އިދިކޮޅު ފަރާތްތަކުން އެ މަނިކުފާނާ ދެކޮޅުކަމެއް ދެއްކުމުގެ ގޮތުން އުޑުގައި ޖެހިފައި ބިމުގައި ޖެހުނަސް ދެއްކޭނެ ކަމެއް ނޯންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު، ހައުސިން މިނިސްޓަރަކަށް ހުންނެވިރު ޚިޔާނާތުގެ އަމަލުތަކެއް ހިންގާފައި ވާކަމަށް ބުނާ މައްސަލައެއް ފެންމަތި ވުމުގެ ސަބަބުން އެ މައްސަލަ ބެލުމަށް އެމްޑީޕީ އާއި ޕީއެންއެފުން ވަނީ މިއަދު ގޮވާލައިފައެވެ.
މީގެ ހަތަރު ދުވަސް ފަހުން ބާއްވާ މަޖިލީހުގެ އިންތިޚާބުގައި ޕީއެންސީގެ ފަރާތުން ގަލޮޅު ދެކުނު ދާއިރާއަށް ވާދަކުރައްވާ އިބްރާހިމް މުހައްމަދު (އިބުޓީ) ކެމްޕޭނުގެ ޖަލްސާގައި މިރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ އެ މަނިކުފާނަށް ތުހުމަތުކުރެވޭ އެ މައްސަލަތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ރައީސް ވިދާޅުވީ އެއްވެސް ރައްޔިތެއްގެ ހައްގެއްގައި އެ މަނިކުފާނު ޖެހިފައި ނޯންނާނެ ކަމަށެވެ. ރައީސް ވިދާޅުވީ އެ މަނިކުފާނު މިނިސްޓަރަކަށް ހުންނެވިރު ވަނީ ހުޅުމާލޭގައި ހުންނަ އެ މަނިކުފާނުގެ ރޯ ހައުސް ތަކެއް ބޭރުގެ ބަޔަކަށް ކުއްޔަށް ދޫކޮށްފައި ކަމަށާއި ކުލީގެ ފައިސާ އެ ފަރާތް ތަކުން އެ މަނިކުފާނުގެ އެކައުންޓަށް ޖަމާކޮށްދޭ ކަމަށެވެ.
"ގާނޫނާއި ޤަވާއިދާ ޚިލާފަށް އޭރުގައިވެސް ކަމެއް ކޮށްފައެއް ނުހުންނާނެ، މިއަދު ވެސް ނުކުރާނަން. އަދި ކުރިއަށް އޮތްތާގައިވެސް ނުކުރާނަން. އަޅުގަނޑަކީ އިރާދަކުރެއްވީތީ ރައްޔިތުންގެ ހައްގުގައި، މުދަލުގައި ޖެހޭނެ މީހެއް ނޫން. އަޅުގަނޑަށް މާ މުހިންމު ﷲ ސުބުހާނަހޫ ވަތައާލާގެ ކިބައިން ފުއްސެވުމާއި ރުއްސެވުން ލިބުން" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިދިޔަ ފަސް އަހަރު އޮތީ އެމްޑީޕީގެ ވެރިކަމެއް ކަމަށާއި އެމްޑީޕީން އެ މައްސަލަތައް ތަހުގީގު ނުކުރެއްވީ ކީއްވެތޯ ކަމަށެވެ. އިދިކޮޅު ފަރާތްތަކުން މިހާރު ފަތުރަމުންދާ ވާހަކަ ތަކަކީ އެމަނިކުފާނާ ދެކޮޅަށް ކަމެއް ހޯދަން އުޅެއުޅެ ނުފެނިގެން އިންތިޚާބާ ދިމާކޮށް އަގުވައްޓާލުމަށް ދައްކާ ބުހުތާބު ދޮގު ވާހަކަ ތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ. މީގެކުރިން މޭޔަރު އިންތިޚާބާ ދިމާކޮށްވެސް އެފަދަ ތުހުމަތުތައް އަޅުވައި ބަދުނާމު ކުރަން އުޅުނު ކަމަށާއި އަދި ޝަރީއަތް ކޮށްވެސް ހެދި ކަމަށެވެ.
އެކަންކަން އިދިކޮޅު ފަރާތްތަކަށް ކާމިޔާބު ނުކުރެވުނީ އެފަދަ ކަމެއް ކޮށްފައި ނުވާތީކަމަށް ރައީސް ވިދާޅުވިއެވެ.