މީޑިޔާ ކައުންސިލްގެ މެމްބަރުން، އެ ކައުންސިލުގެ ބައްދަލުވުމެއަގައި. ފޮޓޯ: މީޑިޔާ ކައުންސިލް

ރަޖިސްޓްރީ ނުކޮށް ހިންގާ ނޫސްތަކާމެދު ފިޔަވަޅު އަޅާނެ އުސޫލެއް ހަދަނީ

ރަޖިސްޓްރީ ނުކޮށް ހިންގާ ނޫސްތަކާމެދު ފިޔަވަޅު އަޅާނެ އުސޫލެއް ހަދަނީ

ނޫސް މަޖައްލާ ފަދަ ތަކެތި ރަޖިސްޓްރީ ކުރަން ދައުލަތުން ކަނޑައަޅާފައިވާ އޮފީހެއްގައި ރަޖިސްޓްރީ ނުކޮށް ހިންގަމުން އަންނަ އޮންލައިން ނޫސްތަކާމެދު އަމަލު ކުރާނެ އުސޫލެއް ހެދުމުގެ މަސައްކަތް މޯލްޑިވްސް މީޑިޔާ ކައުންސިލުން ފަށައިފިއެވެ.

މީޑިޔާ ކައުންސިލުން ބުނީ މިގޮތަށް އުސޫލެއް ކަނޑައަޅަން މަސައްކަތް ފަށަން ޖެހުނު ސަބަބަކީ އެފަދަ ބަޔެއް މީޑިޔާ ތަކުން ހަގީގަތާއި ޚިލާފު ދޮގު ވާހަކަ އާންމުންގެ ތެރޭގައި ފަތުރަމުން އަންނާތީ ކަމަށެވެ. އެގޮތުން ހަގީގަތެއް ނެތް ދޮގު ވާހަކަ ފަތުރާ އޮންލައިން ތިން މީޑިޔާއެއް އެ ކައުންސިލަށްވެސް ފާހަގަ ކުރެވިފައިވާ ކަމަށް ބުނެފައިވެއެވެ. އެ ތިން ނޫހަކީ "ކުރުސީ" އާއި "ދިޔަވަރު" އަދި "ދޮންއަމާ" ކިޔާ ނޫހެއް ކަމަށްވެސް ކައުންސިލުން ނެރުނު ބަޔާނުގައިވެއެވެ.

މީޑިއާ ކައުންސިލުގެ ޤަވައިދުގެ 36 ވަނަ މާއްދާގައި، މައުލޫމާތާއި ހިޔާލާއި ޚަބަރު ފެތުރުމަށްޓަކައި ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެންނާއި ނުކޮށް ހިންގާ ވެބްސައިޓު ތަކަކީ ވެސް "މީޑިއާ" ކަމަށް މާނަކުރާތީ އެ ތަންތަން މޮނިޓާކުރުން އެ ކައުންސިލުގެ މެންޑޭޓުގައި ހިމެނޭ ކަމުގައި ކައުންސިލުން ވަނީ ބުނެފައެވެ.

މީޑިޔާ ކައުންސިލުން ބުނީ ރަޖިސްޓްރީ ނުކޮށް ހިންގާ ނޫސްތަކާމެދު އަމަލު ކުރާނެ އުސޫލެއް ހެދި ނަމަވެސް، ކައުންސިލުގެ މަގްސޮދަކީ އަދި ބާރު އަޅާނީވެސް ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ވީ އެންމެ ފުޅާކޮށް ހުޅުވާލާފައި ބޭއްވުމަށް ކަމަށެވެ. މީޑިޔާ ކައުންސިލުން ފާހަގަ ކޮށްފައިވާ ތިން ނޫހަކީ އާންމު ގޮތެއްގައި މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔަމުން އަންނަ ތިން ނޫހެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *