ކުންފުނިތަކުގެ މުވައްޒަފުންނަށް ބިރު ދައްކަމުންދާ ކަމަށް ބުނާ ވާހަކައަށް ޕީއެންސީގެ ރައްދު: އެއީ ދޮގެއް!

ކުންފުނިތަކުގެ މުވައްޒަފުންނަށް ބިރު ދައްކަމުންދާ ކަމަށް ބުނާ ވާހަކައަށް ޕީއެންސީގެ ރައްދު: އެއީ ދޮގެއް!

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް، ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ސަރުކާރުން ބިރު ދައްކަމުން ދާކަމަށް ބުނެ އެމްޑީޕީން ނެރުނީ ދޮގު ބަޔާނެއް ކަމަށާއި ސަރުކާރުން އެފަދަ އެއްވެސް ކަމެއް ނުކުރާކަމަށް ޕީއެންސީން ބުނެފިއެވެ.

އެމްޑީޕީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމް/ޕީއެންސީން ދަނީ ވަރަށް ފާޅުކަން ބޮޑުކޮށް ފުޅާދާއިރާއެއްގަ ސަރުކާރު މުވައްޒަފުން އެމީހުން ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ނުދޭނަމަ އެ މުވައްޒަފުންނަށް ވަޒީފާގެ ބިރުދައްކާ އަދި ސަރުކާރުގެ ކުންފުނިތަކަށް އޮފީސް ތަކަށް މުވައްޒަފުން ނެގުންވެސް ޕީއެންސީގެ ކެންޑިޑޭޓުންނަށް ދޫކޮށްލުމަށް ގޮވާލަމުން ކަމަށެވެ.

"މި އިންތިޚާބުގެ ކެމްޕެއިންގައި ސަރުކާރުން ދަނީ ޕީއެންސީ ކެންޑިޑޭޓަށް ވޯޓު ނުދޭ މީހުން ނުހައްގުން ވަޒީފާ ތަކުން ވަކިކޮށް ޕީއެންސީ ކެންޑިޑޭޓަށް ވޯޓު ދޭނެ މީހުންނަށް ވަޒީފާ ތަކަށް ނަގަމުންނެވެ. ހިންނަވަރު ދާއިރާއަށް ވާދަކުރާ ޕީއެންސީ ކެންޑިޑޭޓުގެ ކެމްޕެއިން ޖަލްސާގައި ދެއްކި ވާހަކައިން މިކަން ސަރުކާރުން ހިންގާ ގޮތް އެއޮތީ ވަރަށް ސާފުކޮށް ކިޔައިދީފައެވެ." އެމްޑީޕީގެ ނޫސް ބަޔާނުގައި ބުނެފައިވެއެވެ.

އެމްޑީޕީއަށް ރައްދު ދިނުމުގެ ގޮތުން ޕީއެންސީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ  އެމްޑީޕީގެ ހަރަކާތް ތަކުގައި ސަރުކާރުގެ ވަޒީފާގައި އުޅޭ ފަރާތްތަކުން މިހާރުވެސް ބައިވެރިވާ ކަމަށެވެ. ނަމަވެސް އެފަދަ ކަންކަމާއި ގުޅިގެން ފިޔަވަޅު އެޅުމަކީ އެމްޑީޕީގެ ސަރުކާރުން ކުރި ކަމެއް ނަމަވެސް، މި ސަރުކާރަކީ އެފަދަ ކަންކަމާއި ގުޅިގެން ފިޔަވަޅު އަޅާނެ ސަރުކާރެއް ނޫން ކަމަށެވެ.

"ވަކި ފަރުދަކު ފާޅުކުރާ ޚިޔާލަކީ ސަރުކާރު ކޯލިޝަނުން ގެންގުޅޭ ސިޔާސަތެއް ނޫނެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތަކީ ޑިމޮކްރަސީގެ ރީތި އުސޫލުގެ ތެރެއިން ހަމަހަމަކަމާއެކު ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންދިއުމާއި ބައިވެރިވުމުގެ ފުރުސަތުދީގެން ކުރިއަށް ދިއުމެވެ" އެމްޑީޕީއަށް ރައްދު ދީ ޕީއެންސީ އިން މިރޭ ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ސަރުކާރު ކުންފުނި ތަކުގެ މުވައްޒަފުންނަށް ވަޒީފާގެ ބިރު ދައްކަމުން ދާކަމަށް ބުނެ އެމްޑީޕީ އިން ނޫސްބަޔާނެއް ނެރުނީ މި މަހުގެ 21 ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކެމްޕޭނަށް ވެރިކަންކުރާ މައި ޕާޓީ ޕީއެންސީން އިއްޔެ ޅ. ހިންނަވަރުގައި ބޭއްވި ޖަލްސާއެއްގައި، މިފްކޯގެ ޅ. ފެލިވަރު މަސްފެކްޓްރީގައި މަސައްކަތް ކުރާ އިދިކޮޅު ފަރާތްތަކުން ސަރުކާރު ކެންޑިޑޭޓަށް ވޯޓު ދިނުމަށް މަޖުބޫރު ކުރުވަން ގޮވާލުމާ ގުޅިގެންނެވެ.

ޕީއެންސީގެ ފަރާތުން މަޖިލީހުގެ ހިންނަވަރު ދާއިރާއަށް ވާދަކުރައްވާ މުހައްމަދު އަބްދުއްރަހްމާނުގެ ކެމްޕޭން ޖަލްސާއެއްގައި ވާހަކަ ދެއްކި މީހަކު ވަނީ ފެލިވަރުގައި މަސައްކަތްކުރާ އިދިކޮޅު ފަރާތް ތަކަށް ސަރުކާރުން ގުޅައިގެން އެއްބާރުލުން ދިނުމަށް އަންގަންޖެހޭ ކަމަށާއި، އަދި އެއްބާރުލުން ނުދީފިނަމަ، އެއްބާރުލުން ނުދޭ މުވައްޒަފުންނާމެދު ފިޔަވަޅު އަޅަން ޖެހޭނެކަމަށް ބުނެފައެވެ.

އެ ވާހަކަތައް ސޯޝަލް މީޑިއާގައި ފެންމަތިވުމުން އީސީގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ ކެމްޕޭނުގެ ތެރޭގައި އެފަދަ ވާހަކައް ނުދެއްކޭނެ ކަމަށާއި، އެ މައްސަލަ ނެޝަނަލް ކޮމްޕްލެއިންސް ބިއުރޯއަށް ހުށަހެޅުމަށް އެދޭ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *