ޤުރުއާނާބެހޭ މަރުކަޒަށް: އަނދިރި ކަމުގެ ތެރެއަށް އަލި ކުރުމަށް ހުޅުވާލެވިފައިވާ ސިޓީއެއް!

ޤުރުއާނާބެހޭ މަރުކަޒަށް: އަނދިރި ކަމުގެ ތެރެއަށް އަލި ކުރުމަށް ހުޅުވާލެވިފައިވާ ސިޓީއެއް!

ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒަށް

 

                ވެދުން ސަލާމަށްފަހު ދަންނަވަމެވެ.

                ދިވެހި ރާއްޖެއަކީ ސަތޭކައިން ސަތޭކަ އިސްލާމީ ޤައުމެކެވެ.  އެހެންކަމަށްވީ ހިނދު ކީރިތި ޤުރުއާނަކީ މިފަދަ ޤައުމެއްގައި އެންމެ މުހިއްމު ކަން ދޭންޖެހޭ ފޮތް ކަމުގައި ދެކެމެވެ. އެހެންވީއިރު މިފޮތުގެ މުހިއްމުކަން ގެއްލޭ ގޮތަށް ނޭނގި ނަމަވެސް ކުރެވޭ ބައެއް ކަންކަން ފާހަގަ ކޮށްލާނަމެވެ.

                ދާދި ފަހުން ޤުރުއާން ޙިފުޒު ކުރި ދަރިވަރުން ޙިފުޒު ކިޔައިދިންއިރު އެކަށީގެންވާ ޤަދަރުވެރި އިންތިޒާމެއް ނެތްކަން ފާހަގަ ކުރެވުނެވެ. ނިންމުމުގެ ރަސްމިއްޔާތެއް ވެސް އެކަށީގެންވާ ގޮތެއްގައި ފާހަގަ ނުރުރެއްވި ކަން ފާހަގަ ކުރެވުނެވެ. ނިންމުމުގެ ރަސްމިއްޔާތެއް ވެސް އެކަށީގެންވާ ގޮތެއްގައި ފާހަގަ ނުކުރެއްވިކަން އެއީ ދެރަ ކަމެކެވެ. އެ ރަސްމިއްޔާތުގައި ވެސް ޖަޖުން ތިއްބެވީ އާދައިގެ ޓީޝާޓް ލައްވައިގެން ސައިމޭޒެއްގެ ކައިރީ ތިއްބަވާ ގޮތަށެވެ. ކަމުގެ މުހިއްމު ކަމާއި, ޤަދަރު ގެއްލޭފަދަ ގޮތެއްގައެވެ.

             ދަންނަވަމެވެ. މިއީ ސަމާސާ ކަމެއް ނޫނެވެ. ނިކަން ބައްލަވާށެވެ. ރަށެއްގެ ތޮށިގަނޑެއް މަރާމާތު ކޮށް ހުޅުވުން ފަދަ ރަސްމިއްޔާތު ފަދަ ކަންކަމުގައިވެސް ރީތި ގޮނޑި ބަހައްޓާ، މާފަތި ދަމާ، ދިދަ ޖަހައި، ވަޑައިގަންނަވާ ޢިއްޒަތްތެރިން ކޯޓް ފަޓުލޫނުގައި، އަނެއް ބަޔަކު ގަމީހާއި ޓައިގައި އަދި ޕޯޑިއަމުގައި މާވެސް އަތުރައި ގެން ތިއްބަވައި ކުލަގަދަ ކޮށް އެކަން ފާހަގަ ކުރެއެވެ.

           ދެން ނިކަން ބައްލަވާށެވެ. ހިފުޒު ކުރި ދަރިވަރުންގެ ސަނަދު ބަލާ ދިއުމަށް އަންގަވައިފިއެވެ. އެއްވަނަ،  ދެވަނަ، ތިންވަނަ ދަރަޖައިގެ ސަނަދެވެ. މިއޮތީ ސަނަދެވެ. ވިދާޅުވެ ދިއްކޮށް ލެއްވީ ސަނަދެވެ.

      މިއީ މިފަދަ މުހިއްމު ޤަދަރުވެރި ކަމެއްގައި މިކަން އޮންނަންވީ ގޮތް ހެއްޔެވެ. ނޫނެކެވެ. ޤަދަރުވެރި ޝަރަފުވެރި ރަސްމިއްޔާތެއްގައި ސަނަދު ދެވޭނެ އިންތިޒާމެއް އޮންނަން ޖެހޭނެ ކަމަށް އަޅުގަނޑު ދެކެމެވެ. އަންނަން އޮތް ޖީލު ތަކުގެ ދަރިންނަށް ކަމުގެ މުހިއްމު ކަމާއި، ޝައުޤު ވެރިކަން އުފެއްދުމުގެ ބޭނުމުގައެވެ.

           އަދި ވެސް ދަންނަވަމެވެ. ސަނަދުގައި ރަސްމީ ތައްގަނޑެއް ވެސް ނުޖައްސަވައެވެ. އަދި ސަނަދު ގައި ވަނީ ވަޞިއްޔަތެއް ވެސް ލިޔުއްވާ ފައެވެ. ސަނަދުގައި މީގެކުރިން ވަޞިއްޔަތް ލިޔުއްވާ ކަމެއް ނުދެނަ ހުރީމެވެ. އެކަން ކުރައްވަން ޖެހޭނީ ސަނަދާއެކު ޙަވާލު ކުރެވޭ ރަސްމީ ސިޓީ އެއްގައި ނުވަތަ ރަސްމީ ލިޔުއްވުމެއްގައި ކަމަށް ދެކެމެވެ.

          މީގެ އިތުރަށްވެސް ދަންނަވަމެވެ. ސަނަދު ލިޔުއްވުމުގައިވެސް އެތުރުއްވުންވެސް އަޅުގަނޑަކަށް އެހައި ރަނގަޅެއް ނޫނެވެ. އަންޑަލައިން ކުރަންޖެހޭ ތަނެއްގައި އެކަމެއްވެސް ނެތެވެ. ތިކި ޖަހަންޖެހޭ ތަނެއްގައި ތިކި ޖެހިފަ ނެތެވެ. ދުރު ކުރަންޖެހޭ ބައެއް ތަންތަން ދުރު ކުރެވިފަވެސް ނެތެވެ.

          މި އަނދިރި ކަމަށް އަލިކޮށް ދިނުމަށް އަޅުގަނޑު ހުޅުވާލި މިސިޓީ އަކީ އެއްވެސް ޙާލެއްގައި ތިޔަ ބޭފުޅުން ގޯސް ކޮށް އަޅުގަނޑު މާ މޮޅު މީހަކަށް ވެގެން ހުޅުވާލި ސިޓީ އެއް ނޫނެވެ. ހަމައެކަނި އަޅުގަނޑުގެ މަޤުޞަދަކީ ކަމުގެ މުހިއްމު ކަމާއި އަދި މިކަމަކީ އާދައިގެ ކަމެއް ނޫންކަން އަންނަން އޮތް ޖީލު ތަކަށް ދައްކުވައިދީ މިކަމަށް ޝައުޤު އުފެއްދުމުގެ މާތް މަޤުޞަދެވެ.

             މިވާހަކަ ތަކުން ތިޔަ ބޭފުޅުންނަށް ދެންނެވުނީތީ މާފަށް އެދެމެވެ. ކަން ކުރަންވާ ގޮތް އެނގިވަޑައި ގަންނަވާނީ ތިޔަ ބޭފުޅުންނަށެވެ.

          އިޙުތިރާމާއެކު ޝުކުރު ދަންނަވަމެވެ.

       – އިރު ކޮލަމް

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *