ރައީސް ޑރ މުހަންމަދު މުއިއްޒު ހުވަދު އަތޮޅުގައި ވާހަކަ ދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް

ފައިސާ ހުރެ ގަސްތުގައި ނުދެނީއެއްނޫން، މަސްވެރިންނާ މަޝްވަރާ ކުރަން ތައްޔާރު: ރައީސް

ފައިސާ ހުރެ ގަސްތުގައި ނުދެނީއެއްނޫން، މަސްވެރިންނާ މަޝްވަރާ ކުރަން ތައްޔާރު: ރައީސް

މަސްވެރިން ބާނައި، ކިރާފައިވާ މަހަށް ސަރުކާރުން ފައިސާ ނުދިނުމުގެ ސަބަބުން ކޫއްޑޫގައި އިހުތިޖާޖު ކުރަމުންދާ މަސްވެރިން ބޭނުމިއްޔާ، އެ މަސްވެރިންނާ ބައްދަލުކޮށް މަޝްވަރާ ކުރަން ތައްޔާރަށް ހުންނެވި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ގދ. ތިނަދޫ ރައްޔިތުންނާ ބައްދަލު ކުރައްވައި ރޭ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވިދާޅުވީ މަސްވެރިންނަށް ދަންނަވަން އޮތް ވާހަކައަކީ މަޝްވާރާ ކުރުން އިސްކުރުން ކަމަށެވެ.

"އެހެންވީމާ އަޅުގަނޑު އެދެނީ އިތުރަށް އަނެއްކާވެސް މަޝްވަރާ ކުރައްވަން. އަޅުގަނޑުވެސް މި ހުރީ ތައްޔާރަށް އަޅުގަނޑާ ބައްދަލު ކުރަން ބޭނުންފުޅިއްޔާ. އަޅުގަނޑުވެސް މި ހުރީ މިރޭ ވިޔަސް، މާދަން ވިޔަސް މަޝްވަރާ ކުރަން ތައްޔާރަށް" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މަސްވެރިންނަށް ސަރުކާރުން ދޭންޖެހޭ ފައިސާ ނުދީ އުޅެނީ ފައިސާހުރެ، ގަސްތުގައި ފައިސާ ނުދޭންވެގެން ނޫން ކަމަށެވެ. މަސްވެރިންނަށް މިފްކޯއިން ދޭންޖެހޭ 300 މިލިޔަން ރުފިޔާ އަދިވެސް ނުދެވި ހުރި ކަމަށް މަސްވެރިންނާއި ސަރުކާރުންވެސް ވަނީ ބުނެފައެވެ. ސަރުކާރުން ބުނެފައި ވަނީ ކުރިއަށް އޮތް ރޯދައިގެ ކުރިން މަސްވެރިންނަށް ދޭންޖެހޭ ހުރިހާ ފައިސާ ދީ، ނިންމާނެ ކަމަށެވެ. ނަމަވެސް މަސްވެރިން ބުނަމުން އަންނަނީ ކޫއްޑޫ ދޫކޮށް، އެމީހުން އެރަށުން ފައިބާނީ ދޭންޖެހޭ ހުރިހާ ފައިސާ ދިނުމުން ކަމަށެވެ.

ރޭގެ ޖަލްސާގައި ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރުވެސް މަސްވެރިންނަށް ދޭންޖެހޭ އެތައް ސަތޭކަ މިލިޔަން ރުފިޔާ ނުދެވި ހުރި ކަމަށާއި، އެފައިސާ މި ސަރުކާރުން ދެމުން އަންނަ ކަމަށެވެ. އެގޮތުން މި ސަރުކާރުން މިހާތަނަށް 442 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މަސްވެރިންނަށް ދޭންޖެހޭ ފައިސާ ދޫކުރެވެން ހުރި މިންވަރަކުން ދޫކުރަމުންދާނެ ކަމަށާއި، އެކަން މަސްވެރިންވެސް ގަބޫލު ކުރުމަށް އެދިވަޑައިގަތެވެ.

"އެއްވެސް ހާލަތެއްގައި އަޅުގަނޑުމެންގެ އަތުގައި ދެވެން ހުރި ފައިސާ ގަސްދުގައި ނުދީ އުޅެނީއެއް ނޫން" ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ކޫއްޑޫއިން ކަރަންޓު ކަނޑާލާނެ ކަމުގެ އިންޒާރު މަސްވެރިން ދެމުން އަންނާތީ، ކޫއްޑޫއަށް ގެއްލުންވާނެ އެއްވެސް ކަމެއް ނުކުރުމަށް މަސްވެރިންނަށް އިލްތިމާސް ކުރައްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *