ވިނަރެސް ފްލެޓް ތަކުގެ މައްސަލައިގައި އެޗްޑީސީގެ މައްޗަށް ސިވިލް ކޯޓުގެ އަމުރެއް

ވިނަރެސް ފްލެޓް ތަކުގެ މައްސަލައިގައި އެޗްޑީސީގެ މައްޗަށް ސިވިލް ކޯޓުގެ އަމުރެއް

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ގާއިމް ކޮށްފައިވާ ވިނަރެސް ފުލެޓު ތަކުގެ ތެރެއިން އެކި ސަބަބުތަކާ ހުރެ ނުވިކި ބާކީ ހުރި ފުލެޓުތައް ވިއްކަން ހުޅުވައިލި ފުރުސަތުގައި ކުރިމަތިލި ފަރާތް ތަކުގެ ފޯމު ތަކާމެދު ގޮތެއް ކަނޑަ އެޅުމަށާއި، އެނޫން ގޮތަކަށް ވިނަރެސް ފްލެޓް ވިއްކުމަށް އިތުރު ފުރުސަތެއް ހުޅުވައި ނުލެވޭނެ ކަމަށް ކަނޑައަޅައި ދިނުމަށް އެދި ހުށަހަޅާ ފައިވާ މައްސަލައަށް ދިފާއު ހުށަހެޅުމަށް ސިވިލްކޯޓުން އެޗްޑީސީއަށް އަމުރު ކޮށްފިއެވެ.

މިއީ ނާޒިމް ހަބީބު ކިޔާ އަމިއްލަ ފަރާތަކުން އެޗްޑީސީއާ ދެކޮޅަށް ސިވިލް ކޯޓުގައި ކޮށްފައިވާ ދައުވާއެކެވެ. ދައުވާގައި އޭނާ އެދިފައި ވަނީ ވިނަސް ފްލެޓް ތަަކަށް ކުރިމަތިލުމަށް، 5 ނޮވެމްބަރު 2023 ގައި އެޗްޑީސީ އިން ކޮށްފައިވާ އިއުލާނާއި ގުޅިގެން އެޕާޓްމަންޓް ގަތުމަށް އެކި ފަރާތް ތަކުން ހުށަހަޅާފައިވާ ހުށަހެޅުން ތަކާމެދު ގޮތެއް ކަނޑައެޅުމަށް އެޗްޑީސީގެ މައްޗަށް އަމުރު ކޮށްދިނުމަށެވެ.

އެދުވަހު ވިނަރެސްގެ އެޕާޓެމެންޓުތައް ވިއްކަން އެޗްޑީސީ އިން ކުރި އިއުލާނާއެކު ހުޅުވައިލި ފުރުސަތުގައި، ވިއްކަން ހުޅުވައިލި ހުރިހާ ފްލެޓެއް 30 މިނިޓްގެ ތެރޭގައި ވިކި ހުސްވި ކަމަށް، އެޗްޑީސީ އިން ވަނީ ބުނެފައެވެ. އެއީ ޖުމްލަ 281 ފްލެޓެވެ. ނަމަވެސް އެދުވަހުގެ މާގިނައިރެއްނުވެ އެތަނުގެ އޮންލައިން ޕޯޓަލަށް މެދުވެރިވި ޓެކްނިކަލް މައްސަލަތަކާ ގުޅިގެން އެ އެޕާޓްމެންޓުތައް ވިއްކުން ވަނީ މަޑު ޖައްސާލާފައެވެ. އޭގެފަހުން އެކަމަށް ވަކި ގޮތެއް ކަނޑައެޅިކަން އެޗްޑީސީ އިން ހާމަކޮށްފައެއްނުވެއެވެ.

މި ދައުވާއާއި ގުޅިގެން، ސިވިލް ކޯޓުގެ އިހްތިސާސާމެދު އެޗްޑީސީ އިން ވަނީ ސުވާލު އުފައްދާފައެވެ. އަދި މި މައްސަލައިގައި ދައުވާ ކުރުމުގެ ހައިސިއްޔަތު ނާޒިމަށް ލިބިފައިނުވާ ކަމަށްވެސް އެޗްޑީސީ އިން ވަނީ ބުނެފައެވެ. ނަމަވެސް އެކަމާއި ގުޅިގެން ސިވިލް ކޯޓުން މިއަދު ނިންމި ނިންމުމުގައި ވަނީ ނާޒިމަކީ، ވިނަރެސް ފްލެޓް ތަަކަށް ކުރިމަތިލުމަށް، 5 ނޮވެމްބަރު 2023 ގައި އެޗްޑީސީ އިން ކޮށްފައިވާ އިއުލާނާއި ގުޅިގެން އެޕާޓްމަންޓް ގަތުމަށް ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރޭގައި ހިމެނޭ މީހަކަށް ވާއިރު، އެ މައްސަލައިގައި ދައުވާ ކުރުމުގެ ހައިސިއްޔަތު އޭނާއަށް ނެތްކަމަށް ބެލޭނެ ޖާގައެއް ނެތް ކަމަށެވެ.

އަދި މި މައްސަލައިގެ އިހްތިސާސްއާބެހޭ އަޑު އެހުން ބޭއްވުމާއި ހަމައަށްވެސް ނާޒިމްގެ އެޕްލިކޭޝަނާމެދު ގޮތެއް ނިންމާފައިވާކަން އެނގެން ނެތުމުން، ހުށަހަޅާފައިވާ މައްސަލައަށް ޝަރީއަތުން ގޮތެއް ކަނޑައަޅަންޖެހޭ ކަމަށްވެސް ބުނެފައިވެއެވެ.

އެހެން ކަމުން މިއީ ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޝަނަށް ބެލުމުގެ އިހްތިސާސް ލިބިގެންވާ މައްސަލައެއް ކަމަށް ކޯޓުން ވަނީ ކަނޑައަޅައިފައެވެ. އަދި މިއަދުން ފެށިގެން 14 ދުވަހުގެ ތެރޭގައި ދައުވާ ފޯމާއި ހަވާލުވިކަން އަންގައިދޭ ލިއުން އަލުން ހުށަހެޅުމަށް އެޗްޑީސީއަށް އަންގައި، އެ ދައުވާއަށް ދިފާއު ހުށަހެޅުމާ ގުޅޭގޮތުން ކޯޓުން އަންގާ ގޮތުގެ މަތިން އަމަލު ކުރުމަށް އެޗްޑީސީއަށް އަމުރުކުރާ ކަމަށްވެސް ސިވިލް ކޯޓުގެ ނިންމުމުގައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *