ސްކޫލު ތަކުގެ ކްލާސް ރޫމްތައް އޭސީ ކުރަން މަގުފަހިވާ ގޮތަށް އަންނަ އަހަރުން ފެށިގެން އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫޢު ތަކެއް ސްކޫލު ތަކުގައި ފެށުމަށް ގަސްދު ކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ރޭ މީދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ސްކޫލުތަކުގެ ކްލާސް ރޫމުތައް އޭސީ ކުރުމަކީ ކިޔަވާ ކުދިންނާ ޓީޗަރުންނާ އަދި ސްކޫލު ތަކުންވެސް ވަރަށް ބޮޑަށް އެދެމުން އަންނަ ކަމެއް ކަމަށެވެ.
މީގެއިތުރުން ރައީސް، ރަށްރަށަށް ކުރައްވާ ދަތުފުޅުގައި ރަށްރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ތަކުން އެދޭ އެއްކަމަކީ ހޭންޑް ބޯލް ކޯޓުތައް ގާއިމު ކުރުންކަން ފާހަގަ ކުރައްވައި ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ވީހާވެސް ގިނަ ރަށެއްގައި ހޭންޑް ބޯލް ކޯޓުތައް ގާއިމު ކޮށްދެއްވާނެ ކަމުގައެވެ.
ރައީސްގެ ވާހަކަފުޅުގައި މީދޫ އާއި ވަކިން ހިއްކާފައިވާ ސަރަޙައްދު އެރަށާ ގުޅުވާލުމާއި އެސަރަޙައްދުގައި ފެނާއި ނަރުދަމާ އަދި ކަރަންޓު އަދި މަގުހެދުން ފަދަ އަސާސީ ޚިދުމަތްތައް ޤާއިމު ކޮށްދެވާނެ ކަމުގައި ވިދާޅުވިއެވެ. އަދި އެސަރަޙައްދުގެ މަގުތައް ހަދާނީ ރަށުގެ މަގުތަކާވެސް އެކުގައިކަން ރައީސް ފާހަގަ ކުރެއްވިއެވެ.
މީގެއިތުރުން މުޅި ރާއްޖޭގައި ހައުސިންގ މަޝްރޫޢު ކުރިޔަށް ގެންދާއިރު މީދޫގައި މަދުވެގެން 200 ހައުސިންގ ޔުނިޓް ގާއިމު ކޮށްދެއްވާނެ ކަމަށާއި އެރަށުގެ ބަނދަރު އިތުރަށް ބޮޑުކޮށް ފުޅާކޮށް ރައްޔިތުން އެދޭ ބަދަލު ތަކާއެކު ތަރައްޤީ ކުރުމާއި އެނޫންވެސް ރަށުގެ ތަރައްޤީއަށް ކުރަންހުރި ހުރިހާ ކަމެއް ފުރިހަމަ ކޮށްދެއްވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.