ވޯޓު ލުމުގެ ވަގުތު 5:30 އަށް އިތުރު ކޮށްފި

ވޯޓު ލުމުގެ ވަގުތު 5:30 އަށް އިތުރު ކޮށްފި

 

އަންނަ އާދީއްތަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލާ ވަގުތު އިތުރު ކުރުމަށް އިލެކްޝަންސް ކޮމިޝަން (ސީސީ) އިން ނިންމަވައިފިއެވެ.

އެކޮމިޝަނުން މިގޮތަށް ނިންމެވީ މިއަދު ބޭއްވި ކޮމިޝަންގެ ބައްދަލުވުމެއްގައެވެ.

މީގެކުރިން ވޯޓުލާ ވަގުތުގެ ގޮތުގައި އީސީން ކަނޑައަޅާފައި ވަނީ ހެނދުނު 8:00 އިން ފެށިގެން ހަވީރު 4:00 އާ ހަމައަށެވެ. އެއީ 4:00 ގައި ކިޔުތައް ބަންދު ކުރާ ގޮތަށެވެ.

ނަމަވެސް ވޯޓު ލުމުގެ ވަގުތު ހެނދުނު 8:00 އިން ހަވީރު 5:30 އަށް އިތުރު ކުރަން އީސީން ނިންމާފައި ވަނީ ގައުމީ ލަފާދޭ ކޮމިޓީ އިން އިއްޔެ ދިން ލަފައާ ގުޅިގެންނެވެ. އިއްޔެ ބޭއްވި ލަފާދޭ ކޮމިޓީގެ ބައްދަލުވުމަށް އެ މައްސަލަ ހުށަހެޅުއްވީ އީސީގެ ރައީސް ފުއާދު ތައުފީގެވެ.

އޭނާ ވިދާޅުވީ، މި ދުވަސްވަރަކީ ވިއްސާރަ ދުވަސް ވަރަކަށްވާއިރު، ވޯޓުލާން އިތުރު ފުރުސަތު ދިނުމުގެ ގޮތުން އިންތިޚާބުގެ ވޯޓުލާ ދުވަހުގެ ވަކި ހިސާބަކުން ވޯޓުލާ ވަގުތު އިތުރުކުރުމުގެ ބަދަލުގައި، ކުރީބައިގައި އެކަމަށް ގޮތެއް ކަނޑައެޅުން މުހިއްމު ކަމަށެވެ. އަދި އެކަމާ ބެހޭގޮތުން ލަފާދޭ ކޮމިޓީގެ ލަފައަކަށް ފުއާދު އެއްސެވިއެވެ.

އެހުށަހެޅުއްވުމާއި ގުޅިގެން އެ މައްސަލައަށް ވާހަކަ ދެއްކި ސިޔާސީ ޕާޓީ ތަކުގެ ތެރެއިން އެމްއެންޕީ އާއި ޕީއެންސީ އާއި ޕީޕީއެމް އާއި އަދާލަތު ޕާޓީން ވަނީ ވޯޓު ލުމުގެ ވަގުތު އިތުރު ކުރުމަށް ލަފާ ދީފައެވެ. އޭގެއިތުރުން އޭސީސީ އާއި އެޗްއާރުސީއެމް އާއި ޕީޖީ އޮފީހުގެ އިތުރުން ދިވެހި ފުލުހުންގެ ފަރާތުންވެސް ވަނީ ވޯޓުލުމުގެ ވަގުތު އިތުރު ކުރުމަށް ލަފާ ދީފައެވެ.

އެ ފަރާތްތަކުން ވިދާޅުވީ، މިދުވަސްވަރު ވިއްސާރަ ކުރުމުގެ އިތުރުން ވިއްސާރަ ނުކުރާ ދުވަސް ދުވަހަކީ އިންތިހާއަށް ހޫނުގަދަ ދުވަސްތަކެއް ކަަމަށެވެ. އެހެން ކަމުން ވޯޓުލާ ދުވަހަކީ ހޫނު ދުވަހަކަށް ވިޔަސް މެންދުރު ގަޑީގައި ވޯޓުލާން ނިކުތުމުގެ ބަދަލުގައި ގިނަ މީހުން ވޯޓުލާން ނިކުންނާނީ ހަވީރުކަމަށް ބެލެވޭތީ، ވޯޓުލާ މީހުންގެ ނިސްބަތް އިތުރު ކުރުމަށްޓަކައި ވޯޓުލާ ވަގުތު އިތުރު ކުރުން މުހިއްމު ކަމަށެެވެ.

ގައުމީ ލަފާދޭކޮމިޓީގެ ލަފައާއެކު އިލެކްޝަންސް ކޮމިޝަނުން މި ގެނައި ބަދަލާއި ގުޅިގެން އާދީއްތަ ދުވަހު އޮންނަ މަޖިލިސް އިންތިޚާބުގެ ވޯޓުލުން ކުރިއަށް ދާނީ ހެނދުނު 8:00 އިން ފެށިގެން ހަވީރު 5:30 އާ ހަމައަށެވެ. ވޯޓު ގުނަން ފަށާނީ ވޯޓު ފޮށިތައް ބަންދު ކުރާތާ 30 މިނެޓް ފަހުންނެވެ.

މިފަހަރުގެ މަޖިލިސް އިންތިޚާބުގައި 93 ދާއިރާ އަކަށް 368 ކެންޑިޑޭޓުން ވާދަކުރައްވާއިރު ޖުމްލަ 602 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ. މި އިންތިޚާބުގައި 284،663 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *