އީވާގެ ބިލެއް: މިނިސްޓްރީ ތަކުގެ އަދަދާއި ސިޔާސީ ވަޒީފާ ތަކުގެ އަދަދު މަޖިލީހުން ފާސް ކުރަންޖެހޭ ގޮތް ހެދުން

އީވާގެ ބިލެއް: މިނިސްޓްރީ ތަކުގެ އަދަދާއި ސިޔާސީ ވަޒީފާ ތަކުގެ އަދަދު މަޖިލީހުން ފާސް ކުރަންޖެހޭ ގޮތް ހެދުން

ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް އިންތިޚާބުވެ ވަޑައިގަންނަވާ ބޭފުޅަކު އުފައްދަވާ ވުޒާރާތަކާއި، އެ ވުޒާރާތަކުގެ މަސައްކަތް ތަކަށް ބޭނުންވާނެ ސިޔާސީ މުވައްޒަފުންގެ އަދަދު، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި މަޖިލީހުގެ ރުހުން ހޯދަން ޖެހޭގޮތް ހަދަން މަޖިލީހަށް ބިލެއް ފޮނުއްވައިފިއެވެ.

މި ބިލު މަޖިލީހަށް ފޮނުއްވީ ދަ ޑިމޮކްރެޓްސްގެ މެންބަރު ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބުދުﷲ އެވެ. މި ބިލު ހުށަހެޅުމުގެ ބޭނުމެއް ކަމަށް އެ ބިލުގައި އީވާ ވިދާޅުވެފައި ވަނީ، ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލާ ވުޒާރާތަކުގެ އަދަދާއި، އެ ވުޒާރާ ތަކުގެ މަސައްކަތުގެ ދާއިރާތަކާއި އެ ވުޒާރާގެ މަސައްކަތް ތަކަށް ބޭނުންވާނެ ސިޔާސީ މުވައްޒަފުންގެ އަދަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، މަޖިލީހުގެ ރުހުން ހޯދުމަށްޓަކައި ޤާނޫނު އަސާސީއަށް އިސްލާހު ގެނައުން ކަމަށެވެ.

އީވާ އިސްލާހު ހުށަހަޅުއްވާފައި ވަނީ ސަރުކާރުގެ ވުޒާރާތައް ހިމެނޭ ޤާނޫނު އަސާސީގެ 116 ވަނަ މާއްދާއަށެވެ. އެ މާއްދާގެ (ހ) މިހާއު އޮންނަނީ ސަރުކާރުން އުފައްދާން ބޭނުންވާ އެންމެހައި ވުޒާރާތަކާއި އެ ވުޒާރާ ތަކުގެ މަސައްކަތުގެ ދާއިރާތައް ކަނޑައެޅުމުގެ އިޚްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ކަމަށެވެ. އަދި ސަރުކާރުން އުފައްދާ ވުޒާރާތަކާއި އެ ވުޒާރާތަކުގެ މަސައްކަތުގެ ދާއިރާތައް ރައްޔިތުންގެ މަޖިލީހުން ފާސް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ، އެ މަޖިލީހަށް ހުށަހަޅަން ވާނެކަމަށެވެ. އަދި (ށ) ގައި ބުނަނީ މި މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތީން ސަރުކާރުން އުފައްދާ ވުޒާރާތަކާއި އެ ވުޒާރާތަކުގެ މަސައްކަތުގެ ދާއިރާތައް ކަނޑައަޅާފައިވާ ގޮތަކާމެދު ރައްޔިތުންގެ މަޖިލީހަށް ފެންނަ ޔާލާއި މަޝްވަރާ ރައީސުލްޖުމްހޫރިއްޔާއަށް ދެވިދާނެ ކަމަށެވެ.

ނަމަވެސް އެ މާއްދާއަށް ބަދަލު ކުރަން އީވާ ހުށަހަޅުއްވާފައިވާ ބިލުގައި، އެ މާއްދާގެ (ހ) ގައި ބުނަނީ ސަރުކާރުން އުފައްދާން ބޭނުންވާ އެންމެހައި ވުޒާރާތަކާއި އެ ވުޒާރާ ތަކުގެ މަސައްކަތުގެ ދާއިރާތައް ކަނޑައެޅުމުގެ އިޚްަތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ. އަދި ސަރުކާރުން ވުޒާރާތައް އުފައްދާ ދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި އެ ވުޒާރާތަކުގެ އަދަދާއި އެ ވުޒާރާ ތަކުގެ މަސައްކަތުގެ ދާއިރާތައް ރައްޔިތުންގެ މަޖިލީހުން ފާސް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ، އެ މަޖިލީހަށް ހުށަހަޅާންވާނެ ކަމަށްވެސް ބުނެފައިވެއެވެ.

އެ މާއްދާގެ (ށ)އަށް ގެންނަން ހުށަހަޅުއްވާފައިވާ އިސްލާހުގައި ބުނަނީ މި މާއްދާގެ (ހ)ގައި ބަޔާން ކޮށްފައިވާ ގޮތުގެމަތިން ސަރުކާރުން އުފައްދާ ވުޒާރާތަކާއި އެ ވުޒާރާތަކުގެ މަސައްކަތުގެ ދާއިރާތައް ކަނޑައަޅާފައިވާ ގޮތާމެދު ރައްޔިތުންގެ މަޖިލީހަށް ފެންނަ ޚިޔާލާއި މަޝްވަރާ ރައީސުލްޖުމްހޫރިއްޔާއަށް ދެވިދާނެ ކަމަށެވެ.

މި މާއްދާއަށް (ނ) ގޮތުގިއ އިތުރު ކުރަން އީވާ ހުށަހަޅުއްވާފައިވާ އިސްލާޙުގައި ބުނެފައި ވަނީ މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އުފައްދާ ސަރުކާރުގެ ވުޒާރާތައް، އުފައްދާ ތާރީޚުން ފެށިގެން 14 ދުވަހުގެ ތެރޭގައި އެ ވުޒާރާ ތަކުގެ މަސައްކަތް ތަކަށް ބޭނުންވާނެ ސިޔާސީ މުވައްޒަފުންގެ އަދަދު، ރައީސުލްޖުމްހޫރިްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، އެ މަޖިލީހުން ފާސް ކުރަންވާނެ ކަަމަށެވެ.

މިދިޔަ ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މި ބިލުގެ ފުރަތަމަ ކިއުން ވަނީ އިއްވައިފައެވެ. ދެން އޮންނާނީ މަޖިލީހަށް ބިލު ހުށަހަޅައި ބަހުސް ކުރިއަށް ގެންދިއުމެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *