ހުސްގޮނޑި މައްސަލަ: "ޤާނޫނު ހަދާނީ މަޖިލީހުން، ކޯޓު ތަކަކުން ނޫން، ނެތް އެއްޗެއް ހުރިއެއްޗެއް ކަމަށް ނުބެލޭނެ"

ހުސްގޮނޑި މައްސަލަ: "ޤާނޫނު ހަދާނީ މަޖިލީހުން، ކޯޓު ތަކަކުން ނޫން، ނެތް އެއްޗެއް ހުރިއެއްޗެއް ކަމަށް ނުބެލޭނެ"

ޤާނޫނުތައް ހެދުމުގެ އެންމެހާ ބާރުތައް ލިބިފައި ވަނީ ރައްޔިތުންގެ މަޖިލީހަށް ކަމަށާއި، ސުޕްރީމް ކޯޓުން ނުވަތަ އެހެން ކޯޓަކުންވެސް ނިންމާފައިވާ ނިންމުންތަކާ ޚިލާފަށްވެސް ރައްޔިތުންގެ މަޖިލީހަށް ޤާނޫނު ހެދޭނެ ކަމަށް ޖުމްހޫރީ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެެވެ.

ހުސްގޮނޑި ނުހިމަނައި ރައްޔިތުންގެ މަޖިލީހުގެ ކޯރަމް ގުނާ ގޮތަށް މަޖިލީހުގެ ޤަވައިދު ބަދަލު ކުރުމަކީ ޤާނޫނު އަސާސީއާއި ޚިލާފު ކަމެއް ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅި ނަމަވެސް، އެ މާއްދާ ކޯޓުން އުވާލާފައި ނުވާތީ މަޖިލިސް ތަޅުމުން އެ މާއްދާ އުވާލުމަށް ހުށަހަޅައިގެން ކުރިއަށް ގެންދިޔަ ބަހުސްގައި ވާހަކަ ދައްކަވަމުން އަލީ ހުސެއިން މިއަދު ވިދާޅުވީ، ނެތް އެއްޗެއް ހުރި އެއްޗަކަށް ބަަލައިގެން ވިސްނާނެ ގޮތެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

އަލީ ހުސެއިން ވިދާޅުވީ، ސުޕްރީމް ކޯޓާއި ކޯޓު ތަކަކީ ކީއްކުރާ ތަނެއްކަން ސާފުވާން އެބަޖެހޭ ކަމަށެވެ.

"ކޯޓުތަކަކީ ޤާނޫނު ހަދާ ތަނެއް ނޫން، ޤާނޫނު ހެދުމުގެ ބާރު ކޯޓު ތަކަކަށް ނޯންނާނެ، ކޯޓަށް އޮންނަ ހަމަ އެކަނި ބާރަކީ ޤާނޫނު މާނަ ކުރުުގެ ބާރު. ޤާނޫނުގައި ވަކިއެއްޗެއް ލިޔެފަ އޮތީމަ އެ ޤާނޫނު މާނަ ކުރާނީ ކިހިނެއްތޯ އެކަން ކުރުމުގެ ބާރު ކޯޓަށް އޮންނާނެ. އަދި ކޯޓަކުން ވަކިކަމެއް މާނަ ކުރުމަށްފަހުގައިވެސް އަދި ޤާނޫނުގައި ވާކަމެއް، ވަކިން ޚާއްސަކޮށް ޤާނޫނު އަސާސީގައި ވާކަމެއްވެސް ވަކި ގޮތަކަށް މާނަ ކުރުން،" އަލީ ޙުސައިން ވިދާޅުވިއެވެ.

ނަމަވެސް އެކަމެއް ކޯޓުން މާނަ ކުރިގޮތާއި ޚިލާފަށްވެސް ޤާނޫނެއް ފާސް ކުރުމުގެ ބާރު  ރައްޔިތުންގެ މަޖިލީހަށް އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ސުޕްރީމް ކޯޓުން ހުކުމެއް އަދި އަމުރެއް ކޮށްފިނަމަ، އެކަމެއްް ތާއަބަދަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަށް ބައިންޑްވާނެ ކަމަށް ބައެއް މީހުން ދެކެވަޑައިަންނަވާ ކަމަށްވެސް އަލީ ހުސެއިން ވިދާޅުވިއެވެ.

މަޖިލިސް ކޮމިޓީ ތަކުގެ އިދާރީ ބައެއް މުވައްޒަފުންނަށްވެސް އެގޮތަށް ގަބޫލު ކުރައްވާ ކަމަށާއި، މަޖިލީހުން ތާއަބަދު އެއަށް އަމަލު ކުރަންޖެހޭ ކަމަށާއި އެއާއި ޚިލާފަށް މަޖިލީހަށް ޤާނޫނެއް ނުހެދޭނެ ކަމަށް އެ ފަރާތް ތަކުން ދެކޭ ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް ރައްޔިތުންގެ މަޖިލީހަކީ ޤާނޫނު ހަދާ މަޖިލިސް ކަމަށާއި، ޤާނޫނު ހެދުމުގެ އެއްމެހައި ބާރުތައް އޮންނަނީ ރައްޔިތުންގެ މަޖިލީހަށް ކަމަށާއި، ޤަވާއިދުތައް ހެދުމުގެ ބާރުވެސް ހަގީގަތުގައި އޮންނަނީ ރައްޔިތުންގެ މަޖިލީހަށް ކަމަށްވެސް އަލީ ހުސެއިން ވިދާޅުވިއެވެ.

"ހަގީގަތަކީ ރާއްޖޭގައި ޤާނޫނު ތަކުގެ ދަށުން ހެދިފައިވާ ޤަވައިދު ތަކާއި އުސޫލުތައްވެސް އެބަޖެހޭ މަޖިލީހުން ފާސް ކުރަން، މަޖިލީހުން ފާސްކޮށްގެން ނޫނީ އެއްވެސް ޤަވާއިދަކަށްވެސް އަމަލު ނުކުރެވޭ ގޮތަށް، އަދި ޔޫކޭގައި އޮންނަ ގޮތަށް ނެގެޓިވް މޯޝަންއަކުންވިޔަސް ޤަވާއިދުވެސް އެބަ ހަދަންޖެހޭ، ދަންނަވަން މިއުޅޭ ވާހަކައަކީ މި ރައްޔިތުންގެ މަޖިލީހަށް ޤާނޫނު ހެދޭނެއޭ ސުޕްރީމް ކޯޓުން އަދި އެހެން ކޯޓު ތަކުން ވަކި ގޮތަކަށް ނިންމާފައޮތަސް އެގޮތާ ހިލާފަށްވެސް،" އަލީ ހުސައިން ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *