އަނދުން ޙުސައިނަށް، ނަޝީދު ކުރެއްވި ތުހުމަތުގެ މައްސަލަ ކުރިއަށްގެންދަން ބޭނުންތޯ ބަލަނީ

އަނދުން ޙުސައިނަށް، ނަޝީދު ކުރެއްވި ތުހުމަތުގެ މައްސަލަ ކުރިއަށްގެންދަން ބޭނުންތޯ ބަލަނީ

ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން އައިއީޑީއެއް ގޮއްވާލައިގެން 2021 ވަނަ އަހަރުގެ މެއި 6 ގައި ދިން ހަމަލާގެ ތަހުގީގަށް ހެންވޭރު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ހުރަސް އެޅުއްވި ކަމަށް ރައީސް ނަޝީދު ކުރެއްވި ތުހުމަތުތަކާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ، އިމްތިޔާޒު އަދި ސުލޫކު ކޮމިޓީއަށް ހުށަހެޅި މައްސަލަ ކުރިއަށްގެންދަން ބޭނުންތޯ، ބަލަން އެ ކޮމިޓީން މިއަދު ނިންމައިފިއެވެ.

ރައީސް ނަޝީދު، އަނދުން ހުސެއިނަށް ކުރެއްވި ތުހުމަތުތަކާ ގުޅިގެން ސަލާމަތީ ގޮތުން އޭނާއަށް ނުރައްކާވާނެތީ އާއި، އެ ތުހުމަތު ތަކުގެ ސަބަބުން އޭނާގެ ހައްގުތަކާއި އަބުރަށް އުނިކަން އަންނާތީ އެ މައްސަލަ ބަލައި ދިނުމަށް އެދި އަނދުން ހުސެއިންގެ ފަރާތުން ކޮމިޓީއަށް އެ މައްސަލަ ހުށަހެޅީ މެއި 17 2022 ވަނަ ދުވަހުއެވެ.

އެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި އެ މައްސަލައަކީ ކުރިއަަށްނުގޮސް ގިނަ ދުވަސް ތަކެއް ވަންދެން ކޮމިޓީގައި އޮތް މައްސަލައަކަށް ވާތީ އެކަމަށް ގޮތެއް ކަނޑައެޅުމަށް ކޮމިޓީ މުޤައްރިރު މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ފުރުސަތު ހުޅުވައިލެއްވިއެވެ.

އެކަމާގުޅިގެން ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް ވިދާޅުވީ، ކޮމިޓީއަށް ހުށަހަޅައިގެން ކުރިއަށް ނުގޮސް ގިނަ ދުވަސް ތަކެއް ވެފައިވާއިރު އެ މައްސަލަ ހުށަހެޅި ހާލަތުވެސް މިހާރު ބަދަލުވެފައިވާ ކަމަށެވެ. އެހެން ކަމުން އެމައްސަލަ އަލުން ކުރިއަށް ގެންދޭތޯ، އެ މައްސަލަ ހުށަހެޅުއްވި މެންބަރާ ވާހަކަ ދެއްކުމަށްފަހު އެކަމަށް ކޮމިޓީން ގޮތެއް ނިންމުމަށްވެސް އޭނާ ހުށަހެޅުއްވިއެވެ.

ވިސާމްގެ އެ ހުށަހެޅުމަށް ތާއީދު ކުރައްވައި މަނަދޫ ދާއިރާގެ މެންބަރު އަހްމަދު ހާރޫނު ވިދާޅުވީ، މައްސަލަ ހުށަހެޅިތާ ދެއަހަރު ވެފައިވާއިރު، އެ މައްސަލަ ކުރިއަށް ގެންދިއުމާމެދު މެންބަރާ މަޝްވަރާ ކުރަންޖެހޭ ކަމަށެވެ. އެ ހުށަހެޅުން ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *