ފަނޑިޔާރު ސުއޫދު. ފޮޓޯ: އައްޑޫ ލައިވް

ސުޕްރީމް ކޯޓުގެ ފަރާތުން ޖޭއެސްސީއަށް ފަނޑިޔާރު ސުއޫދު

ސުޕްރީމް ކޯޓުގެ ފަރާތުން ޖޭއެސްސީއަށް ފަނޑިޔާރު ސުއޫދު

ސުޕްރީމް ކޯޓުގެ ފަރާތުން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ގައި އިންނަވާނީ ފަނޑިޔާރު ހުސްނުއްސުއޫދު ކަަމަށް ހަމަޖައްސައިފިއެވެ.

ރާއްޖޭގެ އެންމެ މަތީ ކޯޓު ކަމަށްވާ ސުޕްރީމް ކޯޓުން އެކަން ހާމަކޮށް އެކްސްގައި ބުނެފައި ވަނީ، ޖޭއެސްސީގައި ސުޕްރީމް ކޯޓު ތަމްސީލު ކުރެއްވުމަށް ފަނޑިޔާރު ހުސްނުއްސުއޫދު މިއަދު ހަމަޖައްސަވާފައިވާ ކަމަށެވެ.  ފަނޑިޔާރު ސުއޫދު، އެ ކޮމިޝަންގެ މެންބަރެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ، މިދިޔަ ހަތަރު އަހަރެއްހާ ދުވަހު އެ ކޮމިޝަނުގައި ސުޕްރީމް ކޯޓުގެ ފަރާތުން ތަމްސީލު ކުރައްވަމުން ގެންދެވި ފަނޑިޔާރު އައިޝާ ޝުޖޫންގެ ބަދަލުގައެވެ.  ނަމަވެސް މި ބަދަލު ގެނައި ސަބަބެއް ސުޕްރީމް ކޯޓުން ބުނެފައެއް ނުވެއެވެ.

ޖޭއެސްސީ އެކުލެވިގެން ވަނީ އުއްތަމަ ފަނޑިޔާރު ފިޔަވައި ސުޕްރީމް ކޯޓުން ކަނޑައަޅާ ފަނޑިޔާރެއްގެ އިތުރުން، ހައި ކޯޓުން އިންތިޚާބުކުރާ އެ ކޯޓުގެ ފަނޑިޔާރަކާއި، ދަށު ކޯޓު ތަކުން އިންތިޚާބުކުރާ ދަށު ކޯޓުގެ ފަނޑިޔާރަކާއި، ޤާނޫނީ ވަކީލުންގެ ތެރެއިން އިންތިޚާބު ކުރާ ވަކީލެއްގެ އިތުރުން ދައުލަތުގެ ބަންޑާރަ ނައިބާއި، ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ މެންބަރަކާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި، ސިވިލް ސާވިސް ކޮމިޝަންގެ ރައީސް އާއި، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ އެ މަޖިލީހުގެ މެންބަރަކާއި، މަޖިލީހުން ކަނޑައަޅާ އާންމުންގެ މީހެއް ހިމެނޭ ގޮތަށެވެ.

މިހާރު ޖޭއެސްސީގެ ރައީސަކީ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެ ކޮމިޝަނަށް ކަނޑައަޅާފައި ހުންނަވާ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *