ޖޭއެސްސީއަށް ސުއޫދު އައްޔަން ކޮށްފި

ޖޭއެސްސީއަށް ސުއޫދު އައްޔަން ކޮށްފި

ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ސ. މީދޫ، ހަސަންކާރިގެ އަލްއުސްތާޛު ޙުސްނުއްސުޢޫދު މިއަދު ޢައްޔަނު ކުރައްވައިފިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޙުސްނުއްސުޢޫދު މި މަގާމަށް ޢައްޔަނު ކުރައްވާފައި ވަނީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޙުސްނުއް ސުޢޫދު، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަނު ކުރެއްވީ ޤާނޫނު އަސާސީގެ 158 ވަނަ މާއްދާގެ (ށ) އާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު (ޤާނޫނު ނަންބަރު 2008/10) ގެ 3 ވަނަ މާއްދާގެ 2 ވަނަ ނަންބަރުގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިން، ސުޕްރީމް ކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުން އިންތިޚާބުކުރާ އުއްތަމަ ފަނޑިޔާރު ފިޔަވައި އެހެން ފަނޑިޔާރެއްގެ ހައިސިއްޔަތުންނެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވުމުގެ ކުރިން ޙުސްނުއްސުޢޫދު ވަނީ، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމުގެ ހުވައި، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ކުރައްވާފައެވެ. ހުވައި ލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިންއެވެ. އަދި ހުވައިގެ އިޤްރާރުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙުސްނުއްސުޢޫދު ވަނީ ސޮއި ކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، ޙުސްނުއްސުޢޫދާ ޙަވާލު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *