ދައުލަތުގެ ކުންފުނިތަކުގެ މުވައްޒިފުން ސިޔާސީ ޕާޓީތަކަށް ވެއްދުމާއި، ޕާޓީ ހަރަކާތްތަކުގައި ބައިވެރިވާން މަޖުބޫރު ކުރުވުމަކީ ކުށެއްކަމަށް، ވަޒީފާގެ ގާނޫނުގައި ކަނޑައަޅަން މަޖިލީހަށް ބިލެއް ފޮނުވައިފިއެވެ.
މި ބިލް މަޖިލީހަށް ފޮނުއްވީ، އިދިކޮޅު އެމްޑީޕީގެ ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއީލް އަހްމަދު ނަސީމެވެ.
ބިލުގައި ބުނެފައި ވަނީ، ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީން ސިޔާސީ ޕާޓީތަކުގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު ކޮންމެ ރައްޔިތަކަށްމެ ލިބިދީފައިވާ ކަމަށެވެ.
ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެވޭނީ، އެމީހަކު އެދި، ސޮއިކޮށް ހުށަހަޅައިގެން ކަމަށް، ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބަޔާންކޮށްފައިވާއިރު، ޕާޓީއެއްގެ މެންބަރަކަށް ވުމާއި، ޕާޓީގެ ހަރަކާތްތަކުގައި ބައިވެރިވުމަކީ، މީހަކު އަމިއްލަ އިހްތިޔާރުގައި ނިންމަންވީ ކަމެއް ކަމަށެވެ.
ސަރުކާރު ކުންފުނި ތަކުގެ ބޯޑު ތަކާއި ހިންގުމުގެ އިސް މަގާމުތަކަށް މީހުން އައްޔަން ކުރަނީ ސަރުކާރުން ކަމަށްވުމުން، ވަކި ޕާޓީއަކަށް ސޮއިކުރުމަށާއި، ޕާޓީގެ ހަރަކާތްތަކުގައި ބައިވެރިވުމަށް ކުންފުނިތަކުގެ މުވައްޒިފުންނަށް، ބާރު އަޅައި ފިއްތުންތައް ކުރިމަތި ކުރުމުގެ ފުރުސަތި. ސަރުކާރުން އައްޔަންކުރާ ކުންފުނިތަކުގެ ވެރިން ލިބިގެންވާ ކަމަށްވެސް ބުނެފައިވެއެވެ.
ނަމަވެސް މިފަދަ އަމަލު ތަކަކީ ކުށެއްކަމުގައި ގާނޫނުގައި ކަނޑައަޅާފައި ނުވާ ކަމަށްވެސް ބިލުގައިވެއެވެ.
އެހެންކަމުން މި ބިލު ހުށަހަޅާ ސަބަބަކީ، ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުން، ވަކި ސިޔާސީ ޕާާޓީއަކަށް ސޮއި ކުރުމަށް ނުވަތަ ސިޔާސީ ޕާޓީގެ ހަރަކާތްތަކުގައި ބައިވެރިވުމަށް މަޖުބޫރު ކުރުމަކީ ކުށެއް ކަމަށް ކަނޑައަޅައި، އެކަމަށް އަދަބު ކަނޑައެޅުން ކަމަށް ބިލުގައި ވަނީ ބުނެފައެވެ.
ބިލުގައި ބުނެފައި ވަނީ، ދައުލަތުގެ ކުންފުނިތަކުގެ މިވައްޒަފުން ސިޔާސީ ޕާޓީއަކަށް ސޮއިކުރުމަށާއި ޕާޓީގެ ހަރަކާތްތަކުގައި ބައިވެރިވުމަށް މަޖބޫރުކުރުމަކީ މަނާކަމެއް ކަމަށެވެ.
އެގޮތުން ވަކި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވުމަށް، ނުވަތަ ޕާޓީއެއްގެ މެންބަރުކަމުގެ ފޯމެއްގައި ސޮއިކުރުމަށާއި، ސިޔާސީ ޕާޓީއެއްގެ ހަރަކާތެއްގައި ބައިވެރިވުމަށް، ދައުލަތުގެ ކުންފުންޏެއްގެ މުވައްޒަފަކަށް ސީދާގޮތުން ނުވަތަ ނުސީދާގޮތުން އެއްވެސް މީހަކު މަޖުބޫރުކުރުމަކީ، ޖުމަހްގެ އެއްވަނަ ދަރަޖައިގެ ކުށެއްކަަމަށް ބިލުގައި ވަނީ ކަނޑައަޅައިފައެވެ.
އެހެންކަމުން އެއީ ހަތަރު މަހާއި 24 ދުވަސް ނުވަތަ އެއްއަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނަވަރުގެ ކުށެކެވެ.
އެކުށް ކުރީ ދައުލަތުގެ ކުންފުންޏެއްގެ ބޯޑު މެންބަރަކަށް ނުވަތަ ކުންފުންޏެއްގެ ހިންގުމުގެ އިސް މަގާމެއްގައި ހުރި މީހަކު ނުވަތަ، އެކަން ކުރީ، ވަޒީފާއިން ވަކިކުރުމުގެ ބިރު ދައްކައިގެން ނުވަތަ ވަޒީފާއިން ވައކިކޮށްގެން ކަމަށް ވާނަމަ، އެމީހެއްގެ ކުށަކީ، ޖިނާއަތުގެ ފަސްވަނަ ދަރަޖައިގެ ކުށެއްކަމަށްވެސް ބިލްގައި ވަނީ ހިމަނައިފައެވެ.
އެހެންކަމުން އެއީ ދެ އަހަރު ނުވަތަ ނުވަމަމުގެ މުއްދަތަށް ޖަލު ހުމެއް އަންނާނެފަދަ ކުށެކެވެ.






