިދާޅުވީ، އެންމެފަހުން ބޭއްވި ކޮމިޓީ ބައްދަލުވުމުގައި، އިކޮނޮމިކް މިނިސްޓްރީ އާއި ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީ އެޓާނީ ޖެނެރަލް އޮފީހާއި ވިޒިޓް މޯލްޑިްވްސް ކޯޕަރޭޝަންގެ ހިޔާލު ބިލަށް ހޯދަން ފާސްކޮށްފައިވާނެ ކަމަށެވެ.
މުއައްސަސާތައް ކޮމިޓީއަށް ހާޒިރުކޮށްފިނަމަ، މެންބަރުންގެ ސުވާކުތަކަށް ޖަވާބުދޭން ފަސޭހަވާނެތީީ، އެފަރާތްތައް ކޮމިޓީއަށް ހާޒިރުކުރަން ހުށަހަޅުއްވާ ކަމަށެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ، މެދު ހެންވޭ ހުސެއިން ނާސިހުއެވެ.
އެ ހުށަހެޅުމާ އެއްގޮތަށް އެ ފަރާތްތައް ކޮމިޓީއަށް ހާޒިރުކުރަން ވަނީ ފާސްކޮށްފައެވެ.






