ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫޢު ތަކުގެ ތެރެއިން ލ. ގަމަކީ އެންމެ ގިނަ ހައުސިންގ މަޝްރޫޢުތައް ހިންގާނެ އެއް ރަށަށް ވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ވިދާޅުވީ ގެދޮރުވެރިކަން ކުރިޔަށްގެންދިއުމުގައި ވެސް ބިންބޮޑު ޖާގަ އޮތްތަންތަނަށް އިސްކަންދެއްވާނެކަމަށެވެ. އަދި ތަރައްޤީގެ ކަންކަން އަމަލީގޮތުން ކުރިޔަށްގެންގޮސްދެއްވައި ގަމުގެ ރައްޔިތުން އެދޭ ތަރައްޤީގެ ހުރިހާ ކަމެއްވެސް ފުރިހަމަ ކޮށްދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އަދި އެމަނިކުފާނު ވަޢުދުވެވަޑައިގެންނެވި ގޮތަށް ގަމު ރީޖަނަލް ހޮސްޕިޓަލް އެންމެ މަތީ ފެންވަރުގެ ޓަރޝަރީ ފެންވަރުގެ ހޮސްޕިޓަލަކަށް ހަދައިދެއްވާނެކަމަށާއި އެގޮތަށް ބަދަލުކުރުމަށް ކުރަންޖެހޭ ހުރިހާކަމެއް ސަރުކާރުގެ ރަސްމީ ސިޔާސަތުތަކުގެ ތެރޭގައި ހިމެނިފައިވާކަމުގައެވެ. މީގެ އިތުރުން ގަމުގައި އިންޓަރނޭޝަނަލް މެންޓަލް ހޮސްޕިޓަލެއް ޤާއިމު ކުރައްވާނެކަމުގައި ވެސް ރައީސް ވިދާޅުވެފައެވެ.